ރާއްޖެއިން ނައްތާލާފައި ވަނިކޮށް އަނެއްކާވެސް ފެންނަން ފަށާފައިވާ ހިމަބިހި އިތުރަށް ފެތުރުނަނުދިނުމަށް ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނެއް ފަށައިފިއެވެ.

އަމީނިއްޔާ ސްކޫލުގައި ހޯމަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހުކުރި މި ކެމްޕޭނަށް ދީފައިވާ ނަމަކީ "މަވެސް ޖަހައިފިން" އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ވަނީ އާންމު ސިއްހަތުގެ ގޮތުން އެތައް ކާމިޔާބީއެއް ހާސިލްކޮށްފައި ކަމަށާއި ވަކިން ޚާއްސަގޮތެއްގައި ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ރާއްޖެ ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. އެގޮތުން ސަރަހައްދީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ވެސް ކާމިޔާބީތައް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. މިއަހަރަކީ އާންމު ސިއްހަތުގެ އަހަރުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވައި ހެލްތު މިނިސްޓަރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގެ ވެރި އާބާދީއަކަށް ހެދުމަށް އަލުން ފަށަންޖެހޭ މަސައްކަތްތައް ފަށާނެ ކަމަށެވެ.

އަމީން ވިދާޅުވީ މިޒަމާނުގައި ސިއްހީގޮތުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި އެފަދަ ބަލިތަކުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ވަރަށް މުހިންމު ކަމަށެވެ. މިއަހަރަކީ އާންމު ސިއްހަތުގެ އަހަރުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމީ ވެސް އެހެންވެ ކަމަށެވެ.

މިއަހަރު ފަށައިގަންނަ މަސައްކަތްތައް ވާނީ ކުރިއަށް އޮތް އަހަރުތަކަށް އެޅޭ މުހިންމު ބިންގަލަކަށް ކަމަށާއި އެގޮތުން މި ފެށުނު ކެމްޕޭނަކީ ވެސް ވަރަށް މުހިންމު ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވެކްސިނަކީ އެތައް ބަލިމަޑުކަމަކުން ސަލާމަތްކޮށްދޭ ސިއްހީ އެންމެ މުހިންމު ފަރުވާ ކަމަށާއި އެހެންކަމުން ވެކްސިން ފުރިހަމަކުރުމަކީ އިޚުތިޔާރީ ކަމަކަށް ނުހަދައި އެއީ މަޖުބޫރު ކަމެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ވެކްސިން ޕްރޮގްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ތިންމަސް ދުވަހަށް މިގެންދާ ހަރަކާތުގައި ސްކޫލްތަކުގެ މުޅި އާބާދީއަށް ވެކްސިންގެ ކަންކަން ފުރިހަމަކުރާނެ. ހަމައެކަނި ސްކޫލް ކުދިންނެއް ނޫން، ވެކްސިން ފުރިހަމަކުރަންޖެހޭ ހުރިހާ އެންމެނަށް ވެކްސިން ފުރިހަމަކުރާނެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ވެކްސިން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެ.
ހެލްތު މިނިސްޓަރ

މިނިސްޓަރު ވިދާޅުވީ ވެކްސިން ޕްރޮގްރާމް ފުރިހަމަކުރުމަށް ފާއިތުވެދިޔަ އަހަރުވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި މިހާރު ކުރެވެނީ އެކަންކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ. ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ބަލިތައް މުޅި ދުނިޔޭގައި ފެތުރެމުންދާއިރު، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް މިނިސްޓަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރު ހުރެއްޖެނަމަ، އުނގެނުމަށް ހޭދަވާ ވަގުތު ގިނަވެ، ކިޔެވުމަށް ސަމާލުކަން ދީގެން ކުރިމަގު ބައްޓަންކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ. ވެކްސިނަކީ ދަރިވަރުން ގިނަ ބަލިތަކަކުން ރައްކާތެރިކޮށްދޭ ވަސީލަތަކަށް ވުމުން ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތައް ފުރިހަމަކޮށްފައިވޭތޯ ސްކޫލްތަކުން ކަށަވަރުކޮށް، މިނިސްޓްރީގެ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި ކަމަށް ވިދާޅުވިއެވެ.

ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ފުރިހަމަނުކުރާ އެއްވެސް ދަރިވަރަކު ސްކޫލަށް ފާހަގަވެއްޖެނަމަ އެދަރިވަރެއްގެ މައުލޫމާތު ވަގުތުން މިނިސްޓްރީގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނުން އެންގުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވެކްސިން ޕްރޮގްރާމްގައި ބައިވެރިކޮށް، އެފަދަ ކުދިންގެ ވެކްސިން ފުރިހަމަކުރަން އަޅުގަނޑުމެން މަސައްކަތް ކުރަން.
ސްޓޭޓް މިނިސްޓަރ

ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހައްގާއި، އެކަށީގެންވާ ސިއްހީ ފަރުވާ ލިއްބައިދިނުމާއި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ވާތީ، ދަރިވަރުންގެ ސިއްހީ ކަންކަމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ބެލެނިވެރިންނަށް ސްޓޭޓް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމަށް ޑަބްލިޔުއެޗުއޯއިން ކަނޑައެޅީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން ރާއްޖެއިން އަނެއްކާވެސް ހިމަބިހި ފެންނަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މިގޮތުން ހިމަބިހި ޖެހިފައިވާ މީހަކު މިފަހަރު ފުރަތަމަ ފެނުނީ ޖެނުއަރީ 8 ވަނަ ދުވަހުއެވެ. އެހިސާބުން ފެށިގެން މިއީ ހިމަބިހި ފެތުރުމުގެ ހާލަތެއް ކަނޑައަޅައި، މިކަމުން ސަލާމަތްވުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިފަހަރު ހިމަބިހި ފެންނަން ފެށި ފަހުން މިހާތަނަށް ޖުމުލަ 9 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ. އެންމެ ފަހުން މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، މިހާތަނަށް ވަނީ 10،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ. މިއަދު ފެށި "މަވެސް ޖަހައިން" ކެމްޕޭނަކީ އިތުރަށް ހިމަބިހި ފެތުރުނަނުދިނުމަށްޓަަކައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ކެމްޕޭންގައި 6 މަހާއި 18 މަހާ ދެމެދުގެ ތުއްތުކުދިންނަށް އެމްއާރު ވެކްސިންގެ އިތުރު ޑޯޒެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ދެޑޯޒް ފުރިހަމަނުކުރާ 18 މަހާއި 40 އަހަރާ ދެމެދުގެ ހުރިހާ އެންމެނަށް ވެކްސިން ޖަހާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ކެމްޕޭންގައި ދިވެހިންގެ އިތުރަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތިންމަސް ދުވަހަށް ކުރިއަށްގެންދާ މި ކެމްޕޭން ފުރަތަމަ ފަށާފައިމިވަނީ މާލޭގެ ސްކޫލްތަކުގައެވެ. މިގޮތުން ދެޑޯޒް ހަމަނުވާ ދަރިވަރުންނަށާއި 40 އަހަރުން ދަށުގެ ޓީޗަރުންނާއި މުވައްޒަފުންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި މި ކެމްޕޭން ކުރިއަށްގެންދާއިރު، ބޮޑެތި އޮފީސްތަކުގައި ވެސް ދެޑޯޒް ހަމަނުވާ 40 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރަށް އާންމުންނަށް ހުޅުވާލައިގެން ހަތަރު ސަރަހައްދެއްގައި ވެކްސިން ޖެހުން ކުރިއަށްގެންދެއެވެ. އެ ސަރަހައްދުތަކަކީ މާލޭގައި ސޯޝަލް ސެންޓަރާއި ދަމަނަވެށި، ހުޅުމާލޭގައި އެޗުޑީސީ އަދި ވިލިމާލޭގައި ފެރީ ޓާމިނަލެވެ.

މާލޭގައި ކެމްޕޭން މިއަދު ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖޭގައި މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.