• އެފްރިކާ ބައްރުންވެސް ވައިރަސް ފެނިއްޖެ
  • ވައިރަސް މުޅި ދުނިޔެއަށް ފެތުރިދާނެކަމުގެ ރިސްކް ވަރަށްބޮޑު: ޑަބްލިޔޫއެޗްއޯ
  • ވައިރަސް ފެނުނު ގައުމުތަކުގެ އަދަދު 53 އަށް އަރައިފި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވިދާނެ ކަމަށް ކުރެވެމުންދިޔަ އުންމީދުތައް ފަނޑުވާން ފަށައިފިއެވެ.

މި އުންމީދުތައް ފަނޑުވާން ފެށީ، އެފްރިކާގެ ގައުމަކުންވެސް ކޮރޯނާވައިރަސް ފެނުނާ ގުޅިގެންނެވެ.

އެފްރިކާއިން ވައިރަސް ފެނުނީ، ސަބް ސަހަރަން އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާއިންނެވެ.

އެފްރިކާ ބައްރަކީ މިހާތަނަށް ވައިރަސް ފެނިފައިނުވާ ބައްރެވެ.

އެހެން ނަމަވެސް، ނައިޖީރިއާއިން ކޮރޯނާވައިރަސް ހުރި މީހަކު ފެނިއްޖެކަން އެ ގައުމުން އިޢްލާން ކުރުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމްޑިއްޔާ، ޑަބްލިޔޫއެޗްއޯވަނީ އިތުރަށް ކަންބޮޑުވެފައެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ކޮރޯނާވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެކަމުގެ ރިސްކް މިހާރު ވަރަށް މަތިވެއްޖެ ކަމަށެވެ. ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނު ވިދާޅުވީ، މި ވައިރަސް ދުނިޔޭގެ ގިނަ ބަޔަކަށް ފޯރާނެކަމަށް މިހާރު ބެލެވެން ފަށައިފި ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިން ނެރުނު ސިޗުއޭޝަން ރިޕޯޓްގައި ބުނެފައިވަނީ، ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާއިން އަޅަމުންދާފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ދުނިޔޭގެ އެހެން ގައުމުތައް ތައްޔާރު ނޫން ކަމަށެވެ. ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި ބާރުމިނުގައި ވައިރަސް ފެތުރުން މަދުކުރެވިފައިވާ ކަމަށް ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވެސް މިއަދުވަނީ ކޮރޯނާވައިރަސްގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ގުޓަރޭސް ވިދާޅުވީ، މުޅި ދުނިޔޭގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެން ނަމަވެސް، އެކަމަށް ހުޅުވިފައިވާ ދޮރު ބަންދުވަމުންދާ ކަމަށެވެ.

"މިއީ، ޕެނިކްވާންވީ ވަގުތެއްނޫން. މިއީ ތައްޔާރުވާންވީ ވަގުތު. ފުރިހަމައަށް ތައްޔާރުވާންވީ ވަގުތު"
އެންޓޯނިއޯ ގުޓަރޭސް

ގުޓަރޭސްވަނީ، ވައިރަސް ފެތުރުން ހުއްޓުވަން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ. ފުރުސަތު ނަގާނުލުމަށްވެސް ގޮވާލައްވާފައެވެ.

ދުނިޔެގެ ސިއްހަތު ޖަމްޢިއްޔާގެ ތަފާސްހުސާބުތައް ދައްކާގޮތުން ޗައިނާއާއި، ދުނިޔޭގެ އެތައް ގައުމެއްގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ނުވަތަ ކޮރޯނާވައިރަސްގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 2.900 އަށްވުރެ މައްޗަށް ގޮސްފައި ވެއެވެ. އަދި މި ވައިރަސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 85،000 އަށްވުރެ ގިނަމީހުން ޕޮޒިޓިވްވެފައި ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، ކޮރޯނާވައިރަސްގައި ޗައިނާއިން 44 މީހުން މަރުވުމާއެކު، ވައިރަސްގެ ސަބަބުން ހަމައެކަނި ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 2،788 އަށް އަރާފައެވެ.

ކޮރޯނާވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، މިހާތަނަށް ދުނިޔޭގެ 53 ގައުމަކުން މި ވައިރަސްހުރި މީހުން ފެނިފައި ވެއެވެ. ނަ

އިޖީރިއާގެ އިތުރުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަސް ފެނިއްޖެކަން އިޢްލާންކުރު އިތުރު ގައުމުތަކުގެ ތެރޭގައި، ބެލާރުސް، ލިތުއޭނިއާ، ނެދަރލޭންޑްސް އަދި ނިއުޒީލެންޑް ހިމެނެއެވެ.