ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި 'އަތޮޅު' މޮޑިއުލް ގެ ނަމުގައި އިމިގްރޭޝަނުން ވިއުގައެއް ތައާރަފްކޮށްފިއެވެ.

މިވިއުގަ ތަޢާރަފްކޮށްދެއްވީ މިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމްއެވެ.

'އަތޮޅު' މޮޑިއުލް އަކީ އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ކަމާއިގުޅުންހުރި ތަންފީޒީ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ވިއުގައެކެވެ.

މި ވިއުގައިގެ ސަބަބުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގައި ކައުންސިލްތަކުން ކުރާ މަސައްކަތަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެ. އަދި މިކަމުން ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ މި ވިއުގައަކީ ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް ފަރުމާކޮށްފައިވާ ވިއުގައެއް ކަމަށެވެ. މި ވިއުގަ ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކަށް ދެނެގަނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ބިދޭސީން، އެއްރަށުން އަނެއްރަށަށް ހިޖުރަކުރާއިރު އެމީހުންގެ ހަރަކާތްތައް މި ވިއުގައިން ފުރިހަމައަށް އެނގިގެން ދާނެއެވެ.

މީގެއިތުރުން މި ވިއުގަ ބޭނުންކޮށްގެން، ބިދޭސީންގެ ސައްހަ މަޢުލޫމާތު ހިމެނޭގޮތަށް ރަށްވެހި ބިދޭސީ އާބާދީ ބެލެހެއްޓޭނެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންނަކީ ރާއްޖޭގައި ހުރުމުގެ ހުއްދައާ އެއްގޮތަށް ނުވަތަ ހުއްދައާ ޚިލާފަށް އުޅޭ ބިދޭސީންކަން، މިމަޢުލޫމާތުގެ އަލީގައި ދެނެގަނެވޭނެއެވެ.

އިމިގްރޭޗަނުން ބުނީ މިވިއުގަ އިތުރަށް ފުރިހަމަވެގެންދަނީ، އިމިގްރޭޝަންގައި ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ނިޒާމުތަކާއި ގުޅިފައިވާ ވިއުގައެއްކަމުގައި ވުމާއި، އަދި އަދާހަމަ މައުލޫމާތު ހިނދުންހިނދަށް ލިބޭނޭ ނިޒާމެއް ކަމުގައި ވުމުން ކަމަށެވެ.

މިހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން، ޖޫން 2020 އިން ފެށިގެން މިވިއުގައަށް ބަޔޯމެޓްރިކްސްގެ ގާބިލްކަން އިތުރުކުރެވޭނެއެވެ. އެއާއެކު ބަޔޯމެޓްރިކްސް ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ޝަހުސު ދެނެގަނެވޭނެއެވެ. މިގޮތުން، އިނގިލީގެ ނިޝާން ބޭނުންކޮށްގެން ބިދޭސީ މީހާގެ ޝަހުސު ދެނެގަނެވި، އަދި ރާއްޖޭގައި ހުރުމަށް އެފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލް ޔަގީންކުރެވޭނެ ކަމަށް އިމިގްރެޗަނުން ބުނެފައިވެއެވެ.

ހަމަމިއާއެކު، މޫނުގެ ސިފަ ބޭނުންކޮށްގެން، ސްމާރޓް ފޯނު މެދުވެރިކޮށް ބިދޭސީ މީހާގެ ޝަހުސު އަދި ރާއްޖޭގެ ހުރުމަށް އެފަރާތަށް ދޫކޮށްފައިވާ ހުއްދައިގެ ތަފްސީލް ބެލޭނެއެވެ.

ބިދޭސީންގެ މައްސަލައަކީ ރާއްޖޭގެ ސަލާމަތާއި ގުޅުންހުރި ކަމަކަށް ވީހިނދު، މި މަސައްކަތަކީ މިމައްސަލަތައް ހައްލުކުރުމަށްޓަކައި އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.