ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ކެމްޕޭންތައް ކުރާއިރު ރައްޔިތުންގެ އަނގަޔާއި އަތާ ދިމާވޭތޯ ނުބަލައި މޮޅު ވާހަކަ ދެއްކިއަސް ކަމަކު ނުދާނެކަމަށް ޖުމްހޫރީ ޕާޓީގެ ޕޮލިޓިކަލް އެޑްވައިޒަރ އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް ވިދާޅުވީ މިއަދު ރައްޔިތުން ވަރަށް ބޮޑު މާޔޫސްކަމެއްގައި ތިބި ކަމަށާ އެހެންވީމާ ހެޔޮބަދަލަކަށް ރައްޔިތުން ބޭނުންވާ ކަމުގައެވެ.

ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ދެވަނަދައުރެއްނުދީ ރައްޔިތުން އާ ސަރުކާރެއް ގެނައީ އެ ހެޔޮ ބަދަލަށް އެދިގެން ކަމަށާއި، އެހެން ނަމަވެސް އެ ހެޔޮ ބަދަލުތަކަށް ހުރަސްއަޅާ ކަންތައްތަކެއް އެބަހުރި ކަމަށާ އެކަންކަމުން ސަލާމަތްވާންޖެހޭ ކަމަށެވެ.

ޖުމްހޫރީ ޕާރޓީން ބޭއްވި ޕްރެސް

ފާއިތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ވެރިކަން ކުރައްވާފައި ފޮނި އަނގަ ތަޅުއްވާފައި އަދި އެއްބޭފުޅަކު ވެރިކަން ދޫކޮށްލައްވާފައި ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އިލްހާމް ވިދާޅުވީ، އިޤުތިޞާދީ ވިސްނުމުގެ ތިލަފަތުން މިނެކިރުއްވި އެއްވެސް ވެރިއަކު ނެތް ކަމުގައެވެ.

އިނގިރޭސި ޓެކްނިކަލް ބަސްތަކުން ދައްކަވާ ވާހަކަ ގަޔާ ކުރައްވައިގެން ވާހަކަ ދެއްކެވުމުގައި މަޝްހޫރުކަން ހޯއްދަވައިފައިވާ އިލްހާމް ވިދާޅުވީ އެކަން ރައްޔިތުން ދެނެގެންފި ކަމުގައެވެ.

ރައްޔިތުންނަށް ޓެސްޓުކޮށް ނިމިއްޖެ. ޓެސްޓު ނުކުރާ އެއްވެސް އެއްޗެއްނެތް. މިވާހަކަ ދައްކާފަ މި ފޮނި އަނގަތަޅައިގެން ޓެސްޓުކުރަން ބޭނުންވި އެންމެނަށް ޓެސްޓުކޮށް ނިންމާލާފަ އަދި އިތުރު މީހަކަށް ޓަޗް ކޮށްލައިފިން އަޅުގަނޑުމެން. ހަމަ ސުމެއް މިޖެހުނީ. މިއެއްނޫންތޯ ޙަޤީޤަތަކީ. އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި މާޔޫސްކަމާ މި ހިތްހަމަނުޖެހުމާ އެކުގަ ރާއްޖޭގެ ލޮބުވެތި ރައްޔިތުން މިއަދު އެބަ ބޭނުންވެޔޭ ޗޭންޖަކަށް. އިތުރު ރަހައެއް، އިތުރު ކުލައެއް މިދައްކާ ވާހަކައަށް އެބަ ބޭނުންވޭ. ކޮންމެ މީހަކަވެސް ބުނާނެ ބޯހިޔާވަހިކަން ދޭނަމޭ ކޮންމެ މީހަކުވެސް ވިދާޅުވާނެ އަޅުގަނޑުމެން ފްލެޓް ދޭނަމޭ. ކީއްވެތޯ ނުދެވިގެން މިއުޅެނީ. ތި ބްރިޖް ކަހަލަ ބްރިޖަކަށްދާ އަގުން މުޅި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ފްލެޓް ދެވޭ. ކާކަށް ކޯންޗެއްތޯ އޮޅުވައިލަން މިއުޅެނީ."
އިލްހާމް އަޙުމަދު

