މެދުކެނޑުކަމަށްފަހު އަނެއްކާވެސް ފެށި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭ) ކަޕުގެ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި އޭދަފުށި 13-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ވަރަށް ކުރީކޮޅު ޓީސީއަށް ކުޅެމުން އަންނަ އޭދަފުށީގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ވަނީ އޭނާ އުފަން ރަށުގެ ޓީމު ކޮޅަށް ހެޓްރިކެއް ހަދާފައެވެ.

ސައްޓު ހެޓްރިކު ފުރިހަމަކޮށްފައިވަނީ މެޗު ފަށައިގެން 13 ވަނަ މިނެޓުގައެވެ. މެޗު ފަށައިގެން އެއް މިނެޓު ނުވަނީސް ސައްޓުގެ ފުރަތަމަ ގޯލު ޖެހިއިރު ދެވަނަ ގޯލު ޖަހާފައިވަނީ 10 ވަނަ މިނެޓުގައެވެ. އަދި އޭނާ ހެޓްރިކް ފުރިހަމަކުރި ގޯލު ޖަހާފައިވަނީ 13 ވަނަ މިނެޓުގައެވެ.

މި މެޗުގައި ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ހަތަރު ލަނޑު ޖެހިއިރު، އެޓީމުގެ ބިދޭސީ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓްވެސް ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން މި މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އިސްމާއިލް އީސަ (މެސީ) އާއި އަހުމަދު ފައްރާހެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗާ ކުރިމަތިލީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅެއް ހޯދުމަށް ނޫން ކަމަށާއި، ނަމަވެސް މެޗުން ލިބުނު މޮޅާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

އޭދަފުށީގެ އެސިސްޓަންޓް ކޯޗު އަބްދުލް މަޖީދު ހަސަން ބުނީއެހާ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ވަނުމުން ކަމަށާއި، އަދި ގައުމީ ފުޓްބޯޅަ ދަނޑަށް ކުޅުންތެރިން އާވުމުގެ ސަބަބުން އެކަމުގެ އަސަރުވެސް ކުރި ކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅޭ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު ގްރީން ސްޓްރީޓްސް އެވެ.

އެންމެފަހުން އެފްއޭ ކަޕް ބާއްވާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އެފަހަރުގެ އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ނަމަވެސް މިވަގުތު ނިއު އޮތީ ފުޓުބޯޅައިގެ ހަރަކާތްތަކުން އެކަހެރިކޮށްފައެވެ.