ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލަކީ މާލެއަށް ބާރުތައް ޖަމާކުރެވޭގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެ މެމްބަރު އިބްރާހީމް ރަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމްޑީޕީ މެންބަރުންގެ މެދުގައި ވަރުގަދަ ބަހުސެއް ހިނގައިފި އެވެ.

މާލެއަށް އަނެއްކާވެސް ބާރުތައް ޖަމާކުރަންއުޅޭ މަންޒަރު ފެންނަކަމަށް ވިދާޅުވެ ބައެއް މެންބަރުން ވާހަކަފުޅުދެއްކެވީ، މި ބިލަކީ އެޖެންޑާ19ގެ ސިޔާސަތާއި އެއްގޮތަށް ފަރުމާކޮށްފައިވާ ބިލެއް ނޫންކަމަށް ވިދާޅުވެ މެމްބަރު އިބްރާހީމް ރަޝީދު ވަނީ ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ މިބިލުގައި މިވަނީ އަނެއްކާވެސް މާލެއަށް "ބާރުތައް ޖަމާކުރުން" ކަމަށާއި، ޔުލިޓިލީސް އޮތޯރިޓީއެއް ހެދުމަށްފަހު ބޯޑަށް މިނިސްޓަރުންނާއި ވުޒާރާތަކުން މުވައްޒަފުންލުމަށްފަހު، އަނެއްކާވެސް އޭގެތެރެއިން ފެނާއި ނަރުދަމާ ކޮންޓްރޯލްކޮށްފައިވާކަމަށެވެ.

އެހެންކަމުން މީގެ ނިޔަތް ސާފުވާންޖެހޭ ކަމަށާއި، ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވާއިރު އެ އޮންނަންވާނީ އެމްޑީޕީގެ ސިޔާސަތާއި އެއްގޮތަށް ކަމަށާއި، ރައްޔިތުން ވޯޓުދިނީ ސިޔާސަތަކަށްކަން އެނގެން އެބަޖެހޭ ކަމަށް މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ ރާއްޖޭގައި ޔުޓިލިޓީސް ކުންފުނިތަކެއް އުފައްދައިގެން ޚިދުމަތްދިންއިރު ރައްޔިތުންނަށް އޭގެ ފައިދާލިބި ކަރަންޓްގެ އަގުވެސް ހެޔޮވެގެންދިއަ ކަމަށެވެ.

އެހެންކަމުން ކަރަންޓާއި ހަކަތައާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ލާމަރުކަޒު ކުރުމުގެވާހަކަ ދައްކާއިރު، ބިލްގައި މިހާރުއޮތްގޮތަށް ބާރުތައް އެއްތަނަކަށް ޖަމާކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ.

އަޅުގަނޑަށް ވާހަކަދެއްކޭނީ މި ބިލްގަ އޮންނަ ގޮތަށް. ސަރުކާރުވިއަސް ސަރުކާރުނޫންވިއަސް. ސިޔާސަތަކަށް ވޯޓުދެއްވީ ރައްޔިތުން. އެޖެންޑާ19ގައި އެބައޮތް ވަރަށްސާފުކޮށް ސިޔާސަތު. މިހާރުވެސް އެބައޮތް އެނާޖީ އޮތޯރިޓީކިޔާ އޮތޯރިޓީއެއް. އަހަރުވެގެންދިއައީ އިއްޒަތްތެރިރައީސް. ކީއްވެގެންތޯ އެ އޮތޯރިޓީއަށް ކަރަންޓާ ފެނާ މިކަންތައްތައް ހަމަނުޖެއްސެނީ. ސްޓެލްކޯގަ ހަމަ އެއްޗެއް އަހާލާއިރަށްބުނޭ، އެނާޖީއޮތޯރިޓީން ނިންމީމައޭ. މާލެއަކީ ތޮއްޖެހިފައޮތް ތަނެއް. މާލޭގަ ވިޔަފާރިބޭނުމަށް އިންތިހާއަށް އެބަބޭނުންކުރޭ ސަރުކާރުގެ އިދާރާތަކާ އޮފީސްތަކުގަ، ކަރަންޓް އެބަބޭނުންކުރޭ. އެކަރަންޓްބިލްތައް މިއަންނަނީ ގޭބިސީއަށް. އެންމެ ނިކަމެތިމީހާ ގޭބިސީއަށް އެބައާދޭ އެއީ މާލޭގަ ކަރަންޓް ބޭނުންކުރާލެއް ގިނަވީމާ ޔުނިޓް އަގުބޮޑުވަނީއޭ. ގިނައިން ބޭނުންކުރީމާ އަގުބޮޑުވަނީއޭ. އެކަމަކު އެއީ އިންސާފެއް ނޫނެއްނޫންތޯ؟
މެންބަރު އިބްރާހިމް ރަޝީދު
މެންބަރު ހުސެން ޝަމީމް

