ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމާންކަން ނަގާލާ ގޮތަށް ވާހަކަދައްކާ މީހުންނާއި ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް އެމްޑީޕީން ފުލުހުންނަށް އިލްތިމާސްކޮށްފި އެވެ.

އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން މިކަމަށް އެދިފައި ވަނީ، ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ކުށްވެރިކޮށް އެޕާޓީން ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީން ބުނެފައި ވަނީ، ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމުގައި ތިމާ ގަބޫލުކުރާގޮތް ނޫން އެހެން ރަޢުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެމީހުންނަށް ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވަނީ ވަރަށް ގިނަ އަސާސީ ހައްގުތައް ކަށަވަރުކޮށްދީފައިވާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ އެންމެ އަސާސީ އެއް ހަގު ކަމަށާއި، ނަމަވެސް، އެ ހައްގު ބޭނުންކުރުމުގައިވެސް ހުދޫދުތަކެއްވާކަން ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން ނުވަތަ (hate speech) އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްވެސް ނޫން ކަން ފާހަގަކޮށް މިފަހަކަށްއައިސް، މުޖުތަމަޢުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި ފިތުނަވެރިކަން އުފައްދައި ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެގޮތުން އާއްމުންގެ މެދުގައި ދީނީ ޚިޔާލުތަފާތުވާ ވަގުތުތަކުގައި، ވަކިބަޔަކާއި ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް، ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެ މިސާލެއްގެ ގޮތުން އެޕާޓީން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެއައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔައީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ބުނެފަ އެވެ.

ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެން ރަޢުޔަކަށް ބުރަވާ މީހުންނީ “ލާދީނީ” މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން. އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ ޢައިލާތައް އަނބުރާ މުޖްތަމަޢުތެރެއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް..
އެމްޑީޕީގެ ބަޔާން

ސަރުކާރުން އެމަސައްކަތް ކުރަމުންދާއިރު، ގަސްދުގައި އެކަމަށް ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ، ފެއިލް ކޮށްލުމަށްޓަކައި އެއްވެސް ޢަޞްލެއް ނެތް ވާހަކަތައް ފަތުރައި މުޖްތަމަޢު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށްވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން ބުނީ އެޕާޓީން ޤަބޫލުކުރާ ގޮތުގައި އެފަރާތްތަކުން އެކަންކަން ކުރަމުން އެގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށް ކަމަށާއި، ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށް ކަމަށެވެ.

މީގެ އިތުރަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައި ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެއްބަޔަކު އަނެއްބަޔަކާ މެދު ފިތުނަވެރި ކުރުވައި ނަފްރަތު އުފައްދާ ވާހަކަތައް (hate speech) ދެމުންދާގެންދާކަމީ އެޕާޓީ ކަންބޮޑުވާ ކަމެއް. އަދި އެފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ޤައުމުގައި ބައިބައިވުން އިތުރުވެ، ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް.
އެމްޑީޕީގެ ބަޔާން

އެހެންކަމުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސް ކުރާ ކަމަށެވެ.