މި ވެރިކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެއް ނަމަ މާލެ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް މިހާރު ހުންނާނީ ނިމިފައި ކަމަށް ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"މިއީ މަގޭ ރާއްޖެ" މި ޝިޔާރުގެ ދަށުން ލޯކަލް ކައިންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި ހުކުރުދުވަހުގެރޭ ކުުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރެއްވިނަމަ މާލޭގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިމި، އެމިސްކިތް ވެސް ހުޅުވުނީސް ކަމަށެވެ. އަދި ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ މަސައްކަތްވެސް ނިމި އެތަންތަނުގައި މީހުން ދިރިއުޅޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ މާލެއާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ މަސައްކަތްވެސް މިހާރު އޮންނާނީ ނިމިފައި ކަމަށާއި، މާލޭގެ ރިންގް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތްވެސް ވާނީ ނިމިފައި ކަމަށެވެ. އަދި ގުޅީފަޅާއި ތިލަފުއްޓާއި މާލެ ގުޅުވައިދޭ ބްރިޖުގެ މަސައްކަތްވެސް ފެށި ގުޅީފަޅު ހިއްކުމުުގެ އަމަލީ މަސައްކަތްވެސް އޮތީހީ ނިމިފައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާގެ ތެރެއިން

މުއިއްޒު ވިދާޅުވީ ގުޅީފަޅު ހިއްކައި އެތަނުން އެތައް ރައްޔިތުންނަކަށް ފައިދާކުރާނެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ރައީސް ޔާމީނުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެތަނުގައި ފްލެޓުތަކެއް އަޅައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ރައީސް ޔާމީންގެ ސަރުކާރުން ނިންމެވިކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ޔައީސް ޔާމީން ހުންނެވިނަމަ އެ ފްލެޓުތަކަށް އެދިއެދި ތިބި އެތަކެއްހާސް ރައްޔިތުންނަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނީސް ކަމަށްވެސް ވިދާޅުވި އެވެ.

އެހެންނަމަވެސް މި ސަރުކާރުން ރައްޔިތުންނަށް ދައްކަމުން ގެންދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށާއި، ދިވެހި ރައްޔިތުން ބެނުންވަނީ މިކަން ބަދަލުކޮށް މި މަސައްކަތްތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާތަން ފެންނަންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ޕީޕީއެމްއިން ހުކުރުދުވަހުގެރޭ ކުރިއަށްގެންދިޔަ ބޮޑު ޖަލްސާގައި، ޕީޕީއެމްއިން ބާއްވާ އެހެން ޖަލްސާތަކާ ހިލާފަށް ގިނަ އަަދެއްގެ ރައޔްިތުންނެއް ބައިވެރިވެފައިވެއެވެ.

"މިއީ މަގޭ ރާއްޖެ" ޝިއާރާއެކު ފެށި ކެމްޕޭން ޖަލްސާގައި ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ގިނަ އަދަދެއްގެ ކެނޑިޑޭޓުންވެސް މާލެއައިސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިސްސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ވެސް މި ޖަލްސާގައި ވަނީ ބައިވެރިވެފައިވެ އެވެ.