ޖުމްހޫރީ ޕާޓީއާމެދު ޖެހިލުންވެ ބަޔަކު މޭކަރާގޮތްވަނީ އެ ޕާޓީ ބޮޑުވެ ވަރުގަދަވަމުން ދިއުމާއިއެކު ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދާނެކަމަށް ޤަބޫލު ކުރެވޭތީ ކަމަށް ޖޭޕީގެ ނައިބު ލީޑަރު އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

ސަޢުދު މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގައި އުނގޫފާރުދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވަހީދު ދެއްކެވި ވާހަކަފުޅާއެކު ރާއްޖެ ޓީވީން ގެނެސްދީފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ.

ސަޢދުގެ ޓުވީޓު

އެމްޑީޕީގެ ޔޫތު އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ އަދި އުނގޫފާރު ދާއިރާ ތަމްޘީލު ކުރައްވާ މެމްބަރު ވިދާޅުވެފައިވަނީ އެމްޑީޕީން ގެންގުޅޭފަދަ ސިޔާސަތެއް ޖުމްހޫރީ ޕާޓީން ނުގެންގުޅޭ ކަމަށެވެ.

އަޙުމަދު ސަޢުދު ވިދާޅުވީ އެ މެމްބަރުގެ ވިސްނުންފުޅު ކޮށިވެފައިވާތީ، ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ރާއްޖޭގެ މުއްސަނދި ވިޔަފާރިވެރިއަކަށް ވުމުން ޤައުމީ ސިޔާސަތާ ވިޔަފާރިއާ އެއީ ކޮންއެއްޗެއްކަން އެނގިވަޑައި ނުގެން ވާހަކަފުޅުތަކެއް ދެއްކެވީ ކަމަށެވެ. އޭނާ ދެއްކެވި ވާހަކަފުޅު ދިވެހީން ޤަބޫލު ކުރާނެތޯ ނުވަތަ ނޫންތޯ އެ މެމްބަރުގެ ޚިޔާލުފުޅަށްވެސް ނާންނަނީ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއަކީ ސަރުކާރު އެކުލެވިގެންވާ ކޯލިޝަންގައި އޮތް ޕާޓީއެއް ކަމަށްވެސް އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގައި އެއްވެސް ސިޔާސަތެއް ނެތްކަމަށާ ޖުމްހޫރީ ޕާޓީއަކީ ކުންފުންޏެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފައި ވެއެވެ.

އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ފުރަތަމަ ކަމަކަށް ޖުމްހޫރީ ޕާޓީ، ދެން އަޅުގަނޑުމެން ކޯލިޝަންގައި ހިމެނޭވެސް ޕާޓީއެއް. ޖުމްހޫރީ ޕާޓިގެ މި ދެންނެވި އަސާސްތަކުން އެއްވެސް އަސާސެއް ހުންނާނެ ކަމަކަށެއް. އިނގޭތޯ. ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އެންމެ މުއްސަނދި އެއްބޭފުޅާ އުފައްދަވައިގެން އުޅޭ ހަމަ ވިޔަފާރި ކުންފުންޏެއްކަހަލަ ޕާޓީއެއް އެއީ. އިނގޭތޯ"
އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ ޕާޓީއެއްކަމަށްވެސް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު

މި ވާހަކަތަކަށް ރައްދުދެއްވައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަޙުމަދު ސަޢުދު ވިދާޅުވީ ތިމަންނަމެންގެ ސަރުކާރޭ ކިޔައި ވާހަކަ ދައްކާއިރު ސަރުކާރު އުފެދި ދައުލަތުގެ މިނިވަން ބާރެއްގެ ގޮތުގައި އޮތް މުއައްސަސާގެ މެމްބަރަކު އެގޮތަށް ވާހަކަ ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ކަމެއް ކަމުގައެވެ. އަދި އޭނާ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ ސިޔާސީ އަކީ ކޮންއެއްޗެއްކަން އެނގިވަޑައިނުގެން ހުންނެވި ޙާލުގައި ކަމަށެވެ.

ޙުމަދު ސަޢުދު ވިދާޅުވެފައިވަނީ ވެރިކަމަށް އައުމަށް ކޮމްޕެނީއަކަސް ކުންފުންޏަކަސް ޖޭޕީ އޯކޭ ކަމަށެވެ. އަދި އޭނާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮމްޕެނީއެކޭ ކިޔާއިރު ޖޭޕީ ކޮމްޕެނީ ވެރިކަމަށް އައުމަށް އެއްބަސްވެވޭ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓަކާ ޙަވާލަދެއްވައި އަޙުމަދު ސަޢުދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ގެންނަން އޯކޭނުވެފަ ލާމަރުކަޒީ ކްލާސް ނަގަން ލާދީނީ ގެންނަންވީމާ ހަނުހުންނަންވީ ކަމުގައެވެ.

މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ޓުވީޓު

މީގެ އިތުރުންވެސް އަޙުމަދު ސަޢުދުގެ ޓުވީޓިގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައިވި ދާޅުވެފައިވަނީ 65 މެމްބަރުންގެ ސިކުނޑި އެއްކުރައްވައިގެން ވިސްނަވަންވީމާ ވާނެއެއްޗެއް މިވަނީ ކަމުގައެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެމްބަރު ޖުމްހޫރީ ޕާޓީއަށް ފާޑުވިދާޅުވެ ދައްކަވައިފައިވާ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއަކީ ފިކުރެއްވެސް ނެތް ޕާޓީއެއް ކަމުގައެވެ. އަދި އެއްވެސް ވިސްނުމެއް ނެތްބަޔަކު ވިއްކާނެ އެއްޗެއްވެސް ނެތްކަމަށް އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މައިދާނަށް ފުރަތަމަ ފަހަރަށް އަލަށް ނިކުމެވަޑައިގެން މަޖިލީހުން ފުރުޞަތު ލިބިވަޑައިގަތް އުނގޫފާރުދާއިރާގެ މެމްބަރުގެ ބައެއް ވާހަކަފުޅުގައި ބޮޑު ސިޔާސީ ޕާޓީއަކުން ކެމްޕޭނަށް ވިއްކާނެ އެއްޗެއް ހޯދުމަށް އޭނާއަށް ގުޅުއްވާ ކަމަށާ އަދި އެމެމްބަރު ހިމެނިވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންގެ ތެރެއިން އިދިކޮޅު ޕާޓީގެ ބޭފުޅުންވެސް ކެމްޕޭނުގައި ލިޔާނެ ޝިޢާރެއް އޮޅުންފިލުވުމަށް ގުޅާ ކަމުގައެވެ.

ލޯކަލް ކައުންސިލަށް އެމްޑީޕީ ފިޔަވައި ނިކުމެތިބި ޕާޓީތަކަކީ ޢިލްމާއި ޙިލްމެއްވެސް ނެތި އެފަދަ އިންތިޚާބަކަށް ނިކުމެތިބި ބައެއް ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މިފަދައިން ވާހަކަ ދައްކަވައިފައިވާއިރު ސަރުކާރު ހިމެނޭ ކޯލިޝަންގެ ޕާޓީތަކުގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފާސްތަކާއެކު ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް އިންތިހާއަށް ބޭނުންވެފައިވާ ބޭފުޅުން ތިއްބެވިކަން އޭނާ ހަނދުމަފުޅު ނެތީކަމަށް ޖޭޕީގެ ނައިބު ލީޑަރ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާ ވިޔަފާރި ކުންފުންޏެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު ވާހަކަފުޅު ދެއްކަވަމުން ގެންދަވައިފައިވާއިރު އެމްޑީޕީ ހިމެނިގެން ރާއްޖޭގެ ވެރިކަމަށް ބޭފުޅަކު ގެނެސްދީފައިވާ އެންމެ ބޮޑު ބައިވެރިއަކީ ޖުމްހޫރީ ޕާޓީއާއި އެޕާރޓީގެ ލީޑަރެވެ. އަދި ޖުމްހޫރީ ޕާޓީއަށް އެކި ދުވަސްވަރު އެމްޑީޕީން ކިޔަމުންދިޔަ ފާޑުކިއުންތަކަށް މަޖާޒީ ގޮތެއްގައި ޖޭޕީގެ ލީޑަރު ވަނީ ރައްދުވެސް ދެއްވައިފައެވެ.

އެގޮތުން އެމްޑީޕީ ވެރިކަމަށް ގެނެސްދެއްވުމުގަޔާއި ޕީޕީއެމް ވެރިކަމަށް ގެނެސްދިނުމުގައިވެސް މައި މުގުލަކަށްވީ ޖުމްހޫރީ ޕާޓީކަމަށާ މިއަދުވެސް އެމްޑީޕީއިސްވެ ކޯލިޝަނަކަށް ވެގެން އެއްބައިވަންތަ ކަމުގައި ވެރިކަން ހޯދައިދިނުމުގެ އެންމެބޮޑު ބައިވެރިއަކަށްވީ ޖުމްހޫރީ ޕާޓީކަން ޤާސިމް ވަނީ ފާހަގަ ކުރައްވައިފައެވެ.

