ލިވަޕޫލްގެ 1 ވަނަ ކީޕަރު އެލިސަން ބެކާއަށް ޕްރިމިއަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައާއި ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗުގައި ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްއާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެލިސަންއަށް އަނިޔާވެފައިވަނީ އެފްއޭ ކަޕުގައި މި މަހުގެ 4 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން ކުރި ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ އުނަގަނޑަށެވެ. ޗެލްސީއާ ދެކޮޅަށް ކުޅުނު މި މެޗުގެ ޓީމް ލިސްޓްގައި އެލިސަން ހިމަނާފައެއް ނުވެއެވެ. މި މެޗުން ލިވަޕޫލް ވަނީ ޗެލްސީ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ކްލޮޕް ބުނެފައިވަނީ ޕްރެކްޓިސްގައި އެލިސަންއަށް އަނިޔާވުމުން އެއީ މާބޮޑު އަނިޔާއެއް ކަމުގައި ނުދެކޭ ކަމަށާއި އެހެންނަމަވެސް ފަހުން އަނިޔާގެ ސީރިއަސްކަން އެނގުނު ކަމަށެވެ. އަދި އަނބުރާ ކުޅުމަށް އާދެވޭނެ ވަކިދުވަހެއް ނޭނގޭ ކަމަށެވެ. އަދި އެންމެ އަވަސްވެގެންވެސް އެލިސަންއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ ކަމަށް ބެލެވެނީ އިންޓަނޭޝަނަލް ބްރޭކަށް ފަހުގައި ކަމަށެވެ.

އެލިސަންގެ އަނިޔާއާ ގުޅިގެން ލިވަޕޫލް ހާސްކަމެއްގައި ވާއިރު ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ވަނީ ބަލިވެފައެވެ. ކުރިއަށް އޮތް ޕްރިމިއަރ ލީގުގައި މިމަހު 7 ވަނަ ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުގައާއި ޗެންޕިއަންސް ލީގުގައި މިމަހުގެ 12 ވަނަ ދުވަހު އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗުގައި އެލިސަންގެ ބަދަލުގައި ލިވަޕޫލްގެ ގޯލް ބަލަހައްޓާނެ ކަމަށް ބެލެވެނީ ބަދަލު ކީޕަރު އެޑްރިއަންއެވެ.