ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިސްތިއުފާއަށް އެމްޑީޕީގެ މެންބަރުން ގޮވާލައްވަމުން ގެންދަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޒަހާއަށް "އޭ" ރިޕޯޓެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މިނިސްޓަރު ހާޒިރުކޮށް، މެންބަރުންގެ ފަރާތުން ސުވާލުތައް ކުރައްވާފައެވެ. މިއީ ޒަހާ މިމަހުގެ ތެރޭ މަޖިލީހަށް ހާޒިރުކުރެވުނު ދެވަނަ ފަހަރެވެ. ޒަހާ މިއަދު މަޖިލީހަށް ހާޒިރުކުރެވުނުއިރު، މީގެ ކުރިން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމަނާގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

ޒަހާ މިއަދު ހާޒިރުކުރެވުނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަކާ ގުޅިގެންނެވެ. ޖާބިރުގެ ސުވާލަށްފަހު އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ ކ.ދިއްފުށީ ބޮއި ކަނޑައިގެންގޮސްފައިވާތީ މީގެ ކުރިން ވާނީ މިނިސްޓަރުގެ ސަމާލުކަމަށް އެކަން ގެންނަވާފައި ކަމަށެވެ. އެހެންކަމުން ސުވާލުކުރެއްވީ އެ ބޮއި އަޅަން ކިހާ ދުވަހެއް ނަގާނެތޯ ސާފުކުރެއްވުމަށެވެ.

މެންބަރުގެ ސުވާލަށް މިނިސްޓަރު ވިދާޅުވީ ދިއްފުށީ ބޮއި އަޅައި މިއަދު ހެނދުނު ނިމިއްޖެ ކަމަށެވެ. މިނިސްޓަރުގެ ޖަވާބާ ގުޅިގެން މެންބަރުން ވަނީ ސާބަސްދެއްވައި އަތްތިލަބަޑި ޖައްސަވާފައެވެ. އެއާއެކު މަޖިލީހުގެ ރައީސް ވަނީ މިނިސްޓަރަށް ތައުރީފު ކުރައްވައި އެކަމަނާއަށް "އޭ" ރިޕޯޓެއް ދެއްވާފައެވެ.

ޝުކުރިއްޔާ އިއްޒަތްތެރި ވަޒީރު. މިހާރު ރިޕޯޓު ކާޑުގައި ޖަހަންވެއްޖެނަމަ އަޅުގަނޑު ހިތުން "އޭ" އަކަށް އިއްޒަތްތެރި ވަޒީރު މިހާރު ވަޑައިގެންފި.
މަޖިލީހުގެ ރައީސް

ރާއްޖޭގެ މަސްވެެރިކަމުގެ ދާއިރާގައި ހިނގަމުންއައި ގާނޫނާ ޚިލާފު ކަންކަމުގެ ސަބަބުން، ރާއްޖޭގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު 2015 ވަނަ އަހަރު ޔޫރަޕިއަނުން ޔޫނިއަނުން ވަނީ ދީފައެވެ. ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ބިރު އޮތް މިންވަރަކާ ގުޅޭގޮތުން މެންބަރަކު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރު އައިސް ކުރެވުނު މަސައްކަތުން، އީޔޫއިން ފާހަގަކުރި ހުރިހާ ކަމެއް ހައްލުކޮށް، ރާއްޖެއަށް ފިޔަވަޅު އެޅުމުގެ ބިރު އެއްކޮށް ނައްތާލެވިއްޖެ ކަމަށެވެ.

އެކަމާ ގުޅިގެން ވެސް މަޖިލީހުގެ ރައީސް ވަނީ މިނިސްޓަރަށް މަރުހަބާ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް
އިއްޒަތްތެރި ވަޒީރުގެ މިދިޔަ އެއްއަހަރު ދުވަހުގެ މަސައްކަތުން އެކަމުން ދިވެހިރާއްޖެ މިވަނީ އަރައިގަނެވިފައި. އެހެންވީމަ އިއްޒަތްތެރި ވަޒީރަށް ވަރަށް ބޮޑަށް މަރުހަބާ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިއަދުގެ ޖަލްސާގައި މެންބަރު ޖާބިރުގެ ސުވާލަކީ ރާއްޖޭގެ މަސްވެރިކަން ޒަމާނީ ކުރުމަށް އެއްވެސް ދިރާސާއެއް ކޮށްފައިވޭތޯއާއި އަދި ނަތީޖާއަކީ ކޮބައިތޯއެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށް ޚާއްސަ ދިރާސާއެއް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މަސްވެރިކަމާ ގުޅޭގޮތުން އެކިއެކި ޕްލޭންތައް ހެދި، އޭގައި މިފަދަ ކަންކަމަށް އަލިއަޅުވާލެވި، މަސްވެރިކަން ކުރިއެރުވުމަށް ނުވަތަ މަސްވެރިކަން ޒަމާނީ ކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރެވިފައި އެބަހުރި ކަމަށެވެ. މިގޮތުން މިނިސްޓްރީގެ ފަރާތުން އެކި މަރުހަލާތަކުގައި އެކި މަސައްކަތް ކުރެވިފައި ހުރި ކަމަށެވެ.

