ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ފަސްވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ކުޅުން ފަށައިފިއެވެ.

މުބާރާތުގެ ފިރިހެން ބައިގައި 13 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި އަންހެން ބައިގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ބައި ކުރިއަށްދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހު ވަނީ ހަ މެޗެއް ކުޅެފައެވެ. އެގޮތުން ފިރިހެން ބައިގެ ފުރަތަމަ މެޗުގައި އެމްޑަބްލިއުއެސްސީން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މައްޗަށް ފަސޭހަކަމާއެކު 26-7 ޕޮއިންޓުން ކުރިހޯދިއިރު، ފިރިހެން ބައިގެ ދެވަނަ މެޗުގައި އެމްއޭސީއެލް ވަނީ 20-13 ޕޮއިންޓުން ކަސްޓަމްސްގެ މައްޗަށް ކުރިހޯދާފައެވެ.

ފިރިހެން ބައިގެ ތިންވަނަ މެޗުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ މައްޗަށް ފަސޭހަކަމާއެކު 21-7 ޕޮއިންޓުން ސްޓެލްކޯ ކުރިހޯދިއިރު، މިބައިގެ ހަތަރުވަނަ މެޗުން އެމްޓީސީސީ ވަނީ 20-13 ޕޮއިންޓުން ޕޮލިސް ކްލަބު ބަލިކޮށްފައެވެ.

އަދި ފިރިހެން ބައިގެ ފަސްވަނަ މެޗުގައި އެސްޓީއޯގެ މައްޗަށް 24-9 ޕޮއިންޓުން ދިވެހި ސިފައިންގެ ކްލަބު ކުރހޯދިއިރު، އަންގާރަ ދުވަހުގެރޭ ކުޅުނު އަންހެން ބައިގެ ފުރަތަމަ މެޗުން ކަސްޓަމްސް ވަނީ ފަސޭހަކަމާއެކު 26-7 ޕޮއިންޓުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ މައްޗަށް ކުރިހޯދާފައެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދާނީ އަންނަ މާޗު މަހުގެ 2 ގެ ނިޔަލަށެވެ.