ދެއަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގެ ރިޕޯޓް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފި އެވެ.

މި ރިޕޯޓް ފާސްކުރަން މަޖިލީހުން ފާސްކުރީ، މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، ކޮމެޓީން އިސްނަގައިގެން އެ މައްސަލަ ބަލަން ނިންމި މައިގަނޑު ސަބަބަކީ ކުޑަކުދިންނާއި މެދު އިހުމާލުވާ ފަރާތްތަކާއިމެދު އެކަށީގެންވާ ފިޔަވަޅެއް މުއްސަސާތަކަށް ނޭޅޭ ކަމުގެ ޝަކުވާ އާއި، ޗައިލްޑް ޕްރޮޓެކްޝަންގެ ޤައުމީ ނިޒާމްގައި ހުރި މައްސަލަތައް ކޮމެޓީން ފާހަގަކުރަންދިއަ ވަގުތެއްގައި ދެއަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވުމުން އެކަމުގައި ހުރި ނިޒާމީ މައްސަލަތައް ދެނެގަތުމަސް ކަމަށެވެ.

ޖީހާން ވިދާޅުވީ ކޮމެޓީ އަށް އެ މައްސަލައިގައި ޖުމްލަ 5 ހޯދުމަށް ހޯދުނު ކަމަށެވެ.

ޖީހާން ވިދާޅުވީ ދައުލަތުގެ މުއްއަސަސާތައް އެކުގައި މަސައްކަތް ނުކުރުމުގެ ސަބަބުން، މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލު ނުކުރެވި ހުރިކަން ފާހަގަކުރެވުނު ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އޭގެ ސަބަބުން މި މައްސަލައިގައި ކުޑަ ކުއްޖާއަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ދެފަރާތަކީވެސް މުއައްސަސާތަކުގައި އެފަރާތްތަކުގެ ޝަކުވާތައް އޮތް ދެފަރާތްތަ ކަމަށެވެ. އަދި އެފަދަ މައްސަލަތަކެއް ހުރިކަން އެނގިތިބެ އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބަކީ ތުއްތުކުއްޖާއަށް އެ މައްސަލަ ދިމާވާން މަގުފަހިކުރުވި އެއް ސަބަބުކަން ކޮމެޓީއަށް ފާހަގަވި ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.