އިލްހާމް ވިދާޅުވީ ކޮންމެ ބަޔަކަށް ބާރުތަށް ލިބުމުން މިލްކުވެރީންނަށްވެ ރައްޔިތުން އަޅުވެތިކަމުގެ ސަލާން ޖެއްސުމަކީ ރާއްޖޭގައި ދަމަހައްޓަން މަސައްކަތްކުރާ ސަގާފަތެއް ކަމަށެވެ. ނަމަވެސް އެ ސަގާފަތް ނައްތައިލަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުންނަށް ބޭވަފާތެރިވުން ކަމަށާ ރައްޔިތުންގެ ޒިންމާތައް ބަޔަކާ ޙަވާލު ކުރަނީ އުއްމީދުތަކަކާއި އެކުގައި ކަމަށެވެ.

އެމީހުންގެ ވާހަކައަކީ ބަރޯސާ ވާންޖެހޭނެޔޭ ރައްޔިތުން. އަބަދުވެސް ބަރޯސާވާން ޖެހޭނެޔޭ ސަރުކާރަށް، ބޮޑެތި ބޭފުޅުންނަށް. އެހެންވީމާ ބޭނުން ނުވަނީ މި ނިޒާމު އެއްކޮށް ދުއްވައިލާކަށް. އެންމެ ބްރިޖެއްގެ އަގުން ރައްޔިތުންނަށް ބޯހިޔާވަހިކަން އެބަ ލިބޭ. އަދިވެސް ނޫޅޭނޫންތޯ މިކަން ނިންމައިލާކަށް. އަބަދުވެސް އޮންނާނެ ކޮންމެވެސް ކޮމްޕޯނަންޓެއް ހަމަ ހިފައި ދަމަން. ކޮބާ އާސަންދަ. ކޮންމެސް މެމްބަރަކަށް ކޮންމެވެސް ވަޒީރަކަށް ނުގުޅައި އާސަންދައެއް ރަނގަޅަކަށް ހަމައެއްނުޖެހޭނެ. ހަމަޔަޤީނުން އެމީހާ ދާން ޖެހޭނީ މެމްބަރެއް ކައިރިއަށް ވަޒީރެއް ކައިރިއަށް އާދޭސް ދަންވަން ޖެހިގެން. ކޮން އާސަންދައެއް. އޮޓޯއިން އެ ލިބެންވީނު. ޑޮކްޓަރު ބުނާތަނުން. އަޅުގަނޑު ޔަޤީންކަން މިއަރުވަނީ ﷲ ގަންދީ ހުވާކޮށްފަ މި ޔަޤީންކަން މިއަރުވަނީ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި ސަލާން ޖަހާކަށް ނުޖެހޭނެ. އެއްވެސް މެމްބަތރަކަށް ގުޅާކަށް ނުޖެހޭނެ. ގުޅާކަށް ނުޖެހޭނެޔޭ ވަޒީރަކަށް. އޮޓޯއިން އޭނައަށް ރާއްޖެއިން ބޭރަށްވެސް ދެވޭނެ. އޭނަ ހުންނަ ހޮޓަލަކަށްވެސް ލާރި ލިބޭނެ. އޭނައާއި އެކު ހުންނަ އެހީތެރިއާއަށްވެސް ލާރި ލިބޭނެ. ބޭސް ފަރުވާ ނިމިގެންނޫނީ ރާއްޖެއަށް އަންނާކަށްވެސް ނުޖެހޭނެ."
އިލްހާމް އަޙުމަދު

އިލްހާމް މި މޭރުމުން ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަނެއްގެ ތެރޭގައި ކަމަށެވެ. އަދި އެކޯލޝަންގެ ތެރޭގައި ޖުމްހޫރީ ޕާޓީ އޮންނާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއި އެކުގައި ކަމަށެވެ.