ޖުމްހޫރީ ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗް ކުރުމަށްޓަކައި އަލިމަސް ކާނިވާ ސަރަޙައްދުގައި ބާއްވާ ޖަލްސާއަކީ ރައްޔިތުން އެކަމެއްގެ މައްޗަށް އެންމެ އެދޭ ދީނާއި ޤައުމިއްޔަތުގެ ދިފާޢުގައި ޝިޢާރުގެ ދަށުން ބާއްވާ ޖަލްސާއެއް ކަމަށް އެޕާޓީން ބުނެފިއެވެ.

ހޯމަދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕާޓީގެ ލީޑަރޝިޕުންބުނީ އެޖަލްސާ ބާއްވަނީ ޖުމްހޫރީ ޕާޓީގެ ލޮބުވެތި މެމްބަރުންގެވެސް އެދިވަޑައިގަތުމުގެ މަތީން ޕާޓީގެ 141 ވަނަ ކައުންސިލު ބައްދަލުވުމުގައި އެގޮތަށް އިއްތިފާޤުވެގެން ކަމަށެވެ.

އަދި އެ ޝިޢާރަކީ ޖުމްހޫރީ ޕާޓީ އުފެދުނު ދުވަހުން ފެށިގެން ޕާޓީގެ ލީޑަރު ގެންގުޅުއްވާ ދިވެހީންގެ ދީނާއި ޤައުމިއްޔަތުގެ ދިފާޢުގެ ސިޔާސަތުގެ ޝިޢާރު ކަމުގައެވެ.

ޖުމްހޫރީ ޕާޓީން މިޖަލްސާ ބާއްވަން ހަމަޖައްސައިފައިވަނީ މިހަފްތާގެ ހުކުރުވާ 13 ވަނަ ދުވަހުގެރޭ ކަމަށް ޖަލްސާ ކުރިއަށް ގެންދިއުމާ ބެހޭގޮތުން ޕްރެސް ދެއްވި ޓާސްކްފޯރސްއިން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާރޓީގެ ޕްރެސްގެ ތެރެއިން

ޕާޓީގެ ނައިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ބާއްވަން އުޅެނީ އާކަމެއް ނޫންކަމަށާ ނަމަވެސް މިއީ އެ ޕާޓީން ލޯކަލް ކައުންސިލަށް ކުރިމަތިލައްވާފައިފައިވާ ބޭފުޅުންނާއި އިންތިޚާބުގައި އެ ޕާޓީން ދެކޭގޮތް އަދި ސިޔާސަތު ރައްޔިތުންނާ ޙިއްޞާކުރުމަށް ބާއްވާ ޖަލްސާއެއް ކަމުގައެވެ.

މި ބާއްވަން އުޅޭ ޖަލްސާއަކީ ޖުމްހޫރީ ޕާރޓީގެ ތާރީޚުގަވެސް ނުބާއްވާވަރުގެ ބޮޑު ޖަލްސާއެއް ބާއްވާކަށް އެގޮތަކަށް ޕްލޭން ކޮށްގެން ކުރާ ކަމެއް ނޫން. މީގެ ބޭނުމަކީ މިހާރު ހިނގަމުން މިދާ ކަންތައްތަކުގަ އަޅުގަނޑުމެންގެ ޕާރޓީއަކީވެސް އެއްސަފެއްގަ މިހާރު ރާއްޖޭގަ އޮތް ދެ ޕާރޓީއެކޭ އެއްވަރަށް، އެއަށްވުރެވެސް ފުރިހަމައަށް އަޅުގަނޑުމެންނަކީ ފުރިހަމަ ބޮޑު ޕާރޓީއެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުން. އެކަމަކު އަޅުގަނޑުމެން މިއުޅެނީ ކޮންމެހެން ޗެލެންޖެއް ނަގައިގެން މާމޮޅު ކަންތައްތަކެއް ކުރާކަށްވެސް ނޫން."
އަޙުމަދު ސަޢުދު ޖޭޕީގެ ނައިބު ރައީސް

އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ރައްޔިތުންނަށް ދަތިޙާލުޖެހޭ ވަގުތުތަކާއި އެކިއެކި ގޮންޖެހުންތައް ކުރިމަތިވާ ވަގުތުތަކުގައި ރައްޔިތުންގެ ޙައްޤުގައި އަބަދުވެސް ޖުމްހޫރީ ޕާޓީން ވަކާލާތުކުރާ ކަމުގައެވެ.

އަދި ޕާޓީން އިންތިޚާބަށް ނިކުންނަ ޢަދަދު މާގިނަ ނުވި ކަމުގައިވިޔަސް އަންހެނުންގެ ތަރައްޤީއާއި ރަށްރަށާއި ރައްޔިތުންނަށްޓަކައި އަބަދުވެސް ތެދުވާ ޕާޓީއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮންނަ ކަމަށެވެ.

މި އިންތިޚާބާއި ގުޅިގެން ޖުމްހޫރީ ޕާރޓީންވެސް ޕާރޓީގެ ކެންޑިޑޭޓުން ލޯންޗް ކުރުމަށާއެކުގަ ވަރަށް މުހިންމު ބޮޑު ބައްދަލުވުމެއް ފުރަމާލޭގަ ބާއްވބަން ޖެހޭނެކަމަށް. ޕާރޓީގެ ކެންޑިޑޭޓުން ރާއްޖޭގެ އެކި ކަންކޮޅުގަ، ތެދެއްމެ ޢަދަދު މާގިނަ ނޫން ނަމަވެސް މި ޕާރޓީއަށް ފުދޭވަރަށް މިޕާރޓީގެ ވިސްނުންތެރިކަމާއެކުގަ މި ޕާރޓީއަށް ތާއީދުތައް އޮތް ހިސާބުތަކުގެ އިތުރުން އަދި ޝައުޤުވެރިކަން ފާޅު ކުރައްވައިފައިވާ މުހިންމު ޚާއްޞަ ސަރަޙައްދުތަކަށް ކެންޑިޑޭޓުން މިވަނީ ކުރިމަތިލައިފަ."
އަޙުމަދު ނިހާން: ވިލި މާފަންނުގެ ކުރީގެ އެމްޕީ

ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ބޭނުންވާ ހުއްދައަށް އެދި މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފައި ވާނެކަމަށާ އަދި ވަރަށް އަވަހަށް އެހުއްދަ ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމުގައި ކުރީގެ މަޖިލިސް މެމްބަރު ޔާމީން ރަޝީދު ވިދާޅުވިއެވެ.

އަލިމަސް ކާނިވާ ސަރަޙައްދުގަ މި ޖަލްސާ ހަމަޖެހި ރޭވި އިންތިޒާމުވެ ކުރެވެމުން މިހާރު މިދަނީ. ދެން މީގަ އަޅުގަނޑުމެން ދަންނަވާލަން ބޭނުންވާ އެއްކަމަކީ އަލިމަސް ކާނިވަލް ސަރަޙައްދު އަޅުގަނޑުމެން މި ޕާރޓީގެ ޖަލްސާއެއް ބޭއްވުމަށް ހޯދުމަށްޓަކައި ސިޓީއެއް ޕްލޭނިންގ މިނިސްޓްރީއަށް ފޮނުވިފަ. އާއި ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދައަށް އެދިފަ. އުއްމީދުކުރަނީ ވީހާވެސް އަވަހަކަށް ހުއްދަ ލިބޭނެ ކަމަށް."
ޔާމީން ރަޝީދު: ކުރީގެ އެމްޕީ

ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޝިޢާރަކީ މީހަކަށް ފޯނުކޮށްގެން އާދޭސްކޮށްގެން ހޯދި ޝިޢާރެއް ނޫން ކަމުގައެވެ. އަދި އެއީ ޚުދު ޕާޓީގެ ލީޑަރުގެ އަބަދުގެވެސް ޝިޢާރެއް ކަމަށާ ޤައުމިއްޔަތު ގެއްލޭފަދަ ޙާލަތަކަށް ޤައުމު ހިނގައިދާނެ ކޮންމެ ދަނޑިވަޅެއްގައި ތެދުވެވަޑައިގަންނަވާ ބޭފުޅަކީ ޕާޓީގެ ލީޑަރު ކަމުގައެވެ.

މި ޕާރޓީގެ މުހިންމުކަން ރާއްޖޭގެ ރައްޔިތުންނަށް ގެއްލިގެންދާ ދުވަހަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ދުވަހަކުވެސް ޤަބޫލުނުކުރާވަރުގެ ގެއްލުންތަކެއް މި ޤައުމަށް ލިބިގެންދާނެ ދުވަސް. އެހެންވީމާ އެ ޙާލަތު އަޔަ ނުދިނުމަށްޓަކައި މި ޕާރޓީ ކޮޅަށްނަގައި ޖެހުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއް. ސަބަބުތަކަށްޓަކައި، ކޮންމެ މީހަކު ކޮންމެ ޕާރޓީއަކަސް ތިމަންނަމެންނަށް ކޮންކަމެއް ހެއްޔޭ. އެހެންވިދާޅުވެ ތިއްބަވާކަށްނުވާނޭ މިއަދު. މިއަދު ތެދުވެވަޑައިގަންނަވާށޭ. މި ޕާރޓީ މި ނިކުންނަނީ ތިޔަ ރައްޔިތުންގެ ޙައްޤުގައޭ."
އަޒްލީން އަޙުމަދު: ކުރީގެ ހޯމް މިނިސްޓަރ

ޖުމްހޫރީ ޕާޓީން ބުނީ މި ބައްދަލުވުމުގައި އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ މެނިފެސްޓޯވެސް އިޢުލާން ކުރެވިގެންދާނެ ކަމުގައެވެ.

މީގެއިތުރުންވެސް އަންގާރަދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ޕާޓީގެ ނައިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ޖޯކަކަށް ހަދައިގެން ބަޔަކު ވާހަކަ ދެއްކި ކަމުގައިވިޔަސް ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސްރަޙުގައި ސާބިތު ފިޔަވަޅެއްގެ މަތީގައި ތިބި ބައެއްކަން އެންމެނަށްވެސް އެނގޭނެ ކަމަށެވެ.

ރިޔާޒް ރަޝީދު: ވިލުފުށީ ދާއިރާގެ ކުރީގެ އެމްޕީ

ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވީ މިޖަލްސާއަކީ ބޮޑާކަމާ މީހުން ގިނަކަން ދައްކަން ބާއްވާ ޖަލްސާއެއް ނޫންކަމަށެވެ.

އެންމެ ބޮޑު އެންމެ ބާރުގަދަ ޕާޓީއަކީ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީކަމަށް ޖުމްހޫރީ ޕާޓީން ޤަބޫލު ނުކުރާ ކަމުގައެވެ. އަދި އެކަމުގެ ހެއްކަކީ ރާއްޖޭގެ ފަހުގެ ތާރީޚުތަކުގައި ބޭއްވުނު ރިޔާސީ އިންތިޚާބުތައް ކަމަށާ ނަތީޖާ ނެރެދިން ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމުގައެވެ.

ޖުމްހޫރީ ޕާރޓީން ޤަބޫލެއް ނުކުރޭ ކޮންމެހެން އެންމެ ބާރުގަދަ އެންމެ ބޮޑު ޕާރޓީގަ އެންމެ ގިނަ މެމްބަރުން ތިބެން ޖެހޭނެ ކަމަކަށް. ދަފްތަރުގަ. އެއީކީ ކައުންޓްކުރާ އެއްޗެއްނޫން. ނިމިދިޔަ ރިޔާސީ އިންތިޚާބާއި އޭގެ ކުރީގެ އިންތިޚާބުތަކަށް ބައްލަވައިލެއްވީމަ އެނގިވަޑައިގަންނަވާނެ. އެއްވެސް ބަޔަކަށް ޖުމްހޫރީ ޕާރޓީއާއި ނުލައި އިންތިޚާބެއްގަ ވިން ނުކުރެވުނު."
ރިޔާޒް ރަޝީދު: ވިލުފުށީ ދާއިރާގެ ކުރީގެ އެމްޕީ

ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަޙުމަދު ވިދާޅުވީ ޖަލްސާ ބާއްވަން މެދުވެރިވި ސަބަބުތަކެއް އެބަހުރި ކަމުގައެވެ.

މިޖަލްސާ ބާއްވަން ފުރަތަމަ މެދުވެރިވި ސަބަބަކީ ދީނީ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި އަދި ދީނާއި ދެކޮޅު ޖަމިއްޔާއެއް ރާއްޖެއަށް އައިއްސަ އެހެން ދީންތަކަށް ފުރުޞަތު ދޭނެކަމަށްބުނެ ނުވަތަ ފުރުޞަތު ދޭންޖެހޭނެކަމަށް ބުނެ ވަރަށް ބޮޑަށް ވަކާލާތުކުރަމުންދާ ދަނޑިވަޅެއްގައި މިހާތަނަށް ސަރުކާރުން ކުށްވެރިކޮށް ހުއްޓުވައިދީފައެއްވެސް ނުވޭ. އެހެން ނަމަވެސް ވަރަށް ގިނަ ނޫސްތަކުންނާއި ސޯޝަލް މީޑިއާތަކުން މިކަމާ ދެކޮޅަށް އަޑު އުފަލަމުންދޭ. އެހެންވީމާ އޮނަރަބަލް ޤާސިމް އިބްރާހީމަށް ޤަބޫލުފުޅު ކުރެއްވުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ލޯންޗިންއާއި ގުޅުވައިގެން މިޖަލްސާ ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަތީ."
އިލްހާމް އަޙުމަދު: ޖޭޕީ ލީޑަރުގެ ޕޮލިޓިކަލް އެޑްވައިޒަރ

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ރާއްޖޭގައި ކިޔަވައި ވިދާޅުވެގެން ތިއްބެވި ޙިލްމުވެރީންނާއި ފަންނުވެރީން ނިކުމެ ވަޑައިގެން ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ފަދައިން އެބައިމީހުންގެ ޙައްޤުގައި ތެދުވެވަޑައިގަތުމަށް އެދޭ ކަމުގައެވެ.