އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިއަށް ލޯކަލް ކައިންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ބޭއްވި ބޮޑު ޖަލްސާއިން ކާނިވާ ސަރަހައްދު އެއްކޮށް ފުރާލައިފި އެވެ.

"މިއީ މަގޭ ރާއްޖެ" ޝިއާރާއެކު ފެށި ކެމްޕޭން ޖަލްސާގައި ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ގިނަ އަދަދެއްގެ ކެނޑިޑޭޓުންނާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިސްސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

މި ޖަލްސާގައި ލޯކަލްކައުންސިލް އިންތިހާބުގައި ޕީޕީއެމުން ކުރިއަށް ގެންދަން ނިންމާފައިވާ، ސިޔާސަތުތަކާއި އެ ޕާޓީގެ ކެންޑިޑޭޓުން ހޮވައިފިނަމަ ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާނެ ކަންތައްތައް ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން މިރޭގެ ޖަލްސާގައި ކުރިއަށް އޮތް އިންތިހާބުގައި ޕީޕީއެމުން ގެންގުޅޭ ފަސް ސިޔާސަތު ވަނީ އިފްތިތާހުކޮށްފަ އެވެ. އޭގެ ތެރޭގައި އިސްލާމްދީނުގެ ތެރޭގައި މަސައްކަތްކުރުމާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކައުންސިލަރުން މަސައްކަތް ކުރުން ހިމެނެއެވެ.

މީގެ އިތުރަށް ކައުންސިލަރުން މަސައްކަތް ކުރާނީ ރައީސް ޔާމީންގެ ސަރުކާރުގައި އޮތް އިގްތިސޯދީ ސިޔާސަތުތައް އަލުން ތަންފީޒު ކުރުމަށް ކަމަށް މިޖަލްސާގައި ޕީޕީއެމުން ވަނީ އިއުލާނުކޮށްފަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ޖުމުލަ 679 ކެނޑިޑޭޓުން ވާދަ ކުރެއެވެ. އަދި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި 513 ކެނޑިޑޭޓުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއެވެ. މީގެ އިތުރަަށް ޕީޕީއެމްގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އިދިކޮޅު ޕީޕީއެމުން ބިޔަ ބޮޑު ޖަލްސައެއް ބާއްވައި ކެމްޕޭން ހަރަކާތްތައް ފަށާފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީންވެސް ވަނީ ހަމަ ބޮޑު ޖަލްސާއެއް ބާއްވައި ކެމްޕޭން ހަރަކާތްތައް ފަށާފައެވެ. ނަމަވެސް އެމްޑީޕީން ބޭއްވި ޖަލްސާއަށް މާބޮޑު ތަރުހީބެއް ލިބިގެންދިއަތަން ފެނިގެނެއް ނުދިއައެވެ. އެމްޑީޕީގެ ޖަސްލާ ބޭއްވީ ރާއްޖޭގެ ހުރިހާރަށެއްގައި އެއްފަހަރާއެވެ.