އިންޑިއާގެ އެހީގައި ހިންގާ އެއްވެސް މަޝްރޫއަކުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ ފައުންޑޭޝަނުން ގުޖުރާތުގެ ޓެންޓް ސިޓީގައި އިއްޔެ ފެށި 6 ވަނަ އިންޑިއާ އައިޑިއާސް ކޮންކްލޭވް ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ގުނާލެވޭ ގައުމަކަށް ވާއިރު ރާއްޖެއަކީ އަވަށްޓެރި ކުޑަ ގައުމަކަށް ވީނަމެވެސް މިހާތަނަށް ރާއްޖޭގެ މިނިވަންކަމަށް އަރައިގަނެ އެފަދަ އެއްވެސް އަމަލެއް ކޮށްފައި ނުވާ ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުން އަމަލުކުރާ ގޮތަށް ބަލާއިރު، އެހެން ގައުމުތަކުން ފެންނަނީ ކުދި ގައުމުތަުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަންނަ މަންޒަރު ކަމަށާއި އަވަށްޓެރި ގައުމުތައް "ޑިކްޓޭޓަރޝިޕް" އަކަށް ބަދަލުކޮށްލާފައިވާ ކަމަށެވެ.

އެހެންނަމަވެސް އިންޑިއާއަކީ އެ ހުރިހާ ކަމަކާ ޚިލަފަށް އަބަދުވެސް އަވަށްޓެރި ގައުމުތަކަށް އިހްތިރާމްކުރާ ގައުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގައުމުން އަބަދުވެސް ވަނީ އަވަށްޓެރި ގައުމުތަކުގެ މިނިވަންކަން ރައްކާތެރިކޮށްދީފަކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ ނޮވެމްބަރު 3 ގެ ހަމަލާއަށް އަލިއަޅުއްވާ ލަފައްވާފައެވެ. އެގޮތުން އެ ދުވަހުވެސް ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން ކަމަށާއި ރާއްޖޭގެ މައްޗަށް އަތްގަދަ ވުމުގެ ފުރުސަތު އެގައުމަށް އެދުވަހު ލިބުނުއިރުވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އިންޑިއާއާ ބާއްވަމުންގެންދާ ގާތް ގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ހިލޭ އެހީގެ މަޝްރޫތަކާއި އަދި އެނޫންވެސް އެކި މަޝްރޫތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއިން ރާއްޖޭގައި ހިންގާ ކޮންމެ މަޝްރޫއެއްވެސް ކުރިއަށް ގެންދަނީ ވަރަށް ދެފުށްފެންނަ ގޮތަކަށް ކަމަށެވެ.

އެގޮތުން މިހާރުވެސް ގިނަ އެއްބަސްވުންތަކެއްވެ އެކި ގޮތްގޮތުން އެ ގައުމުގެ އެހީ ހޯދަމުންދާއިރު އެއިން އެއްވެސް ކަމެއް ދަރަނީގެ ދަންތުރައަކަށް ނުވާކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ.

އަދި އިންޑިއާއިން ރާއްޖެއަށް ދެރަގޮތެއް ނުހަދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެމަނިކުފާނަށް އިންޑިއާ ކަމުދާ ކަމަށްވެސް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާއާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށްބުނެ އޭރު އިދިކޮޅު ފަރާތުގެ ގޮތުގައި ތިއްބަވައިގެންވެސް މިހާރު ސަރުކާރުގެ ބޭފުޅުން އެތައް ފާޑުކިޔުމެއް ކިޔާފައިވާއިރު، މިސަރުކާރުން ވެރިކަމަށް އައިސް އެންމެ ގާތް ގުޅުމެއް ބާއްވާތަން ފެންނަނީ އިންޑިއާއާއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް ކުރައްވާފައި ވަނީ އިންޑިއާއަށެވެ.

މި ސަރުކާރުން މިހާތަނަށް އެންމެ ގިނަ އެހީއާއި ލޯނު ހޯދާފައިވަނީ ވެސް އިންޑިއާއިންނެވެ.

އިންޑިއާއަށް ތައުރީފުކުރައްވައި އިންޑިއާއިން ރާއްޖެ ދަންތުރައެއްގައި ނުޖައްސާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ރާއްޖެ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިވާ ކަމަށް ވިދާޅުވަމުންނެވެ.