ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަލުން ކޮޅަށް ޖެހުމުގެ މަސައްކަތުގެ ދަށުން އެ ކުލަބުގެ ޗެއާމަނުކަމަށް ހދ. ނޮޅިވަރަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފި އެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ނިއުރޭޑިއަންޓްގެ އާ ބޯޑު މެމްބަރުންވެސް ވަނީ ހާމަކޮށްފައެވެ. ވައިސް ޗެއާމަނާއި ބޯޑު މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން ވަނީ ހަމަޖައްސާފައެވެ.

ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ކުރިން އެކްޓިން ޗެއާމަންގެ މަގާމުގައި ހުރި ސައްޔިދު އަލީ އެވެ. އަދި ބޯޑު މެމްބަރުންގެ ގޮތުގައި ހަމަޖެއްސީ ޒަހީނުއްދީން ސައީދު، ހުސައިން ޝާމް އާދަމް، ހަސަން ހުސައިން، އަބްދުލްމުއިޒް މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއިލް ރަޝީދު އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓުގެ ސަސްޕެންޝަން މިދިޔަ އަހަރު އެފްއޭއެމްގެ އަހަރީ ޢާންމު ޖަލްސާގައި ކްލަބުތަކުން ވަނީ ދަމަހައްޓާފައެވެ. އެކަމަކު މިއަހަރުގެ މާޗު މަހު އޮންނަ އަހަރީ ޢާންމު ޖަލްސާގައި އެ ސަސްޕެންޝަން އުވާލުމުގެ ފުރުޞަތު އެބައޮތެވެ.

https://www.facebook.com/photo.php?fbid=180811156672356&set=a.115864976500308&type=3&theater

ފުޓްބޯޅައިގެ ހުރިހާ ކަމަކުން މިދިޔަ އަހަރު ނިއުރޭޑިއަންޓް ސަސްޕެންޑު ކުރިއިރު، ނިއުރޭޑިއަންޓުން ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ދޭން އޭރު ޖެހުނެވެ. އެކަމަކު އެފްއޭއެމްގައި ހުރި ނިއުރޭޑިއަންޓުގެ ފައިސާއިން ދިވެހި ކުޅުންތެރިންނަށް ވަނީ މިހާރު މުސާރަ ދީފައެވެ.

ނަމަވެސް އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން އެއްބަސްވުން ބާތިލުކޮށްފައިވާތީ 703،707 (ހަތްލައްކަ ތިންހާސް ހަތްސަތޭކަ ހަތް ރުފިޔާ) ދޭން ފީފާއިން ވަނީ ނިއުރޭޑިއަންޓަށް އަންގާފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 (ފަސްލައްކަ އެގާރަހާސް ތިންސަތޭކަ ސާޅީސްދެ ރުފިޔާ) ދޭންވެސް ވަނީ އަންގާފައެވެ.

ނިއު އިން މީގެކުރިން ބުނެފައިވަނީ ސަސްޕެންޝަން އުވާލައިފިނަމަ ފުރަތަމަ އިސްކަންދޭނީ ކުޅުންތެރިންގެ މުސާރަތައްދީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް ނެރެން ކަމަށެވެ.