ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައި އޮފީސްހުރި ބިމުގައި 20 ފަންގިފިލާގެ އިމާރާތެއް އެޅުމަށާއި އަދި ރާއްޖޭގެ ފުޓުބޯޅައަށް ބޮޑު ކުރިއެރުމެށް ގެނެސްދޭނެ އިތުރު ދެ މަޝްރޫއެއް ހިންގުމަށް އެފްއޭއެމް އާއި ދެކުނު ކޮރެއާގެ ސްކައިވިންޑް ގްލޯބަލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެފްއޭއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި ސްކައިވިންޑްގެ ގްޅޯބަލްގެ ފަރާތުން ސޮއި ކުރެެއްވީ އެ ކުންފުނީގެ ޗެއާމަން ޕާރކް ޗެންޔޮންގްއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ބޮޑު ކުރިއެރުމެއް އަންނާނެ 3 މަޝްރޫޢުގައި ހިމެނިފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އެފްއޭއެމްގެ މައި އިދާރާގައި 20 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހިމެނިފައި އޮތުމެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުރިއަށް އޮތް ފަސް ވަރަކަށް މަސް ތެރޭ މި ޕްރޮޖެކްޓުގެ އަމަލީ މަސަތްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ކޮރެއާ ކުންފުނީގެ އަމިއްލަ ތަކެތީގައި ކުރަން ނިންމާފައިވާ މި މަސަތްކަތަށް 17 މިލިއަން ޑޮލަރާ ގާތްކުރާހާ އަދަދެއް ހަރަދުވާނެ ކަމަށާއި މިއީ އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށް ބައްސާމް ވިދާޅުވި އެވެ. ބައްސާމް އިތުރަށް ވިދާޅުވީ ލޯނަށް އަނބުރާ ދައްކާ ފައިސާ ހޯދުމަށް އަލަށް އިމާރާތް ކުރާ ތަނުން އެ އިދާރާ އަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށާއި އިމާރާތުގެ މަސަތްކަތް ނިމޭތާ ފަސް އަހަރު ތެރޭ ލޯނު މުޅިން ދައްކާ ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން ސްކައިވިންޑް ގޯލްބަލްއާ އެފްއޭއެމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހިއްކި ބިމުގައި (އެފްއޭއެމްގެ ޓާރފް ދަނޑުގެ ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ ފުޓްސަލް އެރީނާއެއް ވެސް އެޅުމަށް ވަނީ ނިންމައިފައެވެ. ބައްސާމް ވިދާޅުވީ ހިއްކި ބިން ސަރަހައްދުގައި އެޅޭ ހަތަރު ބުރީގެ އިންޑޯ ފުޓުސަލް އިމާރާތުގެ އެއް ފަންގިފިލާގައި އިންޓަރނޭޝަނަލް ފުޓުސަލް މުބާރާތެއް ބޭއްވޭނެ ވަރަށް ތަރައްގީކުރެވޭނެ ކަމަށެވެ. އަދި އެފްއޭއެމްގެ އަމާޒަކީ ފުޓުސަލް ލީގެއް ރާއްޖޭގައި ފެށުން ކަމަށާއި، ފުޓުބޯޅަ އާއި ފުޓުސަލް އެކުވެފައި އޮންނަ އޮތުން މި އިމާރާތުގެ ސަބަބުން ބަދަލުވެގެން ދާނެ ކަމަށާއި ޓްރެއިނިން ހިދުމަތް ލިބޭ ސެންޓަރެއްގެ އިތުރުން މި އެރީނާގައި އެފްއޭއެމް އަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމްކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމް އިން މިއަދު ކޮރެއާ ކުންފުންޏާއެކު އެއްބަސްވި ތިންވަނަ މަޝްރޫޢަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 އާޓިފިޝަލް ގްރާސް ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމެވެ. އެފްއޭއެމް އިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް އޮތް 77 ދުވަސް ތެރޭ ފެށި އަދި އޭގެ ފަހުން ކޮންމެ މަހަކު ދަނޑެއް ތަރައްގީކޮށް ހުޅުވާލެވޭ ވަރުވާނެއެވެ. އަދި މި 20 ދަނޑުގެ ތެރެއިން ތިން ދަނޑަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ތަރައްގީ ކުރާ ދަނޑުތައް ކަމަށާއި ބާކީ 17 ދަނޑު އަޅާނީ އަތޮޅު ތެރޭ ރަށްތަކުގައި ކަމަށެވެ. އަދި މި ދަނޑުތައް އަޅާ ރަށްތައް ނިންމާނީ ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށް އެފްއޭއެމް އިން މައުލޫމާތުއެވެ.

ކޮރެޔާގެ ސްކައި ވިންޑް އާއެކު ކުރެވޭ މަސައްކަތްތަކުގެ ވިސްނުން ހުރި ގޮތް އޭޕްރީލް 18 ވަނަ ދުވަހު ބާއްވާ އެފްއޭއެމް އެވޯޑް ހަފްލާގައި އިއުލާން ކުރާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.