މެސީ އަކީ މިހާރު އެހެން ކުޅުންތެރިންނަށްވުރެ ތަފާތު މޮޅު، އާދަޔާހިލާފު ކުޅުންތެރިއެއް ނޫންކަމަށާއި މެސީގެ ކުޅުމުގެ ޓެންޕޯ ލަސްވުމުގެ ސަބަބުން ބާސެލޯނާގެ ކުޅުން ހަލާކުވަމުންދާކަމަށް އާޖެންޓީނާގެ ކުރީގެ ގޯލް ކީޕަރު ހޫގޯ ގަޓީ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ސްޕެނިޝް ބަހުން ގެނެސްދޭ 'އެލް ޗިރިންގީތޯ' ކިޔާ ޓީވީ ޝޯ އަކަށް ދިން އިންޓަވިއު އެއްގައެވެ. އެލް ލޯކޯގެ ނަމުން މަޝްހޫރުވެފައިވާ ގަޓީ އަކީ ބޮކަ ޖޫނިއާސް އާއެކު ދެ ފަހަރަށް ކޮޕަ ލިބެޓަޑެރޯސް އަދި އިންޓަރކޮންޓިނެންޓަލް ކަޕްގެ ތަށި އެއް ފަހަރަށް އުފުލާލައިފައިވާ ކުޅުންތެރިއެކެވެ.

ގަޓީ އަކީ 1982 ވަނަ އަހަރު އާޖެންޓީނާގެ އެންމެ މޮޅު ކުޅުންތެރިޔާގެމަގާމާއި 20 ވަނަ ގަރުނުގެ އާޖެންޓީނާގެ 3 ވަނަ އަށް އެންމެ އެންމެ މޮޅު ގޯލް ކީޕަރުގެ ގޮތުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) އިން ކުރިއަށް ގެންދިޔަ ޕޯލް އެއްގެ ނަތީޖާއިން ރޭންކް ކުރެވިފައިވާ ކީޕަރެކެވެ.

ގަޓީ ބުނީ ކުރިޔާ އަޅާ ބަލާއިރު މިހާރު ދަނޑުމަތީގައި ގިނަވަގުތު ހޭދަ ކުރަނީ ހިނގާފައި ކަމަށެވެ. ގަޓީ އިތުރަށް ބުނީ އޭނާ މިހެން ބުނެގެން ކިތަންމެ ވަރަކަށް އޭނާއަށް ފާޑު ކީ ކަމުގައިވިޔަސް ފަރުވާލެއް ނެތް ކަމަށެވެ. ގަޓީ މިހެން ބުނިކަމުގައި ވިޔަސް މެސީ ވަނީ މި ސީޒަނުގައި ބާސާއަށް ކުޅެދިން 30 މެޗުން 23 ގޯލް ޖަހާ 16 އެސިސްޓް ކޮށްދީފައެވެ.

ހަ ފަހަރަށް ބަލޮންޑޯ އެވޯޑްވެސް ހޯދާފައިވާ މެސީއާ ބެހޭގޮތުން ވާހަކަދައްކަމުން ގަޓީ ބުނީ މޮޅު ކުޅުންތެރިއަކަށް ހަދާ ހުރިހާ ބޯޅައެއް އޭނާއަށް ދިނުމުގެ ސަބަބުން މެސީ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އަދި މެސީ އިތުރު ހިތްވަރަކާ އެކު މަސައްކަތްކުރަން ޖެހޭކަމަށްވެސް ގަޓީ ފާހަގަ ކޮށްފައިވެއެވެ. އަދި ރޮނާލްޑޯއާއި މެސީއަކީ އެންމެ މޮޅު ދެކުޅުންތެރިން ކަމަށާއި މިކަހަލަ ކުޅުންތެރިންގެ ކުޅުން ހަލާކުވަނީ އެއް ޓީމަކަށް ކުޅޭ އެހެން ކުޅުންތެރިން މާ ބޮޑަށް މި ކުޅުންތެރިންނަށް ބަރޯސާވުމުގެ ސަބަބުން ކަމަށެވެ.

ވާދަވެރި މެޗަކަށް އުމުރުން އެންމެ 17 އަހަރުގައި ބާސާގެ ޖާޒީގައި ނިކުތް މެސީވަނީ ބާސާއާއި އެކު 34 ޓްރޮފީއެއް ވަނީ ހޯދާފައެވެ. އަދި ގިނަބަޔަކު ގަބޫލް ކުރާގޮތުގައި މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާއެވެ.