ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ނާއިބެއްގެ ގޮތުގައި ހުންނެވުމަށްފަހު ފަހުން ވެރިކަމަށް ވަޑައިގެންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާ ދެމެދު އޮތް ގުޅުން މިހާރުވެސް ބަދަހި ކަމަށާއި އެއްވެސް ކަހަލަ ހިންހަމަނުޖެހުމެއް ނެތް ކަމަށް ޑރ. ވަހީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ގޮނޑިކޮޅު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ވަހީދު ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައި ކަމަށެވެ. އަދި ސިޔާސީ ދާއިރާއަށް ނިކުންނަވައި ރައްޔިތުންގެ މަޖިލީހުގައިވެސް ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ އުފެދުނުއިރު އެޕާޓީގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވި ކަމަށެވެ.

2008 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ރަނިންމޭޓެއްގެ ގޮތުގައި އެމަނިކުފާނާއި އެކު އިންތިޚާބުގައި ވާދަކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތު ޑރ ވަހީދު ސިފަކުރެއްވީ ނިއުމަތެއްގެ ގޮތުގައެވެ. ޑރ ވަހީދު ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބު ބޯމަތިވެގެން އައިރު އެމަނިކުފާނު ހުންނެވީ އެހެން ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ކަމަށެެވެ. އޭރު އެމްޑީޕީގެ ވިސްނުން ހުުރީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށްވާއިރު ރިޔާސީ އިންތިހާބަށް އެޕާޓީން ޓީމެއް އެކުލަވާލި ކަމަށެވެ. އަދި ރަނިންމޭޓަކަށް ވުމުގެ ފުރުސަތު ލިބިވަޑައިގަތީ އެގޮތުން ކަމަށާއި އެއީ ރައީސް ނަޝީދުގެވެސް އެދިވަޑައިގަތުމުގެ މަތިން ލިބިވަޑައިގަތް ފުރުސަތެއް ކަމަށެވެ.

އިންތިޚާބުގައި ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީންވެސް ދައުވަތު ދިން ކަމަށާއި އެހެންނަމަވެސް އެންމެ ރަނގަޅުގޮތް ކަމުގައި ފެނިވަޑައިގަތީ އެމްޑީޕީގެ ރަނިންމޭޓަކަށް ވެވަޑައިގަތުން ކަމަށްވުމުން އެގޮތަށް ނިންމެވީ ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

އެއީ ވަރަށް ބޮޑު ނިއުމަތެއް، މާތް ﷲ އެކަން އެގޮތަށް މެދުވެރި ކުރެއްވީ، އިންތިހާބު ބޯމަތިވެގެން އައި އިރު އަޅުގަނޑު ހުރީ އެހެން ޕާޓީއެއްގެ ރައިސްއަކަށް، ދެން އެމްޑީޕީގެ ވިސްނުން ހުރީ އިންތިހާބު ކާމިޔާބުކުރުމަށް ދެން އެބޭފުޅުން ނިންމީ ޓީމެއް އެކުލަވާލަށް އެގޮތުން ލިބުނު ފުރސަތެއް މިއީ ހަމަ އެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމްވެސް އަޅުގަނޑަށް ދައުވަތު އެރުވި އެކަމަު އޭރު އަޅުގަނޑަށް ލަފާ އެރުވި ބޭފުޅުންގެވެސް ގެ މަތިން އަދި އަޅުގަނޑޫ ކުރިން އުޅުނު ޕާޓިއަކީ އެމްޑީޕީއަށް ވާތީއާ އެކުގަ އެގޮތަށް ނިންމީ
ޑރ ވަހީދު

ޑރ ވަހީދު ވިދާޅުވީ އިންތިހާބު ކާމިޔާބުވެ ނާއިބުރައީސްގެމަގާމު ލިބިވަޑައިގަތުމުން އެއްވެސް ނުފޫޒަކާ ނުލާ ނާއިބުރައީސެއްގެ ދައުރު އަދާކުރުމުގެ ފުރިހަމަ ބާރާއި މިނިވަންކަން ލިބިވަޑައިގެންނެވި ކަމަށެވެ. އޭރު ހަވާލުކުރައްވާފައި އޮތީ އިޖުތިމާއީ ދާއިރާ ކަމަށާއި އޭގެ ތެރޭގައި ތައުލީމީ، ސިއްހީ އަދި ޑްރަގް ޕްރިވެންޝަންގެ ކަންކަން ހިމެނިފައިވާއިރު، އެ ދާއިރާތަކަށް ކުރިއެރުން ލިބުނު ކަމަށްވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި މި ހުރިހާ މަސައްކަތެއްގައި ރައީސް ނަޝީދުގެ އެއްބާރުލުން ފުރިހަމައަށް ލިބިފައވާ ކަމަށާއި ކޮންމެ ކަމެއްގައިވެސް އެމަނިކުފާނު އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

