މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީނުތަކަކަށް ރާއްޖޭގެ ފިރިހެން ވޮލީ ޓީމު އަނެއްކާވެސް ސާބީއާއަށް ފުރައިފި އެވެ.

ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ މީގެކުރިން ވެސް ތަމްރީނު ހެދުމަށް ސާބިއާއަށް ގޮސްފައެވެ. ސާބިއާއަށް ފުރިއިރު މާރޗް މަހު ބާއްވަން ހަމަޖެހިފައިވާ ފިރިހެނުންގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ވަނީ ފަސްކޮށްފައެވެ.

ވޮލީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) އަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުން އަންގާފައިވަނީ ކުރިން މުބާރާތް ބާއްވަން ހަމަޖެހިފައިވާ ތާރީހަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. މުބާރާތް މިހާރު ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 4 އިން 11 އަށެވެ

މުބާރާތުގައި ވާދަކުރާ 8 ގައުމަށް ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުގެ ރައީސް ފޮނުވި މެއިލްގައި ބުނެފައިވަނީ މުބާރާތް ފަސްކުރަން ޖެހުނީ އެ ގައުމުގެ ސަރުކާރުން ބޭނުންވެގެން ފުރިހަމަކުރަން ޖެހޭ ކަންތައް ހުރުމުން ކަމަށެވެ.

ރާއްޖޭގެ އިތުރުން ބޫޓާން އާއި ކިރިގިސްތާން އާއި ނޭޕާލް އާއި ތަޖިކިސްތާން އާއި ތުރުކުމަނިސްތާން އަދި އުޒްބަކިސްތާން ވާދަކުރާ މުބާރާތް ފަސް ކުރުމަކީ ރާއްޖެއަށް ލިބުނު އިތުރު ފުރުސަތެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ވިދާޅުވިއެވެ.

ޤައުމީ ފިރިހެން ޓީމުގެ އިތުރުން އަންހެން ވޮލީ ޓީމުވެސް ސާބިއާގައި ތަމްރީނު ހެދުމަށް ފިރިހެން ޓީމާއެކު ފޮނުވުމަށް ނިންމިއެވެ. ނަމަވެސް އެ ނިންމުން ފަހުން ވަނީ ބަދަލުވެފައެވެ.