92 ވަނަ އޮސްކާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު އުފުލާލީ ދެކުނު ކޮރެއާގެ "ޕެރެސައިޓް" އެވެ. އޮސްކާގެ ތާރީޚުގައިވެސް އިނގިރޭސި ބަހުން ނޫން އެހެން ބަހަކުން އުފެއްދި ފިލްކަމަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނު މިއީ ފުރަތަމަ އަހަރެވެ.

"ޕެރެސައިޓް" ގެ ނަން ތާރީޚުގައި ލިޔެވިގެން ދިޔައިރު މިއީ ކޮޕީ ފިލްމަކަށް ވެދާނެބާއެވެ؟

ތަމަޅަ ފިލްމު ޕްރޮޑިއުސަރު ޕީއެލް ތެނައްޕަން ވަނީ "ޕެރެސައިޓް" އަކީ އޭނާ އުފެއްދި ފިލްމެއްގެ ކޮޕީއެއްކަމަށް ދަޢުވާކުރަން ފަށާފައެވެ. އެގޮތުން އެފިލްމުގެ ވާހަކައަކީ 1999 ވަނަ އަހަރު ވިޖޭ ލީޑްރޯލުން ފެނިގެންދިޔަ "މިންސާރާ ކައްނާ" ގެ ވާހަކައިގެ ސީދާ ކޮޕީއެއްކަމަށް ތެނައްޕަން ބުނެއެވެ.

އިންޑިޔާގައި ހަދާ ބައެއް ފިލްމުތަކުގެ ވާހަކަ ކޮރެއާގެ ފިލްމުތަކާ ވައްތަރުވެގެން މީގެކުރިން ކޯޓުތަކުގައި ދަޢުވާކޮށްފައިވެއެވެ.

މިކަމަށް އެޑްރެސްކޮށް ތެނައްޕަން ބުނީ "ޕެރަސައިޓް" މައްސަލަ ދޫނުކުރާނެ ކަމަށާއި ބައިނަލްއަޤުވާމީ ލޯޔަރުންގެ ޓީމަކާއެކު މިހަފްތާ ތެރޭގައި ދަޢުވާކުރާނެ ކަމަށެވެ.

ޕެރެސައިޓްގެ ޑައިރެކްޓަރު އަދި މިންސާރާ ކައްނާގެ ޕްރޮޑިއުސަރު

ރަވީ ކުމާރު ލިޔެ ޑައިރެކްޓުކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "މިންސާރާ ކައްނާ" ގައި ކިޔައިދެނީ ތަޢުލީމު ލިބިފައިނެތް ފަޤީރު އާއިލާއަކުން، މުއްސަނދި އާއިލާއެއްގެ ތެރެއަށް ވަނުމުން ހިނގާ ހާދިސާތަކެކެވެ. "ޕެރެސައިޓް" ގައިވެސް ކިޔާދެނީ ހަމަ މިކަހަލަ ވާހަކައެކެވެ.

ޑައިރެކްޓަރު ރަވީ ބުނީ އޭނާ ލިޔެ ޑައިރެކްޓުކުރި ފިލްމެއްގެ ކޮޕީއަކަށް އޮސްކާގެ ގިނަ އެވޯޑުތަކެއް ލިބުމުން އުފާކުރާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ފިލްމަށް ލިބެއްޖެހޭނެ ހައްޤެއް ހޯދުމަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށެވެ.

އޮސްކާގެ އިތުރުން ޝަރަފުވެރި އެވޯޑު ގޯލްޑެން ގްލޯބްސްގެ ވެސް މިއަހަރުގެ އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑު ލިބުނީ "ޕެރެސައިޓް" އަށެވެ.

މިކާމިޔާބީއާއެކު ޑައިރެކްޓަރު ބޮންގް ޖޫން ހޯ ވަނީ އެޗްބީއޯ އާ ގުޅިގެން "ޕެރެސައިޓް" ގެ ސީރީޒްއެއް ހެދުމުގެ މަސައްކަތްވެސް މިހާރު ފަށައިފައެވެ.