ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކަށް އިންސާނީ ވަސީލަތް ތަރައްގީ ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ "ހޭވައްލާ" ޕްރޮގްރާމް އިފްތިތާހު ކުރުމަށްޓަކައި އުނގޫފާރު ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ އާއިލާއެއްވެސް އަދި ގައުމެއްވެސް ކުރިއަރާ ދަނީ ބޭނުންތެރި އުފެއްދުންތެރި ރައްޔިތަކަށް ވެގެން ކަމަށެވެ. ބޭރު ގައުމުތަކުގެ ތެރެއިން ސިންގަޕޫރު ފަދަ ގައުުމުތައް ކުރިއަރާފައިވަނީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އެ ގައުމުގެ ސަރުކާރުން ދިން އިސްކަން ކަމަށާއި ގައުމުގެ ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުން ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. ރަނަގަޅު ގާބީލް ހުނަރުވެރި ޖީލެއް އުފެއްދިއްޖެ ނަމަ އެ ޖީލަކީ ދުވަހަކުވެސް ގެއްލިގެންދާނެ އެއްޗެއް ނޫން ކަން ފާހަގަ ކުރައްވާ ނައިބް ރައީސް ވިދާޅުވީ ދަސްވެފައި ހުންނަ ހުނަރަކީ އެއްވެސް މީހަކަށް ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އެއީ ނެތިގެންދާނެ އެއްޗެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އަބަދުވެސް ސްކޫލުގެ ކިޔެވުމުގެ ތެރެއިންވެސް އަދި ސްކޫލަށް ފަހުގައިވެސް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ހުނަރު ދަސްކުރަން."
ނައިބް ރައީސް

ސަރުކާރުން އެންމެ ބޮޑު ހޭދައެއް އަދި އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާއަށްކަން ފާހަގަ ކުރައްވާ ނައިބް ރައީސް ވިދާޅުވީ އެހާ ބޮޑު ހޭދައެއް ތައުލީމަށް ކުރަންޖެހޭ ސަބަބަކީ ހުނަރުވެރި ދަރިވަރުންތަކެއް ގައުމުގައި އުފައްދަން ކަމަށެވެ.

ރ.އަތޮޅަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މުޅި ރ.އަތޮޅަކީ ވަރަށް ޙާއްސަ އަތޮޅެއް ކަމަށެވެ. އެގޮތުން ރ.އަތޮޅުގެ ރަށްތަކަކީ އާދަޔާޚިލާފު ހުނަރުތަކެއް ލިބިފައިވާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ އަތޮޅެއް ކަމަށާއި އަދި އެކަމަށް މުޅި ދިވެހިރާއްޖެވެސް ހެކިވާނެ ކަމަށެވެ.

"ހޭވައްލާ" ޕްރޮގްރާމަކީ ސާނަވީ ތަޢުލީމު ނިންމައި މަތީ ޘާނަވީ ތަޢުލީމު ފެށުމާއި ދެމެދު ދަރިވަރުންނަށް ލިބޭ ވަގުތުގައި ދަރިވަރުންނަށް ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރޭގައި އިންޓަރންޝިޕް ފުރުސަތުތަކާއި، އެހެނިހެން މަސައްކަތްތައް ދަސްކޮށްދިނުންވެސް ހިމެނެއެވެ.