އިނގިރޭސި ޕްރިމިއަރ ލީގުގައި މެޗަކުން ބަލިނުވެ ލިވަޕޫލްއިން ދަމަހައްޓަމުން އައި ރެކޯޑަށް ލީގުގެ 17ވަނައިގައި އޮތް ވަަޓްފޯޑް އިން ނިމުމެއް ގެނެސްފިއެވެ.

ވެޓްފޯޑުގެ ވިކަރެޖް ރޯޑުގައި ކުޅުނު މެޗުން ލިވަޕޫލްގެ މައްޗަށް ވެޓްފޯޑުން ކުރިހޯދީ 0-3ގެ ނަތީޖާއިންނެވެ. މި ސީޒަނުގައި ލިވަޕޫލް ވަނީ ބަލިނުވެ 44 މެޗު ހަމަކޮށްފައެވެ. ޕްރިމިއާ ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވާ އާސެނަލްގެ މަޝްހޫރު "އިންވިންސިބަލް" ޓީމުން 2003-2004 ވަނަ ސީޒަނުގެ ލީގު ތަށި އުފުލާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އާސެނަލްގެ ރެކޯޑަކީ 49 މެޗެވެ. މިއަދާ ހަމައަށްވެސް އެ ރެކޯޑު މުގުރާލެވިފައިނުވާއިރު ފަހުގެ ތާރީހެއްގައި އާސެނަލްގެ މި ރެކޯޑާ ކައިރިކޮށްލެވިފައިވަނީ ވެސް މިފަހަރުގެ ލިވަޕޫލް ޓީމަށެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ހަމަލާ ފޮނުވާލީ ވޮޓްފޯޑުންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ފޯވަޑް ޖެރާޑް ޑެއުލެފޫ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަސް މިނެޓު ފަހުން އަނެއްކާވެސް ވެޓްފޯޑުން ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެންދިޔަ އެވެ. ޑޮކޯރޭ އަށް ޑެއުލެފޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅަ ގޯލަށް ފޮނުވާލުމަށް ހުރަހަކަށްވީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކުއެވެ.

މެޗުގެ 20ވަނަ މިނަޓުގައި ލިވަޕޫލް އިން ވަނީ ވެޓްފޯޑުގެ ގޯލަށް ނުރައްކާކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ފޯވަޑް މުހަންމަދު ސަލާޙް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ބޭރު ދާގަނޑަށެވެ.

މެޗުގެ 37ވަނަ މިނަޓުގައި ވޮޓްފޯޑުގެ ފޯވަޑް ޖެރާޑް ޑެއުލެފޫ އަށް އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ ބަދަލްކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެންއެރީ ރޮބާޓޯ ޕެރޭރާއެވެ.

ފުރަތަމަ ހާފުގައި އެޓޭކިންގް މޮޅު ކުޅުމެއް ދެއްކި ވޮޓްފޯޑުން ދެވަނަ ހާފު ވެސް ފެށީ ވަރުގަދަކޮށެވެ. މި ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ރޮބާޓޯ ޕެރޭރާ ދިން ބޯޅައެއްގައި އިސްމާއިލް ސާރް ފޮނުވާލި ހަމަލާ ގޯލަށް ވަނުމަށް އަނެއްކާވެސް ހުރަހަކަށްވީ ކީޕަރު އެލިސަންއެވެ. އޭގެ އިރުކޮޅެއް ފަހުން ލީޑު ނަގަން ލިވަޕޫލަށް ލިބުނު ފުރުސަތުގައި ވެން ޑައިކް ދިން ހިތްގައިމު ތްރޫ ޕާހެއްގައި ލެފްޓް ބެކް އެންޑީ ރޮބަޓްސަން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެޓްފޯޑުގެ ކީޕަރު ފޮސްޓާ އެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ވެޓްފޯޑުން ލީޑު ނެގީ 54 ވަނަ މިނެޓުގައި ޑޮކޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިސްމާއިލް ސާރް އެވެ. އޭގެ ހަ މިނެޓު ފަހުން ޑީނޭގެ އެހީތެރިކަމާއެކު އަނެއްކާވެސް އިސްމާއިލް ސާރް ވަނީ ދެވަނަ ގޯލެެއްޖަހާ ވެޓްފޯޑަށް ލީޑް ފުޅާކޮށްދީފައެވެ.

ވޮޓްފޯޑުން ޖެހި ދެ ގޯލާ އެކު ލިވަޕޫލުން ވަނީ އެޓޭކިންގް ގޭމެއް ކުޅެ ނަތީޖާ އަނބުރާލެވޭތޯ މަސަތްކަތްކޮށްފައެވެ. ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ގޮތުން 62 ވަނަ މިނެޓުގައި ކޯޗު ޔާގެން ކްލޮޕް ވަނީ ޖޯޖިއޯ ވަޔަނާލްޑަމްގެ ބަދަލުގައި އެޑަމް ލަލާނާ ކުޅެން އަރުވާފައެވެ. އޭގެ 4 މިނެޓުފަހުން ލިވަޕޫލުން ގޯލެއް ޖެހުމާއި ގާތަށް ޖެހިލިއެވެ. އެހެންނަމަވެސް ލަލާނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ގޯލެއް ޖަހަން ލިވަޕޫލުން ކުރިއަށް ޖެހިލައިގެން ކުޅުމުގެ ސަބަބަބުން ވެޓްފޯޑަށް ދިޔައީ ކައުންޓާރ އެޓޭކް ކުރުމަށް ފުރުސަތުތައް ތަނަވަސްވަމުންނެވެ. އެގޮތުން 70 ވަނަ މިނެޓުގައި އެޓީމުން ތިންވަނަ ފަހަރަށް ލިވަޕޫލްގެ ގޯލު ތެރެއަށް ބޯޅަ ވައްދާލައި ލިވަޕޫލް މާޔޫސް ކޮށްލިއެވެ. މި ގޯލު އިސްމާއިލް ސާރްގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑީނޭ އެވެ. އޭގެ ފަހުން 81 ވަނަ މިނެޓުގައި ވެޓްފޯޑުން އިތުރު ގޯލެއް ޖެހުމާއި ގާތަށް ދިޔައެވެ. މިފަހަރު އިސްމާއިލް ސާރް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި ބައްޔަކީ ސީޒަނުގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ އެއްވަރުވެގެން ދެ ޕޮއިންޓް ގެއްލުނު ފަހުން ލީގު މެޗެއްގައި ލިވަޕޫލުން ޕޮއިންޓު ގެއްލުވާލި ފުރަތަމަ ފަހަރެވެ.

މެޗުން ލިވަޕޫލް ބަލިވި ނަމަވެސް ލިވަޕޫލުން ވަނީ މި ސީޒަނުގެ ލީގު ގާތްގަނޑަކަށް ކަށަވަރުކޮށްފައެވެ. ތާވަލުގެ އެއްވަނައިގައި އެޓީމު އޮތީ ކުޅުނު 28 މެޗުން 79 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 27 މެޗުން 57 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި 28 މެޗު ކުޅެ 50 ޕޮއިންޓާއެކު އޮތީ ލެސްޓާ ސިޓީ އެވެ. ތާވަލްގެ އެންމެ ފުލުގައި 28 މެޗުން 21 ޕޮއިންޓާ އެކު އޮތީ ނޯވިޗް ސިޓީއެވެ.