މަޢުލޫމާތު ފެތުރުމުގެ ބާރުތައް ލާމަރުކަޒުވެފައިވާ، މަޢުލޫމާތުގެ މި ރަންޒަމާނުގައި، ޑިމޮކްރަޓިކް ޤައުމުތަކުން ކުރިމަތިލާންޖެހޭ އެންމެ ނުރައްކާތެރި ހަތިޔާރުތަކުގެ ތެރޭގައި ދޮގު ޚަބަރާއި މަޢުލޫމާތު ހިމެނެއެވެ. މުޖުތަމަޢު ބައިބައިކޮށް، އެ ބައިބައިވުމުގެ ތެރެއިން ބައެއްގެ އަމިއްލަ އެޖެންޑާއެއް ތަންފީޒުކުރުމަށް ކާމިޔާބު ލިބިގެންމިދަނީ، މަޢުލޫމާތު ފެތުރުމަށް ފަހިވެފައިވާ މަގުތައް ބޭނުންކުރުމުގައި، ފަރުދީ އަދި މުވައްސަސީ ފެންވަރެއްގައި އަދާކުރަންޖެހޭ ޒިންމާ އަގުކުރަން، އަހަރެމެންނަށް ނުކުޅެދިފައިވާތީއެވެ. ދޮގު ޚަބަރާއި މަޢުލޫމާތު ފަތުރާ ފަރާތްތަކުގެ އެޖެންޑާގެ ކާމިޔާބީ މިނޭނޭ އެއް ގޮތަކީ، ކޮންމެ މަޢުލޫމާތަކާމެދު ސުވާލު އުފައްދަންޖެހޭ ދަރަޖައަށް، މަޢުލޫމާތަށް ކުރާ އިތުބާރު ކުޑަވެގެންދާ ދިއުމެވެ. އެހެންކަމަށް ވާނަމަ، މި ކަމުގައި އަހަރެމެންގެ ދިވެހިރާއްޖެ މިއޮތީ ކިހާ ހިސާބެއްގައިތޯ ވިސްނާލަންވީ ވަގުތު އައިސް ޖެހިއްޖެއެވެ.

ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ބޮޑު ކަމެއް ހިނގާ ކޮންމެ ދަނޑިވަޅެއްގައި އެކަމެއްގެ މަޢުލޫމާތު އެންމެ ތާޒާކަމާއެކު ހޯދުމަށް ޢާއްމު ރައްޔިތުން މިހާތަނަށް ބަރޯސާވެފައިވަނީ ޚަބަރު ފަތުރާ ވަޞީލަތްތަކަށެވެ. އެހެންނަމަވެސް ޚަބަރު ފަތުރާ ވަޞީލަތްތަކުން މަޢުލޫމާތުގެ ދާއިރާގައި ވެރިކަންކުރި ޒަމާން މިހާރު މިވަނީ މާޒީއާ އެކުވެގޮސްފައެވެ.

މިއަދު، ކޮންމެ ފަރާތަކުން ކޮންމެ މަޢުލޫމާތެއް ދިންކަމުގައިވިޔަސް އެ މަޢުލޫމާތަކާ މެދު މަޝްވަރާކޮށް، އެ މަޢުލޫމާތެއްގެ ތެދު ދޮގު ބެލުމަށް، ސޯޝަލް މީޑިއާ ބޭނުންކުރާ ބީދައިން، މަޢުލޫމާތު ފަތުރާ ފަރާތްތަކުން، މެދުވެރިއަކާ ނުލައި ސީދާ އޯޑިއަންސަށް މަޢުލޫމާތު ފެތުރުމަށް ބޭނުންކުރާ ވަޞީލަތަކަށްވެސް ސޯޝަލް މީޑިއާ މިވަނީ ވެފައެވެ. އެލްގޮރިދަމްތަކުގެ އެހީގައި، މީހާގެ ޝަޢުޤުވެރިކަން އުފައްދާ މަޢުލޫމާތުތައް ދެނެގަނެ، އެ މަޢުލޫމާތުތައް، ތެދު ދޮގު ބެލުމެއް ނެތި، އެމީހެއްގެ ސްކްރީނާ ހަމައަށް ގެންގޮސްދެއެވެ. މި މަޢުލޫމާތުގެ ޚަޒާނާގައި، ދޮގު މަޢުލޫމާތު ނުވަތަ ގޯސް މަޢުލޫމާތު ގިނަވާ ސަބަބަކީ ހަމައެކަނި ނުބައި މަޢުލޫމާތެއް ފެތުރުމުގެ މަޤްޞަދެއް ބައެއްގެ ކިބައިގައި އޮތުމެއް ނޫނެވެ. މީގެ ތެރޭގައި ނޭނގި ދޮގު ޚަބަރު ހިއްސާކުރެވޭ ކުރެވުންވެސް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

އެކި މީޑިއަމްތަކުން ފެންނަ ދޮގު މަޢުލޫމާތުގެ ތެރޭގައި މިސްއިންފޯމޭޝަން ނުވަތަ ނޭނގި ދޫކުރެވޭ ދޮގު މަޢުލޫމާތު، ޑިސްއިންފޯމޭޝަން ނުވަތަ ގެއްލުމެއް ދިނުމުގައ ގަސްދުގައި މާނަ އޮޅޭގޮތަށް ދައުރުކުރާ ތެދު މަޢުލޫމާތު އަދި މެލްއިމްފޯމޭޝަން ނުވަތަ ގަސްދުގައި ގެއްލުމެއް ދިނުމަށް ފަތުރާ ދޮގު ނުވަތަ ބަދަލުކޮށްފައިވާ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން، މީހެއްގެ ޝަޚްޞު އޮޅުވާލައިގެން އޭނާގެ ޝަޚްޞު ކަތިލުމަށް، އޭނާގެ ނަމުގައި އެހެން މީހަކު އުފައްދާ ކޮންޓެންޓުވެސް ދޮގު މަޢުލޫމާތު ފެތުރުމުގައި މުހިއްމު ދައުރެއް އެބަ އަދާކުރެއެވެ.

