އޭއެފްސީ ކަޕްގެ ޕްލޭ އޮފްގެ ދެވަނަ ލެގުގައި އިންޑިޢާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅެ ރާއްޖޭގެ މާޒިޔާ މޮޅުވި މެޗްގައި ހުރިހައި ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށާއި އެއީ ބަތަލުންކަމަށް މާޒިޔާގެ ކޯޗް މަރްޖާން ސެކުލޮވްސްކީ ބުނެފިއެވެ.

މާޒިޔާގެ ކޯޗު މިހެން ބުނެފައިވަނީ އޭއެފްސީއަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި އިތުރަށް އޭނާ ބުނީ މެޗުގައި މޮޅުވީ މެޗުގެ ކުރިންވެސް އަދި މެޗުގައިވެސް ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި މިއީ ބޮޑު ކާމިޔާބީއެއް ކަމަށާއި 2018-2019ގެ އިންޑިއަން ސުޕާ ލީގުގެ ޗެންޕިއަން ކަމާއި 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލިސްޓްގެ އަތުން މޮޅުވުމަކީ އާދައިގެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ މާޒިޔާ ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ޕްލޭ އޮފްގައި ކުޅުނު ދެލެގުގެ އެގްރިގޭޓުން 4-4ގެ ނަތީޖާއިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީއިން ކުރިހޯދައިގެންނެވެ. މީ ރާއްޖޭގެ ކްލަބެއް ޕްލޭއޮފްއިން ކޮލިފައިވެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އޭއެފްސީގެ ފަހުގެ ފޯމެޓުގައި ވާގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުން އޮޓަމެޓިކް ޖާގައެއް ލިބެނީ ރާއްޖޭގެ އެންމެ ޓީމަކަށެވެ. މި ޖާގަ މިފަހަރު ހޯދާފައި ވަނި އެންމެ ފަހުގެ ދިރާގު ދިވެހި ލީގުގެ ޗެންޕިއަންކަން ހޯދި ޓީސީ ސްޕޯޓްސް ކްލަބެވެ.

ދެވަނަ ލެގުން މޮޅުވެ ހޯދި ކާމިޔާބައްފަހު އޭއެފްސީ އަށް ދިން އިންޓަވިއުގައި ކޯޒު އިތުރަށް ބުނީ ބެންގަލޫރު އެފްސީ ގެ ކުޅުމުގެ ސްޓައިލަށް ތައްޔާރު ވުމަށްޓަކައި މެޗުގައި ހިނގާފާނެ ހުރިހައި ކަމަކަށް ވަރަށް ޑީޓެއިލްކޮށް ޓްރެއިންގައި ފޯކަސް ކޮށް ތައްޔާރުވެފައިވާނެކަމަށެވެ. އަދި އިދިކޮޅު ޓީމުގެ ހުރިޙާ އުކުޅެއް ދަސްކޮށް އެމީހުންގެ "ވީކްނަސް" ތަކުގެ ބޭނުން ހިފިކަމުގައިވެސް އޭނާ ބުންޏެވެ.

ކޯޗު އިތުރަށް ބުނީ ބައެއްފަހަރު ބޭނުންކުރި "ސްޓްރެޓަޖީ" ތައް މަސައްކަތް ނުކުރިކަމަށާއި އެހެންނަމަވެސް ކުޅުންތެރިން އޭނާ ދިން ހުރިހާ އިރުޝާދު ތަކާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި މެޗުން މޮޅުވުމަކީ އެންމެ މުހިންމު ކަންތައްކަމުން މޮޅުވުމުން ހިންހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. ޓްރެއިނިންގައި ޕެނަލްޓީއައް ހާއްސަ ސަމާލުކަމެއް ދިންކަމަށްވެސް އޭނާ ބުންޏެވެ.

2017 ވަނަ އަހަރަށްފަހު ސަރަހައްދުގެ ގްރޫޕް ސްޓޭޖަށް މާޒިޔާ ދަތުރުކުރި މެޗައްފަހު ދިން މި އިންޓަވިއުގައި ސެކުލޮވްސްކީ ވަނީ ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތްރީއަށް ތަޢުރީފުކޮށް ވާހަކަދައްކާފައެވެ. އޭނާ ބުނީ ޗެތްރީ އަކީ އެހެން ކުޅުންތެރިންނަށް ވުރެ މާ މޮޅު ކުޅުންތެރިއެއް ކަމަށާއި މި ސަރަހައްދުގައި ޗެތްރީ އާ އެއްފެންވަރެއްގައި ކުޅޭ އެހެން ކުޅުން ތެރިއެއް ހުންނަކަމެއް އޭނާ ހަނދާން ނުވާކަމަށެވެ. އަދި އިދިކޮޅު ޓީމަށް ކުޅުނު ކަމުގައި ވިޔަސް ޗެތްރީއަށް އޭނާ ވަރަށް އިޙްތިރާމް ކުރާ ކަމަށް ސެކުލޮވްސްކީ ފާހަގަ ކުރިއެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. މީ 2016 ވަނަ އަހަރަށްފަހު ރާއްޖޭގެ ދެޓީމެއް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.