ކޮންމެ ބަޔަކުވެސް ދައްކާ ވާހަކައާ ކުރާ ކަންކަމާ، ކޮންމެހެން އަޅުގަނޑު އެއާބެހޭގޮތުން އެއްޗެއް ދަންނަވާކަށްނޫން. އެހެން ނަމަވެސް ރޯމާމެންދުރު ދުވާލުގެ ވަގުތުތަކުގަ ރާއްޖޭގަ ބޮޑު ޕާރޓީއެކޭބުނެ ވާހަކަދައްކަމުންގެންދާ އަދި ފަކުރުވެރިކަމާއިއެކު ބަސްބުނަމުންދާ މީހުންވެސް ތިބިކަން އަޅުގަނޑުމެން ދަންނަން. އަޅުގަނޑުމެންނަށް އެނގޭ. އޭގެ ތެރޭގަ އޅުގަނޑުމެންނަށް އެބަ އަޑުއިވޭ، ދެޕާރޓީއެއް ފިޔަވައި އާދެ! އެމްޑީޕއާއި ޕީޕީއެމް ފިޔަވައި ދެންހުރީ މާލޫދު ޕާރޓީއޭ. މިހެން ދެންވެސް ޕާރޓީތަކުގެ ރައީސުންނޭ ކިޔައިގެން ތިއްބެވި ބައެއް ބޭފުޅުންވެސް އެހެންބުނާތީ އަޑުއެބައިވޭ. ދެންރަނގަޅު. މާލޫދު ޕާރޓީއަކަސް ވީކަން ރަނގަޅުތާ ދެއްތޯ. އޭގެ ބެނެފިފިޓް އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް ލިބިގެންދާހެން." މި ދައްކަނީ މިހާރު އޮތް ސަރުކާރުގެ ވާހަކައެއްނޫން. މިދިޔަ ސަރުކާރުގެ ވާހަކަ. ދެން މިއަދު އޮތް ސަރުކާރުގެ ޙާލަތަކީ ރައީސުލް ޖުމްހޫރިއްޔާ ކޯލިޝަނެއް އުފައްދަވައިގެން، 2008 ވަނަ އަހަރުވެސް އޮތީ ކޯލިޝަނެއް އުފައްދައިގެން. އެ ވިދާޅުވާ ބޮޑު ޕާރޓީން ނިކުމެ ކުރި މަސައްކަތުން 25 ޕަރސެންޓު ލިބުނީ. އަނެއްކާ އަޅުގަނޑުމެން ގުޅިގެން ކުރި މަސައްކަތުން 29 ޕަރސެންޓު އިތުރަށް ލިބިގެން އެމްޑީޕީ ވެރިކަމަށްއައީ."
ޖުމްހޫރީ ޕާރޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމް

ޤާސިމް ވިދާޅުވީ ރައްޔިތުންނާއި އިންޓެލެކްޗުއަލް ބޭފުޅުންވެސް ވިސްނަވައިވަޑައިގަންނަވަންވީ ޚައްޞާސް ދުވަސްތަކެއް ޤައުމަށް ކުރިމަތިވަމުން އަންނަ ކަމުގައެވެ.

އެއީ ޤާނޫނަށް އަންނަ ބަދަލުތަކާ އިޞްލާޙުތަކާ އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން އަންނަ ކަންތައްތައް ކަމަށެވެ. އެހެންވީމާ އެކަންކަން ވަރަށް ގާތުން ބަލަންތިބެން ޖެހިފައިވާ ކަމަށެވެ. އަދި މާލަހެއްނުވެ ޙަޤީޤަތްތަކެއް ހާމަވެގެންދާނެ ކަމަށާ އެކަން ނިމޭއިރު ކަންތައްތައްވެގެންދާނީ ކިހިނެއް ބާވައޭ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ކަމުގައެވެ.

އެހެން ނަމަވެސް ޤާސިމް ވިދާޅުވީ މި ދުވަސްވަރަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރު ކަމަށާ އެހެންވީމާ ގަސްގަހުގައި މަތިވަރު ދޮންވެ ފައްކާވާ މޫސުމުގައި ގަޅިއުކުން ގިނަވާފަދައިން ފުރާ ފުރިހަމަވަމުންދާ ވަރުގަދަ އަދި ސިޔާސީ ގޮތުން އެންމެ ފަހުގެ ފައިޞަލާކުރަނިވި ނިންމުންތައް ނިންމައިދޭ ބަޔަކާ ދިމާކުރުން ގިނަވާނެ ކަމަށެވެ.