އިންޑިޔަން އައިޑޮލް ސީޒަން 11 އިގެ ޓްރޮފީ ސަނީ ހިންދުސްތާނީ އުފުލާލައިފި އެވެ.
އިންޑިޔަން އައިޑޮލްގެ ސީޒަން ފިނާލޭގައި ރޭ ސަނީ ޓްރޮފީ އުފުލާލިއިރު އޭނާއަށް ކާމިޔާބުވާނެކަމަށް މީގެކުރިންވެސް ގިނަބަޔަކު ލަފާކުރި އެވެ.
އައިޑޮލް ވިނާއަށް ލިބޭ 25 ލައްކަ ރުޕީޒްގެ ފައިސާގެ އިނާމާއި ޓާޓާ އަލްޓްރޯޒް ކާރެއްގެ އިތުރަށް އިންޑިޔާގެ އެންމެ ބޮޑު ފިލްމީ ކުންފުނި ޓީ ސީރީޒުން އުފައްދާ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތުވެސް ސަނީއަށް ވަނީ ލިބިފައެވެ.
ސަނީގެ ލަވަކިޔުމުގެ ފާޑު ގިނަބަޔަކު ވައްތަރު ކުރަނީ ޕާކިސްތާނުގެ މަޝްހޫރު ކަވާލީ ކިޔުންތެރިކާ ނުސްރަތު ފަތެހް އަލި ޚާންގެ ލަވަކިޔާ ގޮތާއެވެ. އައިޑޮލްގެސްޓޭޖުގައިވެސް އޭނާ ވަނީ ނުސްރަތުގެ ގިނަ ލަވަތަކެއް ހުށަހަޅައިދީފަ އެވެ.
އިންޑިޔަން އައިޑޮލްގެ ސީޒަން 11 ކުރިއަށް ދިޔައިރު ސަނީއަށް ވަނީ ބޮލީވުޑް ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ލިބިފައެވެ. އެއީ މިދިޔަމަހު ރިލީޒްކުރި ކަންގަނާގެ "ޕަންގާ"ގެ އިތުރަށް 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "ދަ ބޮޑީ" އަށެވެ.
މީގެ އިތުރަަށް އަމިތު ކުމާރާއި، ހިމޭޝް ރޭޝަމިޔާގެ އިތުރުން ބައްޕީ ލެހެރީގެ ލަވަތަކެއްވެސް ސަނީ ރެކޯޑުކުރި އެވެ. މިލަވަތައް އަދި ރިލީޒްއެއް ނުކުރެއެވެ.
އިންޑިޔަން އައިޑޮލްގެ ފަސްޓް ރަނަރަޕްއަކީ ރޯހިތު ޝާމް ރައުތެވެ. ސެކަންޑް ރަނަރަޕްއަކީ ފިނާލޭއަށް ދިޔަ ހަމައެކަނި އަންހެން ބައިވެރިޔާ އަންކޯނާ މުކަރްޖީ އެވެ.