ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިިސްތިއުނާފުގެ އިތުރު އަޑުއެހުމެއް އަންނަ މާރޗު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމާ މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސް ނިންމާލައިފިއެވެ.

މިއަދު މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ބެންޗުގެ ރިޔާސަތު ބަލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ ކަފާލަތް ނުދިން އަމުރު ރިވިއު ކުރާނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށެވެ. އަދި ރައީސް ޔާމީން ސިޓީގައި އެދިވަޑައިގެންފައިވާ އެ ހުށަހެޅުން ބަލައިނުގަންނަން ނިންމަވާފައިވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު ފަނޑިޔާރު އެންގެވީ މައްސަލަ އިސްތިއުނާފު ކުރި ސަބަބުތައް ޝަރީއަތަށް ހުށަހެޅުމަށެވެ. ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވަނީ 75 ނުކުތާއެއް އިސްތިއުނާފީ ނުކުތާގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ. ޝަރީއަތަށް ކަނޑައަޅާފައިވާ ވަގުތު ހަމަވީއިރު އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން 10 ނުކުތާއެއް ވަނީ ތަފްސީލުކޮށްދީފައެވެ.

އެގޮތުން ނުކުތާތަކުގެ ތަފްސީލުގައި މި މައްސަލައިގައި އޭސީސީއާ ފުލުހުން ގުޅިގެން ހިންގަން ޖެހެނީ ޖިނާއީ ތަހުގީގެއް ކަމަށާއި، ނަމަވެސް ހަމައެކަނި ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށްފައިވާތީ މިއީ ބާތިލު ތަހުގިގެއްކަން ރައީސް ޔާމީނުގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އިސްތިއުނާފީ މި މައްސަލާގައި ހިމެނޭ 75 ނުކުތާތަކަށް މާރޗު މަހުގެ 5 ވަނަ ދުވަހުގައި ޖަވާބުދާރީވުމަށް ދައުލަތަށް ވަނީ އަންގާފައެވެ. މިއަދުގެ ޝަރީއަތުގައި މައިގަނޑު ބިނާވެފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތަކެވެ.

އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔަ އިރު ޝަފައީ ދެ ހެކިން ކަމަށްވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަކީ ކުރީގެ މައްސަލައެއްގައި ޖަލަށްލެވިފައިވާ ފަރާތްތަކަކަށްވުމުން ރައީސް ޔާމީންއާއި ދޭތެރޭ ޒާތީ ހަދަސަވެރިކަމެއް އޮވެދާނެތީ އެކަންވެސް ވަނީ މިއަދުގެ އަޑުއެހުމުގައި ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމަށާއި ޖަލު ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން އެދުނަސް، ހައި ކޯޓުން ކުރިން ނިންމާފައި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