މިފަދަ މަޢުލޫމާތުގެ މިސާލުތަކަށް ބަލަނީނަމަ މި ޒަމާނަކީ ރަސްމީ އިދާރާތަކުން ރަސްމީ ކަންކަމުގައިވެސް ސޯޝަލް މީޑިއާ ބޭނުންކުރާ ޒަމާނެވެ. އެހެންނަމަވެސް ހިތާމައަކީ، ރަސްމި އިދާރާއެއްގެ ސިއްކަ ނުވަތަ ނަން ބޭނުންކޮށްގެން، އެ އިދާރާއެއްގެ ނަމުގައި ދޮގު މަޢުލޫމާތު ނުވަތަ އިމްޕޯސްޓަރ ކޮންޓެންޓް އުފައްދައި ޢާއްމުކުރާކަމީ، އެންމެން ދަންނަ ބޮޑު ސިއްރަކަށް ވެފައިވާކަމެވެ. މިފަދަ އެތައް މިސާލެއް، ސިޔާސީ ގަޑުބަޑުތަކުގެ ތެރެއިންނާއި ޤައުމަށް ދިމާވާ އިޖުތިމާޢީ ބޮޑެތި މައްސަލަތަކުގެ އިތުރުން ކާރިސާތަކުގެ ޙާލަތުގައިވެސް މި ކުޑަކުޑަ ދިވެހިރާއްޖެއިންވެސް ވަނީ ފެނިފައެވެ. އަދި ދަނީ ފެންނަމުންނެވެ. މިފަދަ ތެދު ނޫން މަޢުލޫމާތުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާ ފަހަރުތައް އަދި ވަކިވަކި ފަރުދުންގެ ޖާނާއި މާލަށް ނުރައްކާވާ ޙާލަތްތައް ކުރިމަތިވެފައިވަނީ މަދަކުން ނޫނެވެ.

ތެދު މަޢުލޫމާތުގެ އަގަށް ވުރެ ތެދު މަޢުލޫމާތުކަމަށް ބެލެވޭ މަޢުލޫމާތުގެ އަގު، މި ދަނޑިވަޅުގައި އުފުލިފައިވާކަމަށް ޕޯސްޓް- ޓްރުތު ޕޮލިޓިކްސް ދިރާސާކުރައްވާ ދިރާސާވެރިންވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ. މި ޙަޤީޤަތް ބަލައިގަންނަ ހިނދު، ޚަބަރު ފެތުރުމަށް އަދި ޚަބަރު އޮޅުންފިލުވުމަށް މި ވަޞީލަތްތައް ބޭނުންކުރުމުގައިވެސް، ޒިންމާދާރު އުޞޫލުތަކެއް ގެންގުޅެން ޖެހޭކަން އަހަރެމެން ދަންނަން އެބަޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤަކަށް ވާ ހިނދު، އެ ޙައްޤު ބޭނުންކުރުމުގައި ޒިންމާދާރުވުމަކީ ފަރުދީ މަސްއޫލިއްޔަތެއްކަމުގައި ދެކެން އެބަޖެހެއެވެ.

މަޢުލޫމާތެއް އަތްމަތި ވާހިނދު، އޭގެ ތެދު ދޮގު ފެތުރުމުގައި ފަރުދީ ފެންވަރެއްގައި ބަލަންޖެހޭ އެތައް ކަމެއްވެސް އެބައޮތެވެ. ފެކްޓް ޗެކް ކުރުން ނުވަތަ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހަދަން އެބަޖެހެއެވެ. މީހަކު ދައްކާހާ ވާހަކައެއް އެއީ ތެދުކަމަށް ބަލައިގަތުމުގެ ބަދަލުގައި އެމީހާއަކީ އިތުބާރު ހިފޭ މީހެއްތޯ ދެނެގަންނަންޖެހެއެވެ. އަދި ލިބޭ މަޢުލޫމާތަކާ މެދު ޝައްކެއް އުފެދޭނަމަ، އެ މަޢުލޫމާތުގެ މަސްދަރު ހޯދައި، މަޢުލޫމާތު ފަތުރާ ފަރާތަކީ އިތުބާރު ހިފޭ ފަރާތެއްތޯވެސް ދެނެގަންނަންޖެހެއެވެ. މީހުން ދައްކާ ވާހަކައިގެ ތެދު ދޮގު ބެލުމުގެ އިތުރުން، ނުދައްކާ އެ ދޫކޮށްލާ ވާހަކައަކީ ކޮބައިތޯ ވިސްނާލަންޖެހޭ ދަނޑިވަޅުތައްވެސް އަންނަކަން، ހަނދާންބަހައްޓަން އެބަޖެހެއެވެ.