މެންބަރު އިބްރާހީމް ރަޝީދުގެ ވާހަކަފުޅަށް ނުރުހުންފާޅުކުރައްވައި ނިޒާމީ މައްސަލަ ނަންގަވައި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މެންބަރު ވާހަކަފުޅުދައްކަވަނީ ބިލަށް ނޫންކަމަށެވެ.

މަޖިލީހުގައި ނިޒާމާއި ބެހޭ މައްސަލަ ނަންގަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުޝައިން ޝަހީމް ވެސް ވިދާޅުވީ، އެ ބިލްގެ ވާހަކަ މެންބަރު ދައްކަވަނީ ބިލްގައި އޮތް އެއްޗެއް ނުބަލައި ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށެވެ.

މި ބިލަށް ބަހުސްކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބުދުލް މުޣުނީ ވިދާޅުވީ މިއީ މުހިންމު ބިލެއް ކަމަށެވެ. ނަމަވެސް މި ބިލްގެ މަގުސަދަކަށް ވާންވާނީ ރާއްޖޭގެ ސަރަހައްދީ ބާރުވެރިކަން ހޯދައިދިނުން ކަމަށާއި، ނަމަވެސް މިބިލްގައި އޮތީ ހަމަ މާލެއިން ކޮންޓްރޯލް ނަގައި މާލެއިން އަތޮޅުތެރޭގެ ކަރަންޓާއި ފެނުގެ އަގު ކަނޑައަޅައި ރައްޔިތުން މާލެއަށް ބަރޯސާވެގެންދާނެ ގޮތަށް ކަމަށެވެ.

މެންބަރު މުހައްމަދު ޝަފީޤް

ނަމަވެސް މިބިލަށް ބަހުސްކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީޤް ވިދާޅުވީ މިއީ ޔުޓިލިޓީ ރެގިއުލޭޓްރީ ބޮޑީއެއް އުފެއްދުމަށް ފޮނުވާފައިވާ ބިލެއް ކަމަށާއި، ޚިދުމަތްތަކާއި ގުޅޭ ބިލެއް ނޫންކަމަށެވެ. އަދި މި ބިލްގެ ޤާނޫނަކަށްވެ އުފެދިގެންދާ ރެގިއުލޭޓްރީ ބޮޑީން ބަލާނީ އެ ޚިދުމަތްތައް ސަރަހައްދުތަކުގައި ދެމުންގެންދަނީ ރަނގަޅަށްތޯ ބަލައި އެކަންކަން ރެގިއުލޭޓް ކުރާ ޤާނޫނު ކަމަށެވެ.

ކަރަންޓާއި ފެނާއި ކުންޏާއި ގުޅޭ ޤާނޫނުތައް އަންނާނީ ވަކިން ކަމަށާއި، މިޤާނޫނާއި އެކު މިހާރު އޮތް އެނާޖީގެ އޮތޯރިޓީގެ ނަން ބަދަލުވެ ޚިދުމަތްތައް ފުޅާވެގެންދާނެ ކަމަށް މެންބަރު ޝަފީޤް ވިދާޅުވި އެވެ.

ޔޫޓިލީޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ބެހޭ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ ސަނީފު އެވެ.

މި ބިލުގެ މަގުސަދަކީ ޔުޓިލިޓީޒް ޚިދުމަތްތައް ތަންފީޒު ކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމެވެ. އަދި އާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނެވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުން ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.