އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މިމަހު ކަނޑައެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ހާމަކުރެއްވުމާއިއެކު އެކަމުގެ ވާހަކަތައް އަނެއްކާވެސް މިވަނީ އިތުރުވެގެން ގޮސްފައެވެ. މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާދީފައެވެ. މިހާ ހިސާބުން އުފެދެން ފެށި ސުވާލުތައް ގިނައެވެ. ޚާއްސަކޮށް ތައުލީމީ ދާއިރާގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ ހަސަން ހަމީދު ކުރެއްވި ސުވާލު ވަރަށް މުހިންމެެވެ.

ރާއްޖެއަކީ ގިނަބަޔަކު ވަޒީފާއަދާކުރާ ގައުމަކަށްވާއިރު އެކި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ގަޑިތައްވެސް ތަފާތެވެ. އެމްއެންޔޫގެ ޗާންސެލަރ ޑރ ހަސަން ހަމީދުގެ ސުވާލަކީވެސް މިއެވެ.

ޗާންސެލަރ ޑރ ހަސަން ހަމީދު ވަނީ މަސައްކަތުގެ ގަޑި އެކި ދާއިރާތަކުގައި ތަފާތުވާއިރު ހުރިހާ ދާއިރާއަކަށް އެއް އުސޫލަކުން މިނިމަމް ވޭޖް ކަނޑައަޅާނީ ކިހިނެއްތޯ ސުވާލުކުރައްވާފައެވެ. ސިވިލް ސާރވިސްގެ މުވައްޒަފަކު ހަފްތާއަކު ހަމަކުރަންޖެހެނީ 27 ގަޑިއިރާއި ބަޔަށް ވާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުން ފިޔަވައި އެހެން މުވައްޒަފުން ހަފުތާއަކު 48 ގަޑިއިރު މަސައްކަތުގެ ވަގުތުގެ ގޮތުގައި ހޭދަކުރަންޖެހޭކަން ޗާންސެލަރ ޑރ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ކުޑަ އުޖޫރަ ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ސިއްހީ ޚިދުމަތުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ތައުލީމީ ދާއިރާގެ އިތުރަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އެވެ.

މަަސައްކަތު ވަގުތު އެކި ދާއިރާތަކުގައި ތަފާތުވާއިރުވެސް، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވާ 6،400 ރުފިޔާއަކީ އެންމެ ރަގަޅު އަދަދުތޯ މިއީ ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ.

މިދިޔަ އަހަރުން ފެށިގެން މިނިމަމް ވޭޖް ކަނޑައެޅުމުގެ ވާހަކަ ދެކެވެމުންދާއިރު މިމަސް ނިމުމުގެ ކުރިން މިނިމަމް ވޭޖްގެ ގޮތުގައި ދޭނެ އަދަދު އިއުލާނު ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ބޯޑުން ހުށަހަޅާފައިވާ އަދަދާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމަށާއި މި އަދަދަކީ ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ހުށަހެޅި އަދަދެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ކުދި ވިޔަފާރިތަކަށް ބަލާއިރު މިހާރު ހުށަހަޅާފައިވާ މިންވަރަކީ މުސާރައިގެ ގޮތުގައި އެފަރާތްތަކުން، ދެވޭނެ އަދަދެއް ކަމާ މެދު ކަންބޮޑުވުންތައް ހުރިކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅާ އެއަށް އަމަލުކުރަން ތައްޔާރުވަމުންދާއިރު އެންމެ ފުރަތަމަ މިނިމަމް ވޭޖް ދޭން ފަށާއިރު ރާއްޖޭގައި ގިނަ އަދަދަކަށް އުޅެމުންދާ ބިދޭސީން އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.