މަސްވެރިކަމުގެ އެކި ޖެނެރޭޝަންތަކުގެ މަސްދޯނި މަސްވެރިކަމަށް ނެރުމަށް މިނިސްޓްރީގެ ފަރާތުން ވާނީ ޕްރޮޖެކްޓްތައް ހިންގާފައި. ދޯނިފަހަރުގެ ފަރުމާއަށް އައިސްފައިވާ ބަދަލުތަކަކީ މިނިސްޓްރީގެ ބޮޑު ބައިވެރިވުމެއް އެކަމުގައިވާ ކަމެއް. އަދި ދޯނިފަހަރުގައި ތާޒާކޮށް މަސް ބެހެއްޓުމަށް އައިސް ބޭނުންކުރަން ފެށުމާއި ވަތުގައި ފެންފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި އެންވަތުގައި ގިނަ ވަގުތު އެން ރައްކާކުރުމުގެ ބަދަލުތައް އަދި މަސް ޕްރޮސެސް ކުރުމުގައި ވެސް ޒަމާނީ ސިފަތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ޕްރޮޖެކްޓްތައް ހިންގިފައިވާނެ.
މިނިސްޓަރ ޒަހާ ވަހީދު

މިނޫނަސް، މަސްވެރިކަން ކުރިއެރުވުމަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގިފައިވާ ކަމަށާއި މި ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ރާއްޖޭގެ މަސްވެރިކަމުގައި ޒަމާނީ އެކިއެކި ވަސީލަތްތައް ގާއިމުކުރުމަށް އެކި ކަންކަން ވަނީ ހިމެނިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މަސްވެރިކަން ބެލެހެއްޓުމުގެ މަގުސަދުގައި ވެސެލް ޓްރެކިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މީގެ އިތުރަށް އެންވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެކުއަކަލްޗަރ ތަރައްގީކުރުމަށްޓަކައި ގދ. މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްވި ޖަވާބުތަކާ ގުޅިގެން، ބައެއް ޖަވާބުތައް ދިފާއުކުރައްވައި އެކަމަނާއަށް މަރުހަބާ ވިދާޅުވެ، "އޭ" ރިޕޯޓެއް ދެއްވާފައިވާއިރު މިއީ މީގެ ކުރިން ޒަހާ މަޖިލީހަށް ހާޒިރުކުރެވުނު ދުވަހު ފެނުނު މަންޒަރާ މުޅިން ތަފާތު މަންޒަރެކެވެ. އެ ދުވަހު މަޖިލީހުގެ ރައީސް ވަނީ މިނިސްޓަރު ދެއްވި ބައެއް ޖަބާވުތަކާ ގުޅިގެން ހިތްޕުޅުހަމަޖެހިވަޑައިނުގެން، މިނިސްޓަރަށް ޖަވާބު ދެއްވިދާނެ ގޮތްތައް ވެސް ވިދާޅުވެދެއްވާފައެވެ.

މިނިސްޓަރ ޒަހާ ވަހީދު މަޖިލީހުގައި

އެމްއާރްއެމްގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު ޒަހާއަށް މިއަދު މަޖިލީހުގެ ރައީސް "އޭ" ރިޕޯޓެއް ދެއްވާފައިވާއިރު މިއީ އެމްޑީޕީ ނޫން ވަޒީރަކަށް މިފަދަ ޝަރަފެއް ދެއްވި ފުރަތަމަ ފަހަރެވެ. އެމްޑީޕީ ސްލޮޓެއްގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ޑރ.އާއިޝަތު އަލީއަށް މީގެ ކުރިން ވަނީ "އޭ ސްޓާ" ދެއްވާފައެވެ.