ހުކުރު ދުވަހުގެ ރޭ އެފްއޭ ކަޕުގައި ވިލިމާލޭ ޔުނައިޓެޑު ކޮޅަށް އަހްމަދު ރިޒްވާން (ރިޒޭ) ވައްދާލި 10 ގޯލާއެކު 12-0 ގެ ނަތީޖާއަކުން މޮޅުވެ ކްލަބް އީގަލްސްއިން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި އީގަލްސް ގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅޭ ޖަޕާނުގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާ (ޓޮށީ) އާއި ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. މެޗުގައި ފެނިގެންދިޔަ 12 ލަނޑުގެ ތެރެއިން ފުރަތަމަ ހާފްގައި ޖަހާފައި ވަނީ 3 ލަނޑެވެ. އަނެއް 9 ގޯލު ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ.

މެޗު ފެށިގެން 6 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ އީގަލްސް އަށް ލީޑް ނަގައިދިނީ ޓޮށީ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިޒޭ މެޗުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް އީގަލްސްގެ 3 ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރިޒޭއެވެ.

ދެވަނަ ހާފް ފެށިގޮތަށް މެޗުގެ 46 ވަނަ މިނެޓުގައި ހަންނަ ވަނީ އީގަލްސްގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި އޭގެ 4 މިނެޓުފަހުން 50 ވަނަ މިނެޓުގައި ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށް މެޗުގެ ނަތީޖާ 5-0 ކަށް ބަދަލުކޮށްލިއެވެ. އަދި މެޗުގައި އިތުރު ގޯލެށް މެޗުގެ 51 ވަނަ މިނެޓުގައި ރިޒޭ ކާމިޔާބު ކޮށްދިނެވެ. އޭގެ 2 މިނެޓުފަހުން 53 ވަނަ މިނެޓުގައި މެޗުގެ 7 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރިޒޭ އެވެ. އަދި 61 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ އޭނާގެ 2 ވަނަ ހެޓްރިކް ފުރިހަމަ ކުރިއެވެ. މެޗުގެ 9 ވަނަ ލަނޑުވެސް އީގަލްސް އަށް ކާމިޔާބު ކޮށްދިނީ ހަންނައެވެ. އަދި ކައިރި ކައިރީގައި 2 ލަނޑު ޖަހާ ރިޒޭ މެޗުގެ ނަތީޖާ 11-0 ކަށް ބަދަލުކޮށްލިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނެޓަށް ވެފައި ވަނިކޮށް ހަންނަ ވަނީ މެޗުގެ 12 ވަނަ ލަނޑު ޖަހާ އޭނާ މެޗުގައި ޖެހި 10 ވަނަ ގޯލް އީގަލްސް އަށް ކާމިޔާބު ކޮށްދީ ވިލިމާލޭ ޔުނައިޓެޑު ލަދުގަންނަވާލާފައެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހު ޓީސީއިންވެސް ވަނީ ކްލަބް އޭދަފުށީގެ މައްޗަށް 13-0 ކުން ކުރިހޯދާފައެވެ. މި މެޗުގައި ޓީސީގެ އިޝާން އިބްރާހީމް އާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި ބިދޭސީ ކުޅުންތެރިޔާ މެލްކޮމް ވަނީ ހެޓްރިކް ހަދާފައެވެ. މުބާރާތުގެ ސެމީ ފައިނަލްގެ 2 މެޗުވެސް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ސެމީގައި އީގަލްސް ކުޅެން ޖެހޭނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ޓީސީ ވާދާަ ކުރަންޖެހޭނީ ވަރުގަދަ މާޒިޔާއާ އެވެ.