ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުމްދާ ކޮރޯނާ ވައިރަސް (ކޮވިޑް19)ގެ ސަބަބުން ފީފާ ވޯލްޑްކަޕް ކޮލިފައިން އާއި އެކުވެރިކަމުގެ މެޗުތައް ފަސްކުރުގެ އިތުރުން މިހާރު ކުރިޔަށްދާ މުބާރާތްތައްވެސް ހުއްޓުމަކަށް ގެންނަން ޖެހިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ވައިރަހުގެ ބިރާއެކު ފުޓުބޯޅައިގެ އެކި އިދާރާތަކަށް އެކި ފަރާތްތަކުން ގުޅަމުންދާތީ އެއަށް ޖަވާބުދާރީ ވުމުގެ ގޮތުންނެވެ. މި ވައިރަހާއި ގުޅިގެން މިހާތަނަށް ދުނިޔޭގެ ބޮޑެތި ލީގު މެޗުތައްވެސް ދަނީ ފަސްކުރަމުންނެވެ. އަދި ކުރިޔަށްހުރި ބޮޑެތި މެޗުތައްވެސް ދަނީ ފަސްކުރުމަށް ވާހަކަދެކެވެމުންނެވެ. އެއީ ޔޫރޯ 2020، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި އޭގެ ކޮލިފައިންގް މެޗުތަކުގެ އިރުތުން ޓޯކިޔޯ 2020 ގެ ކޮލިފައިންގް މެޗުތަކެވެ

އިންފަންޓީނޯ ބުނީ ކުޅިވަރަށްވުރެ އިންސާނުންގެ ސިއްޙަތު މާ މުހިންމު ކަމަށެވެ. އަދި މި ފެށޭ މަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މެޗުތައް ކުޅެވޭނެކަމަށް އުންމީދުކުރާ ކަމަށާއި، އަދިވެސް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވުމުން މެޗުތައް ފަސްކުރަން ނުވަތަ ސަޕޯޓަރުން ނުވައްދާ ކުޅެން ޖެހުނުކަމުގައި ވިޔަސް އެކަން ކުރާނެކަމުގައެވެ.

ސޮން ހެއުން-މިން

މީގެއިތުތުން އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓެންހަމް ހޮޓްސްޕަރ އަށް ކުޅެމުން އަންނަ ސައުތް ކޮރެއާގެ ފޯވަޑް ސޮން ހެއުން-މިން އިނގިރޭސި ވިލާތުގައި ކަރަންޓީނުކުރުމަށް ވަނީ ނިންމާފައެވެ.

އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ދާދި ފަހުން ސޮން ވަނީ އިތުރު ފަރުވާއަށް އޭނާގެ އަމިއްލަ ގައުމަށް ގޮސްފައެވެ. މި ހަފްތާތެރޭ އެނބުރި އިނގިރޭސި ވިލާތަށް އޭނާ އައުމަށް ހަމަޖެހިފައިވާ އިރު، އެގައުމުގައި ހެދިފައިވާ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް ވަންދެން އޭނާ ބެހެއްޓުމަށްވަނީ ނިންމާފައެވެ. މިއީ ކޮރޯނާ ވައިރަސް ގެ ސަބަބުން އިނގިރޭސިވިލާތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކުރާ ކަމެކެވެ.

ސޮންއަށް އަނިޔާވީ މިމަހުގެ 16 ވަނަ ދުވަހު އެފްއޭ ކަޕުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުން މެޗުގައެވެ. މިމެޗުން ޓޮޓެން ހަމް 2-3ގެ ނަތީޖާއިން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދިއިރު ސޮން ވަނީ މިމެޗުގައި މުހިންމު ދެގޯލެއް ޖަހާދީފައެވެ.

އަދި ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާއި ރާއްޖެ ޗައިނާގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ މެޗު މިހާރު ވަނީ ސަޕޯޓަރުން ނުވައްދާ ތައިލެންޑްގައި ކުޅުމަށް ހަމަޖައްސާފައެވެ.