ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ރިއަލް އެސްޓޭޓް ކުންފުނިތަކުން ރާއްޖޭގައި އަޅާ ހައުސިންގ ޔުނިޓްތައް އަތްފޯރާ އަގަކަށް ގެންނަންޖެހޭ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ލިވިންގ އެކްސްޕޯ ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ރިއަލް އެސްޓޭޓް ކުންފުނިތަކުގެ ދައުރު ވަރަށް މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެގޮތުން ސަރުކާރުން ބޯހިާވަހިކަމަށް ހުޅުވާލި ފުރުސަތުގައި 20،000 އަށްވުރެ ގިނަ ފޯމު ލިބިފައިވާކަން ފާހަގަަކުރައްވައި ވިދާޅުވީ މިކަމުން އެކަނިވެސް ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ބޯހިޔަވާހިކަމުގެ މައްސަލަ ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ލިބޭ މުސާރައާ ކުލި ނުބައްދަލުވުން ކަމަށެވެ. އެގޮތުން އާބާދީގެ ތެރެއިން ކޮންމެ މަހަކު އާމްދަނީގެ ގޮތުގައި 15،000 ރުފިޔާ ލިބެނީ އެންމެ 17،000 އާއިލާއަށް ކަމަށެވެ. އަދި 15،000 އާއި 30،000 އާއި ދެމެދުގެ އާމްދަނީ 8،000 އާއިލާއަށް ލިބޭއިރު، 50،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބެނީ އެންމެ 1،000 އާއިލާއަށް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރިއަލް އެސްޓޭޓް ކުންފުނިތަކާއި އެހެނިހެން ކުންފުނިތަކުން އަޅާ ހައުސިންގ ޔުނިޓްތައް އާންމުންނަށް އަތްފޯރާ ފަށެއްގައި ލިބޭނެމަގު ތަނަވަސްކޮށްދޭންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި،އެވެ.

40 އެގްޒިބިޓަރުންނާއެކު މިއަހަރުގެ މޯލްޑިވްސް ލިވިން އެކްސްޕޯ ދަރުބާރުގޭގައި ފަށާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން އަދި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ ކުންފުންޏާއި، ސްރީލަންކާގެ ބައެއް ކުންފުނިތައް ކަމަށްވާ އަލްޓެއާ، ޖޯން ކީލްސް ހޯލްޑިންގްސް އާއި، މެލޭޝިއާގެ ނަން މަޝްހޫރު އަކުއާ ވިޓާ ރެޒިޑެންސް އާއި، އެޕޯލޯ ހޯލްޑިންގސް ހިމެނެއެވެ.

މީގެ އިތުރުން ދިވެހި ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި ދިވެހި އިންޝުއަރެންސް މި އެކްސްޕޯގައި ބައިވެރިވެއެވެ. މިއަހަރުގެ ލިވިން އެކްސްޕޯ ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.