ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގައި މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނާ) ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑަށް ނަގައިފިއެވެ.

ކިތުނާ މަސައްކަތް ކުރާ ސޮނޭވާ ފުށި ރިސޯޓުން ރިލީޒް ލިބުމާއެކު އޭނާ މިހާރު ވަނީ ސްކޮޑާ ގުޅި ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

އާދަމް ނިޒާމް (ކިތުނާ)

ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ހަތް ގޯލާއެކު މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ކިތުނާ އެވެ. ދެ ވަނަ ޑިވިޝަނުގައި މިފަހަރު ކިތުނާ އަށް ގޯލެއް ނުޖެހުނީ މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ކުޅުނު މެޗުގައި އެކަންޏެވެ. ގްރޫޕް ސްޓޭޖުގައި ދިވެހި ސިފައިންގެ ކްލަބް ކޮޅަށް ދެ ގޯލު ޖެހިއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމު ކޮޅަށް ކިތުނާ ވަނީ އެއް ގޯލު ޖަހައިފަ އެވެ.

މީގެއިތުރުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޭޖޭ ސްޕޯޓްސް ކޮޅަށް ދެ ގޯލު، ސެމީ ފައިނަލުގައި ކްލަބް ޕީކޭއާ ދެކޮޅަށް އެއް ގޯލު އަދި ފައިނަލުގައި ކްލަބް ވެލެންސިއާ ކޮޅަށް ވެސް ކިތުނާ ވަނީ ގޯލެއް ޖަހައިފައެވެ. ބ. ސޮނޭވާފުށީގައި ވަޒީފާ އަދާކުރަމުން އަންނަ ކިތުނާގެ ރިލީޒް ހޯދުމަށް އެފްއޭއެމް އިން ސޮނޭވާފުށި ރިސޯޓުގައި ރަސްމީކޮށް އެދުނެވެ.

ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ކިތުނާ އަށް ގައުމީ ސްކޮޑުން ޖާގައެއް ދިނުމަށް ނިންމި އެއް ސަބަބަކީ މާޒިޔާ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހުމުންނެވެ.

މާޒިޔާ އިން ބުނީ އޭއެފްސީ ކަޕްގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި އިންޑިއާގެ ސުޕަ ލީގް ޗެމްޕިއަން ބެންގަލޫރާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި އަސަދުﷲގެ ކަނާތު ކަކުލުގެ ލިގަމެންޓް އިރައިގެން ގޮސްފައިވާ ކަމަށާއި އަނިޔާއިން ރަނގަޅު ވުމަށް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށެވެ. އޮޕަރޭޝަނެއް ކުރަން ޖެހުމުން އަސަދުﷲ އަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވެން މަދުވެގެން ހަ މަސް ނަގާނެ ކަމަށް ބެލެވެއެވެ.

ގައުމީ ޓީމުގެ އާ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑަށް މިހާރު ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައެވެ. ފުރަތަމަ އެކުލަވާލި ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރެއިން ޓީސީ ސްޕޯޓްސް ކްލަބުގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އަދި ކްލަބު ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރާއި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވެސް ފަހުން ވަނީ ޓީމުން ފުރުސަތު ދީފައެވެ. މި ކުޅުންތެރިންނަކީ ލީގުގައި ފަހަކަށް އައިސް މޮޅަށް ކުޅެމުން އައި ކުޅުންތެރިންނެވެ.

ގައުމީ ޓީމު މިހާރު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށެވެ. ޗައިނާއާ ދެކޮޅަށް ތައިލެންޑުގައި ރާއްޖެ އަންނަ މަހުގެ 26 ވަނަ ދުވަހު ނުކުންނައިރު، ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް 19)ގެ ނުރައްކަލާއެކު މި މެޗް ސަޕޯޓަރުން ނުވައްދާ ކުޅުމަަށް ވަނީ ނިންމާފައެވެ. ތައިލެންޑްގައި ކުޅުމަށްފަހު އޭގެ ހަތަރު ދުވަސް ފަހުން މާލޭގައި ރާއްޖެ ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ.