އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ލިސްޓުގެ ކުރީގައި ކޮމިޝަނުގެ މިހާރުގެ ނާއިބުރައީސް އަހުމަދު އަކްރަމް ހިމަނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މަރުހަލާތައް ފަށާފައިމިވަނީ އަކްރަމްގެ މެންބަރުކަމުގެ ދައުރު ހަމަވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ކަނޑައެޅުމަށް ރައީސް ފޮނުއްވި ލިސްޓު އިއްވާފައެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކޮމިޝަނުގެ ނާއިބުރައީސް އަހުމަދު އަކްރަމްގެ ނަންފުޅެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ކުރީގެ މެންބަރު އަހުމަދު ފަޔާޒާއި އިލެކްޝަންސް ކޮމިޝަނުގެ ވަކީލެއްގެ މަގާމު ފުރުއްވާފައިވާ ހަނީފާ ޚާލިދާއި އަހުމަދު މަންސޫރެވެ.

މީގެ ތެރެއިން ފަޔާޒު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. ނަމަވެސް އެ މަގާމަށް މަޖިލީހުން ރުހުން ދީފައިވަނީ ހުސައިން ފިޔާޒު މުސާއަށެވެ.

ލިސްޓުގެ ކުރީގައި އަކްރަމްގެ ނަން ހިމަނުއްވާފައިވާއިރު، އޭނަ މެންބަރުކަމަށް އައްޔަންކުރެވުނީ ރައީސް ޔާމީންގެ ދައުރުގައެވެ. 2018 ގެ ރިޔާސީ އިންތިޚާބުގައި ކޮމިޝަނުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވައި އެންމެ ކުރީސަފުން އަކްރަމް ފެނިގެންގޮސްފައިވާއިރު، އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް އަކްރަމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަދި އިންތިޚާބު އޮބްޒާވްކުރަން އައި ބޭރުގެ ޖަމާއަތްތަކުން ވެސް ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ކަނޑައަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކުރުމަށް މިއަދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޝަނަށް މެންބަރަކު އައްޔަންކުރާނީ ކޮމިޓީން އިންޓަވިއުކޮށް، މަޖިލީހުގެ ތަޅުމުން ރުހުންދީގެނެވެ.