ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއާއި އާސަންދަ ކުންފުނި ގުޅިގެން މިމަހު ބޭއްވުމަށް ހަމަޖެހިފައވާ "ކެއަރ ފޮރ ޓައިނީ ހާރޓްސް" ކޭމްޕް ފަސްކޮށްފިއެވެ.

މި ކޭމްޕް ފަސްކުރިކަން ހާމަކޮށް ޓައިނީ ހާޓްސްއިން ނެރެފައިވާ ބަޔާނުގައިވަނީ މިމަހުގެ 7 އިން 9 އަށް އޭޑިކޭ ހޮސްޕިޓަލުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކޭމްޕް ފަސްކުރަން ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ކަމަށެވެ. މި ވައިރަހުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ބަލައި، މި ކޭމްޕް ފަސްކުރީކަަމަށް ޓައިނީ ހާޓްސްއިން ބުނެއެވެ.

ޓައިނީ ހާޓްސްއިން ބުނީ މިކޭމްޕަށް ކުޑަކުދިންގެ ބަލިތަކަށް ޙާއްސަ ދެ ޑޮކްޓަރެއް އިންޑިއާއިން ގެނައުމަށް ނިންމާފައިވާ ކަަމަށެވެ. އެ ދެ ޑޮކްޓަރުންނަށް 165 ފަރާތެއް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދާފައިވާ ކަަމަށް ޓައިނީ ހާޓްސްއިން ބުނެފައިވެއެވެ.

ޓައިނީ ހާޓްސްއިން ނެރެފއިވާ ބަޔާނުގައި ވަނީ ކޭމްޕް ފެށެން ކުރު މުއްދަތަކަށް ވެފައިވަނިކޮށް ކޭމްޕް ކެންސަލްކުރުމުން ދިމާވެދާނެ ނުތަނަވަސް ކަމަކަށް، ކޭމްޕުގެ އެންމެހާ މެމްބަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ދެން މިކޭމްޕް އަލުން ބާއްވާނީ ކޮން ތާރީހަކުކަމެއް ޓައިނީ ހާޓްސްއިން ހާމަކޮށްފައެއް ނުވެއެވެ.