މައްކާގައި ދިރިއުޅޭ އަންހެނެއްގެ ވާހަކަ ކިޔައިދޭ ރެޕް ލަވައެއް ރެކޯޑުކޮށް އޭގެ ވީޑިއޯ ކުޅުނު ސައުދީގެ ލަވަކިޔުންތެރިޔާ އަޔާސަލް ސްލޭ ހައްޔަރުކުރަން ސައުދީ އަރަބިއާގެ އޮފިޝަލުން ގޮވާލައިފިއެވެ.

އަޔާސަލްގެ މިރެޕްގައި މާތްވެގެންވާ މައްކާގެ ބިމުގައި ދިރިއުޅޭ އަންހެނަކު ސިފަކޮށްފައިވަނީ "ބާރުގަދަ އަދި ރީތި" ކުއްޖެއްގެ ގޮތުގައެވެ. ސޯޝަލް މީޑިއާގައި މިލަވަ ވައިރަލްވުމާއެކު ގިނަ ބައެއްގެ ނުރުހުން އަޔާސަލްއަށް ލިބުނެވެ. އެގޮތުން އަމިއްލައަށް މާތް ވާން އުޅޭކަމަށާއި، މައްކާފަދަ މާތް ބިމަކާ ގުޅޭގޮތުން ރެޕް ލަވައެއް ހެދުމަކީ އިޚުތިރާމް ކުޑަކުރުންކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ.

ނިމިދިޔަ ހަފްތާގައި ޔޫޓިއުބުގައި އާންމުކުރި މި ވީޑިއޯގައި އަޔާސަލް ހުންނަނީ ބުރުގާ އަޅައިގެންނެވެ. އަދި ލަވައިގެ ވީޑިއޯ ބާރއެއްގެ ތެރޭގައި ނަގާފައިވާއިރު އަންހެން އަދި ފިރިހެން ނެށުންތެރިންވެސް ތިބެނީ ނިވާކަން ބޮޑު އަންނައުނުގައެވެ. މިހާރު މިވީޑިއޯ ވަނީ ޔޫޓިއުބުން ނަގާފައެވެ. އަދި އަޔާސަލްގެ ޔޫޓިއުބް އެކައުންޓުވެސް މިހާރުވަނީ ސަސްޕެންޑުކޮށްފައެވެ.

"ހުރިހާ އަންހެނުންނަށްވެސް އިޚުރިރާމް ކުރަން. އެކަމަކު މައްކާ އަންހެން ކުއްޖާއަކީ ޝުގަރ ކޭންޑީއެއް" މި ރެޕްގައި ކިޔާދެއެވެ.

އަޔާސަލްގެ މިލަވައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސައުދީ ރަސްގެފާނަށްވެސް އަމާޒުވިއެވެ. އެގޮތުން މާރިއާ ކެރޭ، ނިކީ މިނާޖް އަދި ބީޓީއެސް ފަދަ ފަންނާނުން ސައުދީގައި މިޔުޒިކް ޝޯވތައް ދިނުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފައިވާތީ އެކަމަށް ގިނަ ބަޔަކު ފާޑު ކިޔެވެ. މިމީހުން ބުނަނީ މިއީ "ޑަބަލް ސްޓޭންޑާޑް" ކަމަށެވެ.

އެހެން ޤައުމުތަކުގެ ލަވަކިޔުންތެރިންނަށް މިނިވަންކަން ދީފައި ސައުދީން މަސައްކަތް ކުރަނީ ސައުދީ ފަންނާނަކު ލަވައެއް ކިޔުމުން އެކަން ކުރިޔަ ނުދޭންކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނެއެވެ.

ސައުދީގެ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ދަނީ "ވިޝަން 2030" ގެ ނަމުގައި ސައުދީ ރިފޯމްކޮށް ޒަމާނީ ތަރައްޤީ އެޤައުމަށް ގެނައުމުގެ ވިސްނުމުގައި ޕްރޮގުރާމުތަކެއް ހިންގަމުންނެވެ. އެގޮތުން ސައުދީގައި ސިނަމާއެއް ހަދާ އަންހެނުންނަށް ސިނަމާއަށް ވަނުމުގެ ހުއްދަ ދިނުމާއި، ސައުދީގައި މިޔުޒިކް ޝޯވތައް ބޭއްވުމުގެ ހުއްދަ ދޭން ފެށީވެސް މިޕްރޮގުރާމުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.