އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ދެވަނަ ލެގުގައި އިންޑިއާ ސުޕަރ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީ ބަލިކޮށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގެ ގްރޫޕްސްޓޭޖަށް ކޮލިފައިވެއްޖެ އެވެ.

ބެންގަލޫރުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 4-4 ގެ އެގްރިގޭޓުން އެއްވަރުވެފައެވެ. އެއާއެކު ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި މާޒިޔާ ވަނީ 3-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ބެންގަލޫރު ޓީމުގައި އެންމެ ބޮޑު ތަފާތަކަށް ފެނިގެންގޮސްފައިވަނީ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ އެވެ.

މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން މާޒިޔާ ވަނީ ބެންގަލޫރު އަތުން 2-1 އިން މޮޅުވެފައެވެ. މިއީ ބެންގަލޫރުގެ ދަނޑުގައި ރާއްޖޭގެ ޓީމަކުން އެޓީމު ބަލިކުރި ފުރަތަމަ ފަހަރެވެ.

ބެންގަލޫރުގެ ސްރީކަންޓީރްވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެޝޯން ބްރައުން އެވެ. އެކަމަކު 73 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.

ބެންގަލޫރުން ދެވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީ އެވެ. މި ލަނޑާއެކު ދެ ޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކޯނޭ ވަނީ މާޒިޔާއަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު ފަހު ވަގުތު ހިލޭ ޖެހުމަކުން ސުނިލް ޗެތުރީ ކާމިޔާބުކުރި ލަނޑުން ދެޓީމު ވަނީ އެގްރިގޭޓު އަނެއްކާވެސް އެއްވަރުވިއެވެ

މިއީ 2016 ވަނަ އަހަރަށްފަހު ރާއްޖޭގެ ދެ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ގްރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.