މިނިމަމް ވޭޖް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަނޑަނޭޅުނީތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަޢާފަށް އެދެވަޑައިގެންފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި، އިއުލާނުކުރައްވާނެކަމަށެވެ. އަދި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔައިރުވެސް މިނިމަމް ވޭޖު ކަނޑައަޅައި އިއުލާނު ކޮށްފައި ނުވާތީ އާންމުންގެ ގިނަ ފާޑުކިޔުންތަކެއް މިނިސްޓަރަށް ވަނީ އަމާޒުވެފަ އެވެ.

އުއްމީދު ކުރެވުނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައެޅޭނެ ކަމަށް. މި މައްސަލަ ވަނީ މަޖިލީހަށް ފޮނުވިފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޖިލީހުގެ ލަފަޔެއް މިކަމިގައި ލިބޭނެ ކަމަށް އުއްމީދު ކުރެވެނީ،"
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާދީފައެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ވެސް އެ ބޯޑުން ވަނީ މިނިސްޓަރަށް ވަނީ ލަފާ އަރުވާފައެވެ.

ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން މަޖިލީހަށް ފޮނުވި ރިޕޯޓް ދިރާސާ ކުރުމަށް އިގްތިސޯދީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.