މިފެށޭ މާޗްމަހު ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންދިޔަ 9 ވަނަ ގައުމީ ސްކައުޓް ޖަމްބޮރީ ފަސްކޮށްފިއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރ އާއިޝަތު އަހުލާން ސޮއިކުރައްވައި، ރާއްޖޭގެ ސްކޫލްތަކަށް އަންގާރަ ދުވަހުގެރޭ ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސްކައުޓް ޖަމްބޮރީ ފަސްކުރީ، މިދުވަސްވަރަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ތަފާތު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަމީހުން އެތަންވެއުޅޭ އެކި ކަހަލަ ހަރަކާތްތައް މިދުވަސްވަރު ކުރިއަށް ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާތީއާއި، ގައުމީ ސްކައުޓް ޖަމްބޮރީއަކީ ގިނަ އަދަދެއްގެ ސްކައުޓުންނާއި އާންމުން އެއްތަންވާނެ ހަރަކާތެއްކަމުން، 9 ވަނަ ގައުމީ ސްކައުޓް ޖަމްބޮރީ އޮގަނައިޒިންގ ކޮމިޓީން ޖަމްބޮރީ ފަސްކުރުމަށް ނިންމުމާއި ގުޅިގެން ކަމަށެވެ.

ހަމަ އެއާއެކު، ގައުމީ ސްކައުޓް ޖަމްބޮރީ ދެން ބައްވާނެ ތާރީޚެއް ކަނޑައަޅާނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގަވާފައިވާ ގޮތަށް، އެ މިނިސްޓްރީގެ ސްކޫލް ހެލްތު ޔުނިޓް މެދުވެރިކޮށް އެޗްޕީއޭގެ ލަފައެއް ހޯދުމަށްފަހުގައި ކަމަށާއި، އެކަމުގެ މަޝްވަރާތައް ނިމުނުހާ އަވަހަކަށް އެކަން ސްކޫލްތަކަށް އަންގާނޭ ކަމަށް، ސްކައުޓް އެސޯސިއޭޝަންގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

މާޗްމަހުގެ 7 – 13 ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންދިޔަ ގައުމީ ސްކައުޓް ޖަމްބޮރީއަކީ، 13 އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ބާއްވާ ފުރަތަމަ ޖަމްބޮރީއެވެ.

މި ޖަމްބޮރީގައި ރާއްޖޭގައި ސްކައުޓް ހަރަކާތްތައް ހިންގާ 49 ސްކޫލަކުން އެއްހާސް ފައްސަތޭކަޔާ ގާތްކުރާ އަދަދަށް ސްކައުޓުން ބައިވެރިވެފައިވާ ކަމަށާއި، ސްލޫކްތަކުގެ ލީޑަރުންނާއި، ޖަމްބޮރީ ސްޓާފުންނާއި، އެކިއެކި ފަންނީ ބޭފުޅުންނާއެކު މުޅި ޖަމްބޮރީގައި ގާތްގަނޑަކަށް 2،500 މީހުން ހިމެނޭނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

ގައުމީ ސްކައުޓް ޖަމްބޮރީ ފަސްކުރިއިރު، މިފެށޭ މާޗްމަހު ޖަމްބޮރީ ބޭއްވުމަށްޓަކައި ސްކައުޓް އެސޯސިއޭޝަނުންވަނީ ޖަމްބޮރީއަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

އެގޮތުން، ޖަމްބޮރީއަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި އޯޑަރުކުރުމާއި، ގިނަ މަސައްކަތްތައްކޮށް، ވަރަށް ގިނަ ހޭދަތައްވެސް ވަނީ ކޮށްފައެވެ. އަދި ހުޅުމާލޭގައި ޖަމްބޮރީ ބާއްވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ކުންފުނިތަކުގެ އެހީގައި ވަނީ ފަށާފައެވެ.