ޑރ ވަހީދު ވިދާޅުވީ އޭރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި ކޯލިޝަންތަކުގެ ތެރޭގައި ނުތަނަވަސްކަންވެސް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ތިމާމެންގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މީހުންވެސް ތިބޭނެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުގައިވެސް އެފަދަ ކަންކަން ހުރި ކަމަށާއި އޭގެ ސަބަބުން ސަރުކާރު ހިންގުމުގައި ދަތިތަކާވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި އުފެދިގެން ދިޔަ ބޮޑު ހަމަނުޖެހުމަކީ އެއީ އެމަނިކުފާނާއި ރައީސް ނަޝީދާ އޮތް ހަމަނުޖެހުމެއް ނޫން ކަމަށާއި އެއީ އޭރު އައި ސިޔާސީ ބޮޑު ބަދަލުގެ ތެރެއިން އުފެދިގެން އައި ހަމަނުޖެހުންތަކެއް ކަމަށެވެ.

އަދި ސަރުކާރު ބަދަލުވެގެން އައިއިރުވެސް އެމަނިކުފާނާއި ރައީސް ނަޝީދާއި ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި މިހާރުވެސް އެމަނިކުފާނާއި ރައީސް ނަޝީދާ އޮންނަ ގުޅުން ބަދަހި ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑާ އޭރުގެ ރައީސްއާ ދެމެދު ހިންހަމަނުޖެހުން ހުރުމަށްވުރެ ބޮޑަށް، އޭރު ގައުމުގެ ސިޔާސީ މަސްރަހު ބދަލުވެގެން ދިޔަ ދިޔުމުން އުފެދުނު ބޮޑު ހަމަނުޖެހުންތަކެއް އޭރު ދިޔައީ، ބައެއް ބޭފުޅުންނަށް ހީވެފަ އޮންނާނެ އަޅުގަނޑާ ރައީސް ނަޝީދާއި ދެމެދު ހިންހަމަ ނުޖެހިގެން އަރައިރުންވަނީ ކަމަށް، އެއްވެސް ގޮތަކަށް އެހެނެއް ނޫން، މިހާރުވެސް ރައީސް ނަޝީދާ ބައްދަލުވެއްޖެ ނަމަ ވާހަކަދައްކަން. އޭރުވެސް ރައީސް ނަޝީދުވެސް އަޅުގަނޑުވެސް ދުވަހަކުވެސް ނުހުންނާނެ ކޯފާ ވެގެން އެއްޗެއްް ބުނެފައެއް
ޑރ ވަހީދު

ޑރ ވަހީދު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރު އެކަމާ ގުޅޭ އެއްވެސް ވާހަކައެއް އެމަނިކުފާނާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. އަދި އެއްވެސް މަޝްވަރާއެއްވެސް ކުރައްވާފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދާއި އެކު އިސްތިއުފާ ދެއްވަން ޖެހޭނެއެކޭވެސް ވިދާޅުވެފައި ނުވާ ކަމަށާއި އޭރު ކަންތައް ދިމާވި ގޮތުން ކޮންމެވެސް ވަރެއްގެ ހިތްނުތަނަވަސްވުމެއް އޮތް ކަމަށެވެ.

އެހެންނަމަވެސް ރައީސް ނަޝީދު އެފަދަ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާތީ ގާނޫނުއަސާސީގައި އޮތް ގޮތުގެ މަތިން އަމަލުކުރެއްވީ ކަމަށާއި ނާއިބުރައީސްގެ މަގާމުގައި ހުންނަވާފައި އެފަދަ ހާލަތެއް މެދުވެރިވުމުން އަތްފޮޅާލާފައި ދިއުމަކީ ރަނގަޅު ގޮތް ކަމުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.