ހޮލީވުޑްގެ މަޝްހޫރު ފިލްމު ސީރީޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ހަވަނަ ފިލްމުގެ މައި ކެރެކްޓަރ ކެޕްޓަން ޖެކް ސްޕެރޯގެ ރޯލު އަނެއްކާވެސް ޖޮނީ ޑެޕްއަށް ހުށަހަޅާފައިވާކަމަށް މީޑިއާއިން ބުނަން ފަށައިފިއެވެ.

"ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފުރަތަމަ ފަސް ފިލްމުގައި ޖެކް ސްޕެރޯގެ ރޯލުން ފެނިގެންދިޔަ ޑެޕްއަށް 6 ވަނަ ފިލްމުގައި އެރޯލު ނުދޭން ޑިޒްނީން ނިންމާފައިވާކަމަށް މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން މި ސީރީޒްގެ އޮރިޖިނަލް ސްކްރީ ރައިޓަރު ސްޗުއަޓް ބީޓީ ޑެއިލީ މެއިލް ޓީވީއަށް 2018 ގައި ދިން އިންޓަވިއުއެއްގައި އެކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އޭގެފަހުން ޑިޒްނީގެ ރައީސް ޝޯން ބެއިލީވެސް އެކަން ކަށަވަރުކޮށް ދީފައިވެއެވެ.

ޑިޒްނީގެ މިނިންމުމަށް ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވިއެވެ. އެގޮތުން ޖެކް ސްޕެރޯގެ ރޯލު ޑެޕް އަށްވުރެއް މޮޅަށް އެހެން ފަންނާނަކަށް އަދާނުކުރެވޭނެ ކަމަށާއި ޑެޕް ނުފެންނަ ކަމުގައިވަނީނަމަ "ޕައިރެޓްސް އޮފް ދަ ކެރީބިއަން" ބަލަން ނުދާނެކަމަށް ވަރަށް ގިނަމީހުން ބުނަމުން ދިޔައެވެ.

ފަހުން މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ޖެކް ސްޕެރޯގެ ރޯލު ހުށަހެޅީ ޒެކް އެފްރޯން އަށެވެ. އެހެންނަމަވެސް ޒެކް އެ ހުށަހެޅުން ޤަބޫލުކުރިކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

ޕައިރެޓްސް އޮފް ދަ ކެރީބިއަން ގެ ފަސްވަނަ ފިލްމުގެ ޕޯސްޓަރު

ހޮލީވުޑް ޚަބަރުތައް ގެނަސްދޭ ގިނަ މީޑިއާތަކުން މިހާރު ބުނަމުންދަނީ އަނެއްކާވެސް ޑިޒްނީއިން މިރޯލު ޑެޕްއަށް ހުށަހެޅުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. "ޕައިރެޓްސް އޮފް ދަ ކެރީބިއަން" ގެ ހަވަނަ ފިލްމުންވެސް ޑެޕް ފެނިގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިކަން ރަސްމީކޮށް ޑިޒްނީއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފުރަތަމަ ބައި ސިނަމާތަކުގައި އެޅުވީ 2003 ވަނަ އަހަރުއެވެ. ފަސްވަނަ ބައެއް ގެނަސްދީފައިވަނީ 2017 ވަނަ އަހަރުއެވެ.