އިންތިހާބަކާ ނުލައި މާލެ ސިޓީގެ އެކި ދާއިރާތަކުން 11 ގޮނޑި އެމްޑީޕީއަށް ކަށަވަރުވެއްޖެއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެގެ، ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީން 11 ގޮނޑީ އެމްޑީޕީއަށް ކަށަވަރުވެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އެއް ގޮނޑިއާ އެއްކޮށެވެ. އެއީ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއެވެ. މި ގޮނޑި އެމްޑީޕީއަށް ކަށަވަރުވީ، އެދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ސާއިފް ފާތިޙް ފިޔަވައި އެހެން އެއްވެސް މީހަކު ކުރިމަތިލައްވާފައި ނުވާތީއެެވެ.

މީގެ އިތުރަށް އެމްޑީޕީއަށް ކަށަވަރުވެފައި ވަނީ މާލެ ސީޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 10 ގޮނޑިއެވެ. މި ގޮނޑިތައްވެސް ކަށަވަރުވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު އެއްވެސް ފަރާތަކުން ކެންޑިޑެންސީ ހުށައަޅާފައި ނުވާތީއެވެ.

އެގޮތުން ކޮމިޓީތަކުން އެމްޑީޕީއަށް ލިބިފައިވަނީ ހެންވޭރު އުތުރު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި ގަލޮޅު އުތުރުދާއިރާ އާއި ގަލޮޅު މެދު ދާއިރާގެ އިތުރަށް ގަލޮޅު ދެކުނު ދާއިރާ އާއި މައްޗަންގޮޅި އުތުރު ދާއިރާ އަދި މައްޗަންގޮޅި މެދު ދާއިރާ އާއި، މައްޗަންގޮޅި ދެކުނު ދާއިރާ އާއި މާފަންނު މެދު ދާއިރާގެ އިތުރަށް މާފަންނު އުތުރު ދާއިރާގެ ގޮނޑިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާޞުގައި ވާދަކުރައްވާ ކެޑިޑޭޓުންގެ ނަންމބަރުތައް ތަރުތީބުކޮށްފައިވާއިރު މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ކެޑިޑޭޓް ނަންބަރު 1 ލިބިވަޑައިގެންފައިވަނީ ޕީޕީއެމްގެ ކެޑިޑޭތް ޑރ އަހުމަދު މުއިއްޒަށެވެ. އަދި ކެޑިޑޭޓް ނަންބަރު 2 އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީއަށް ލިބިވަޑައިގެންފައިވާއިރު ކެޑިޑޭޓް ނަމްބަރި ތިނެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެޑިޑޭޓް އަނަސް އަބްދުއް ސައްތާރަށެވެ.