ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާން ހޯދި އާދަމް ނިޒާމް (ކިތުނަ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެއެވެ.

ކިތުނަ މާޒިޔާއިން ގެނައުމަށް ނިންމީ އަނިޔާވެގެން ކުޅުމާ ދުރުގައި ހުރި މާޒިޔާގެ ކެޕްޓަން އަސަަދުﷲ އަބްދުﷲ ނެތްތަން ފޫބައްދަން ކަމަށް ބެލެވެއެވެ. އަދި އޭއެފްސީ ކަޕުގައި އެ މަގާމަށް މިވަގުތު ކުޅުންތެރިއެއް ހޯދުމުގެ ގޮތުންނެވެ.

އަސަދުﷲ އަށް އަނިޔާވެފައި ވަނީ އޭއެފްސީ ކަޕް ޕްލޭ އޯފްގައި މާޒިޔާ އަދި ބެންގަލޫރު އެފްސީ މާލޭގައި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ. އަސަދުﷲގެ ކަނާތު ކަކުލުގެ ލިގަމެންޓް ވަނީ އިރައިގެން ގޮސްފައެވެ. އަދި އަނިޔާއިން ރަނގަޅު ވުމަށް އޮޕަރޭޝަނެއްވެސް ވަނީ ކުރަން ޖެހިފައެވެ. އޮޕަރޭޝަނެއް ކުރަން ޖެހުމުން އަސަދުﷲ އަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވެން މަދުވެގެން ހަ މަސް ނަގާނެ ކަމަށް ބެލެވެއެވެ.

މާޒިޔާއިން ބުނީ އަންގާރަ ދުވަހުން ފަށައިގެން ކިތުނަ އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި އެޓީމުން އެކުލަވާލާ ސްކޮޑުގައި ކިތުނަ ހިމެނޭނެކަމަށެވެ. މީ ކިތުނަ ފުރަތަމަ ޑިވިޝަންގައި އަދި ސީނިއަރ ގައުމީ ޓީމްގެ ސްކޮޑުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މީގެ ކުރިން ކިތުނަ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމްގެ ސްކޮޑުގައި ހިމެނިފައެވެ.

މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން މާޒިޔާ ވަނީ ޖާގަ ހޯދާފައެވެ. ގްރޫޕު ސްޓޭޖްގެ ޖާގައެއް މާޒިޔާ އަށް ލިބުނީ ޕްލެއި އޯފްގައި ބެންގަލޫރު އެފްސީ ބަލިކުރުމަށް ފަހުގައެވެ.

ގްރޫޕު ސްޓޭޖުގައި މާޒިޔާ ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން، އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.