އެލީޓް ސްޕޯޓްސް ކްލަބް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ކްއީންސް ބާސްކެޓްބޯޅަ ކްލަބުން އުފުލާލިއިރު ފިރިހެން ޑިވިޝަނުގެ ތަށި ކިންގްސް ބާސްކެޓްބޯޅަ ކުލަބުން އުފުލާލައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާދްފަތި ދުވަހުގެރޭ ކުޅުނު އަންހެން ފައިނަލް މެޗު ކްއީންސް އިން ކާމިޔާބުކުރީ 73-35 އިންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާގައި ކުއީންސް ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. ކުއީންސް އިން ފުރަތަމަ ކުއާޓާ ނިންމާލީ 28-5 ގެ ބޮޑު ލީޑަކާއިއެކުގައެވެ. ކްއީންސް ދެވަނަ ކުއާޓާ ނިންމާލީ 41-9 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އަދި ތިންވަނަ ކުއާޓާ ކްއީންސްއިން ނިންމާލީ 52-19 ޕޮއިންޓުންނެވެ.

މި މެޗުގައި ކްއީންސް އިން އެންމެ މޮޅު ކުޅުމެއް ދެއްކީ މެޗުގައި 19 ޕޮއިންޓް ހޯދި އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އާއި 18 ޕޮއިންޓް އެޓީމަށް ހޯދި ހައުމާ އުބައިދުﷲ އެވެ.

މި މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލީޓް ޓީމުގެ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔަކީ ކްއީންސްގެ ފާތިމަތު ޝައިލާން އަފްޒަލް އެވެ.

ފިރިހެން ބައިގެ ތަށި އުފުލާލި ކިންގްސް-- ފޮޓޯ: މިހާރު

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތަށި ކިންގްސް ބާސްކެޓްބޯލް ކްލަބުން ދިފާއުކުރީ ފައިނަލުގައި ޓީރެކްސް ބަލިކޮށްގެންނެވެ. ޓީރެކްސްގެ މައްޗަށް ކިންގްސް ކުރިހޯދީ 82-75 ޕޮއިންޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ތިންވަނަ ކުއާޓަރާ ހަމައަށް ޓީރެކްސްއިން އައީ ލީޑު ކުރަމުންނެވެ. އެގޮތުން ތިންވަނަ ކުއާޓަރު ނިމުނުއިރު ޓީރެކްސް ކުރީގައި އޮތީ 62-55 ޕޮއިންޓުންނެވެ. ނަމަވެސް ފަހު ކުއާޓަރުގައި ކިންގްސްއިން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.

މި މެޗުގެ ފަހު ކުއާޓަރުގައި ކިންގްސް އެޓީމު ކޮޅަށް ނަތީޖާ އަނބުރާލިއިރު، މެޗުގައި މޮޅު ކުޅުމެއް ދެއްކި ކިންގްސްގެ ބިދޭސީ ކުޅުންތެރިޔާ އާރޮން ޖޯންސް ޑެކޯރޭ ވަނީ އެ ޓީމަށް 34 ޕޮއިންޓު އެއްކޮށްދީފައެވެ. މި މެޗުގައި ޓީރެކްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 17 ޕޮއިންޓު އެއްކޮށްދިން ހުސެއިން ހަލީމެވެ.