ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ދެއްވައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި، އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ކަމާއިބެހޭ އިދާރާތަކަށް އިރުޝާދު ދެއްވެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެއްވި ބައްދަލުވުމުވުމުގައި ރައީސް ސޯލިހް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ޑޮކްޓަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި މި ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާވަނީ މި ބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާފައެވެ.

އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށްގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ، ރައީސުލްޖުމްހޫރިއްޔާވަނީ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދުދެއްވާފައެވެ.