މިއަހަރުގެ ފުރަތަމަ މަސް ނިމުނުއިރު ގްރީން ފަންޑުގެ ފައިސާއިން 584 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ގްރީން ފަންޑުން 584,8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިވާއިރު މި ފައިސާ ހޭދަކޮށްފައިވަނީ މުޅިއެކު ތިން މަޝްރޫއަކަށެވެ.

އެއީ އަބޫދާބީ ފަންޑުގެ އެހީގައި ޒޯން ހަތެއް ހިމެނޭ ރަށްރަށުގައި ހިންގާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކަށް ހޭދަ ކުރި 214,7 މިލިއަން ރުފިޔާ އާއި ޒޯން އެކެއް ހިމެނޭ ރަށްރަށުގެ ކުނި ނައްތާލުމުގެ މަޝްރޫ އަކަށް ބޭނުންވާ ސާމާނު ހޯދުމަށް ހޭދަ ކުރި 174 މިލިއަން ރުފިޔާކަމަށް ރިޕޯޓުން ދައްކާައެވެ. މީގެ އިތުރުން އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ހިންގާ ކުނި މެނޭޖު ކުރުމުގެ މަޝްރޫއަށް 195 މިލިއަން ރުފިޔާ ހަަރދުކޯށްފައިވެއެވެ.

މިދިޔަ މަހު ގްރީން ފަންޑަށް ޖަމާކޮށްފައިވަނީ 84 މިލިއަން ރުފިޔާ ކަމަށް ގްރީން ފަންޑު ރިޕޯޓުން ދައްކައެވެ. އެގޮތުން ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓް ހައުސް ތަކުން ޖުމްލަ 82 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ސަފާރީ އުޅަނދު ފަހަރުން މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 2.3 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސް އެންމެ ފުރަތަމަ ނަގަން ފަށާފައިވަނީ އޮކްޓޯބަރު 2016 އިން ފެށިގެން،،،ގްރީން ޓެކުހަކީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންނާއި، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުންނަގާ ޓެކުހެކެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދަންށެވެ.