މި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ގޮތަކަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި އެކަން ކުރެވޭނީ ފަރުދީޒިންމާވެސް އަދާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަރަންޓުގެ ޚިދުމަތްދޭތާ 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ރައްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ކަރަންޓު އިސްރާފުނުކުރުމަށް ގޮވާލައްވާފައެެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި ކަރަންޓަކީވެސް އަސާސީ ޚިދުމަތެއް ކަމަށެވެ. އެހެންވީމާ ސަރުކާރުގެ އަމާޒަކީ ކަރަންޓު ޚަރަދު ވީހާވެސް ކުޑަކުރުން ކަމަށެވެ.

އެހެންނަމަވެސް މިކަމަކީ ފަރުދީ ޒިންމާވެސް ބޮޑު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ކަރަންޓު ޚަރަދު ކުޑަކުރުމުގައި ފަރުދީޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ކަރަންޓުން އިސްރާފުވާ މިންވަރު ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް، ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ޢާންމު ރައްޔިތުންގެ ސަމާލުކަމަށް އަބަދުވެސް ގެންނަވާ ކަންކަން ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ސަރުކާރުން ގެންގުޅޭ ކަރަންޓުގެ އަގު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އަތޮޅުތެރެއާ މާލެއާ ކަރަންޓުގެ އަގުގެ އޮންނަ ތަފާތުތައް ސަރުކާރުން ކަނޑާލާފައިވާކަން އެމަނިކުފާނު ވަނީ އުފާލާއިއެކު ފަހަގަކުރައްވާފައެވެ.

މީގެއިތުރަށް ރައީސް ވިދާޅުވީ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ކަރަންޓުގެ ޚިދުމަތް ދިނުމަކީވެސް މިސަރުކާރުން ކަރަންޓުގެ ޙިދުމަތް ދިނުމުގައި އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އެގޮތުން އިޢާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމުގެ ގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެއާއި އެހެން ރަށްރަށުގައި އިތުރު ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ސިޔާސަތުގެ ދަށުން ކަރަންޓުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ސްޓެލްކޯއިން އެކުލަވާލާފައިވާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެން ދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން ވެސް ވިދާޅުވިއެވެ.

ސްޓެލްކޯގެ މިހަފްލާގެ ތެރެއިން "ފެހި ދިރިޅުން" މި ނަމުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރާ މަޝްރޫއެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިގްތިތާހު ކޮށްދެއްވާފައެވެ.

މި މަޝްރޫއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނަން ކޮންމެ ގޭބިސީއެއްގައިވެސް އާދަކުރަން ވެއްޖެކަމަށެވެ. އަދި، ޕްލާސްޓިކްގެ ނުރައްކަލުން އަޅުގަނޑުމެންގެ ވެށި ރައްކާތެރި ކުރެވޭނީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން ކަމުގައި ވިދާޅުވިއެވެ

އިޤްތިޞާދު ކުރިއެރުވުމަށް ޔޫޓިލިޓީޒް ޚިދުމަތްތައް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައިވާ ވަރަށް މުހިންމު ބައެކެވެ. އަދި މިކަމަށްޓަކައި މި ސަރުކާރުން މިހާތަނަށްވަނީ ކަރަންޓުގެ ޚިދުމަތް އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތާލައި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްހަމަ ކޮށްފައެވެ. އަދި ހަމަ އެއާއެކު އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް އެއްހަމަ ކޮށްފައެވެ.