ކްލަބު ގްރީން ސްޓްރީޓްސް ޕެނަލްޓީން ބަލިކޮށް އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރުކޮށްފިއެެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މެޗުގެ 61 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މެޗުގެ 90 މިނެޓު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ގްރީނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އުމެއިރު އެވެ. މާޒިޔާގެ ބިދޭސީ ދެ ޑިފެންޑަރުން ކުރިޔަށް އަރުވައި ކުޅުނު މި މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ.

އިތުރު ވަގުތު ނަތީޖާ އެއްވަރު ވުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓް މާޒިޔާއިން ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ މެޗުން މޮޅުވުމުން ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި ހަފުތާއެއްގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުމުން އުނދަގޫ ތަކަކާއި ދިމާވި ކަމަށެވެ.