ދިވެހި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި ފައިތިލަ ސާބިތުކޮށް ލީގުގެ އައްޑަނަ އެ ޓީމު އުފުލާލައިފިއެވެ.

ލީގުގެ ފަހު މެޗަށް ނުކުތް އިރުވެސް އެ ޓީމަށް އޮތީ ލީގު ކަށަވަރުވެފައެވެ. އެންމެ ފަހު މެޗުގައި އެ ޓީމު ބައްދަލުކުރީ ކުލަބް އީގަލްސްއާއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އީގަލްސްއެވެ.

މެޗަށް މާޒިޔާއިން ނެރުނު ސްކޮޑުގައި ގިނައިން ތިބީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ނުހިމެނޭ ކުޅުންތެރިންނެވެ. އަދި ބައެއް ކުޅުންތެރިންނަށް ވަނީ ކުރިޔަށް ބޮޑެތި މެޗުތަކެއް ހުރުމުން އަރާމުކުރުމުގެ ފުރުސަތު ދީފައެވެ.

ބާކީ ތިން މެޗު އޮއްވާ މާޒިޔާ އިން ލީގު ކާމިޔާބުކުރީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވި މެޗުންނެވެ. މިއީ މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެ ޓީމުން ވަނީ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު ވެސް ލީގު ކާމިޔާބުކޮށްފައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު 21 މެޗުން 51 ޕޮއިންޓް މާޒިޔާ ހޯދިއިރު ދެވަނައިގައި ނިންމާލި އީގަލްސް އަށް ލިބުނީ 45 ޕޮއިންޓެވެ. 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި ޓީސީ ތިންވަނައިގައި ނިންމާލީ 41 ޕޮއިންޓާއެކު އެވެ. ހަތަރުވަނަ ލިބުނީ 29 ޕޮއިންޓް ހޯދި ގްރީން އަށެވެ. ފަސްވަނައިގައި ނިންމާލި ދަ ގްރާންޑޭ އަށް 27 ޕޮއިންޓް ލިބުނުއިރު ހަވަނަ ލިބުނު ފޯކައިދޫ ފުޓްބޯޅަ ކްލަބަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

މި އަހަރުގެ ލީގުގެ އެންމެ ގޯލްކީޕަރަކަށް ހޮވިފައިވަނީ މާޒިޔާ އަށް ކުޅެމުން އަންނަ އަފްޢާނިސްތާނުގެ ގައުމީ ގޯލްކީޕަރު އޮވޭސް އަޒީޒީ އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ކުލަބް އީގަލްސް އެވެ.