ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ އަތޮޅު އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ތަރައްގީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާބެހޭ މައުލޫމާތު ނައިބް ރައީސާއި ކައުންސިލަރުން ވަނީ ހިއްސާ ކުރައްވާފައެވެ.

އަދި ކައުންސިލަރުންވަނީ، ބައެއް ރަށްރަށުގައި އުސޫލުތަކާއި ޚިލާފަށް އަވަސްކޮށްލައިގެން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ސަބަބުން އަތޮޅު ކައުންސިލަށް ކުރިމަތިވާ ދަތިތައް ނައިބް ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއިއެކު ކައުންސިލްތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކާއި އަތޮޅު ފެރީގެ ނިޒާމު ހަރުދަނާކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުން ހިމެނެއެވެ.

ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެ ނައިބް ރައީސް ވަނީ ރަށްރަށުގެ ތަރައްގީއަށް ހިންގާ އެކި މަޝްރޫޢުތަކުގެ ކަންކަން ވަރަށް ގާތުން ބައްލަވައިދެއްވުމަށާއި، އަތޮޅުގެ އިޖްތިމާއީ ފޭރާން ރަނގަޅުކޮށް، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.