ރާއްޖޭގައި ބިން ހިއްކުން އެއްކޮށް ހުއްޓުވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ތިމާވެށި ހިމާޔާތްކުރުމާއި މިފަދަ މަސައްކަތްތަކަށް، ރައީސް ނަޝީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ކަމުގައިވާ ކޮރަލް އިންސްޓިއުޓުން އިންތިޒާމްކޮށްގެން ބާއްވާ ކޮރަލް ފެސްޓިވަލްގެ ތެރެއިން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަންތަކުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މިޑިސްކަޝަންތަކުގެ ތެރޭގައި ޚިޔާލުފާޅު ކުރުމާއި، ސުވާލު ކުރުމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުންވެސް ގިނަބަޔަކު ބައިވެރިވެފައިވާ މި ޑިސްކަޝަންގައި، މިއިީ ހަމައެކަނި މި ގައުމަށް ދިމާވެފައިވާ ކަމެއް ނޫންކަމަށް ވިދާޅުވެ ކުރިއަށްއޮތް 10 އަހަރަށް ފަޅުހިއްކުން ހުއްޓާލުމަށް އެދިވަޑައިގެން ބައިވެރިއަކު ފާޅުކުރެއްވި ޚިޔާލާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މުައްދަތަކަށް ފަޅުހިއްކުން އެއްކޮށް ހުއްޓާލެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ ކަންކަމާ ދޭތެރޭ ސަރުކާރުގެ އޮތީ ރަނގަޅު ނިޔަތެއް ކަމަށެވެ.

އެހެންނަމަވެސް ފަޅު ހިއްކުން އެއްކޮށް ހުޓުވިދާނެ ކަމާމެދު ޝައްކު އުފެދޭ ކަމަށާއި އެއްވެސް މުއްދަތަކަށް އެކަން އެހެން ކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަޅު ހިއްކުމަކީ އެއްވެސް ހާލެއްގައި އެމަނިކުފާނު ބޭނުންފުޅުވެގެން ކުރައްވާ ކަމެއް ނޫން ކަމަށެވެ. ފަޅު ހިއްކުމަކީ އެއްވެސް ވަރަކަށް ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެކަމަކީ ރައްޔިތުން އެކި ގޮތްގޮތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

އެގޮތުން މިހާރުވެސް ދައުލަތުގެ އިދާރާތަކަށް ބަލާއިރު ގިނަ އަދަދެއްގެ ރިސޯޓުތަކުން ފާލު ހިއްކުމަށް އެދި ހުށަހަޅާފައި ވާކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މިކަމަށް އެދޭ މިންވަރަށް ބަލައި ފަޅު ހިއްކުމުގެ ބަދަލުގައި ބިން ހޯދުމަށް ބޭނުން ކުރެވިދާނެ އެހެން ވަސީލަތްތަކެއް ނުވަތަށް އެކަމަށް އެހެން މަގެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެއީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މިވަގުތަށް އޮތް ހައްލަކީ ފަޅު ހިއްކުމާއި ބިން ހޯދުމުގައިވެސް ފަރުތަކަށް އެންމެ ގެއްލުން ކުޑަވާނެ ގޮތެއް ހޯދައި އެގޮތެއް ޚިޔާރުކުރުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ފަޅު ހިއްކުމަކީ ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އައި ކަމަކަށްވާއިރު މިހާތަނަށް މިމަސައްކަތް ކުރުމުގައި ތިމާވެއްޓާއި ފަރުތަކާމެދު ވިސްނާލާފައި ނުވާމިންވަރު ފެނި ހިތާމަ ކުރައްވާ ކަމަށެވެ.

އާންމުކޮށް ފަޅު ހިއްކުމުގެ މަސައްކަތަކީ، ވެލިތައްގޮސް ފަރުމައްޗަށް ނުފައިބާނެ ގޮތަކަށް ހުރަސް ބޭނުންކޮށް އެވަރަށް ބަލަހައްޓައިގެން ކުރާ މަސައްކަތެއް ކަމަށާއި ޜާއްޖޭގައި މިހާދުވަހު މިކަން ކޮށްފައިވާއިރުވެސް އެންމެ ކުޑަމިނުން އެވަރުވެސް ކޮށްލާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ކ. ތުލުސްދޫގައި ބާއްވާ ކޮރަލް ފެސްޓިވަލަކީ ކޮރަލް އިންސްޓިއުޓްގެ މަސައްކަތުގެ މަގުޗާޓު އެކުލަވާލުމަށް ބޭއްވި ވޯރކްޝޮޕްއަށް ފަހު، ބޭއްވި ހާއްސަ ހަރަކާތެކެވެ. މި ފެސްޓިވަލް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

ލައިވް މިއުޒިކާއި، ވިޔަފާރި ސްޓޯލްތައް ހިމެނޭގޮތަށް ތަފާތު އެކިއެކި ހަރަކާތްތަކާއެކު ކުރިޔަށްގެންދިޔަ މިފެސްޓިވަލްއަކީ އާންމުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އިވެންޓެކެވެ.

އެގޮތުން މަޝްހޫރު ފޮޓޯގްރާފަރ ޑަބަލްޑޮޓްގެ ވައިޓް ފަޔަރ އާޓް އެގްޒިބިޝަންއާއި، ޓޮކްސިކްރޫ ސޮބާގެ މިއުރަލް ކުރެހުމުގެ ހަރަކާތްތައެއްވެސް ބައިވެރިންނަށް ދައްލާފައި ވެއެވެ.

މި ހަރަކާތުގައި އާންމުންގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގައި ރާއްޖޭގައި ހަރަކާތްތެރިވާ ތަފާތު އެކި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގެ ތެެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަން ތަކުގައި ރާއްޖޭގެ ކަމާ ގުޅުންހުރި އެކި ވަޒީރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ފިޝަރިޒް މިނިސްޓަރ ޒަހާ ވަހީދު އާއި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރަށް، އެންވާރަމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް މިހަރަކާތަށް ޒިޔާރަތްކުރައްވައި ބައިވެރިވެވަޑައިގެންފައި ވެއެވެ.